ޗައިނާގެ ކޮމިނިސްޓް ޕާޓީއަށް އެމެރިކާއަކާ ނުކުޅެވޭނެ: ޕޮމެޕެއޯ

ޕޮމްޕެއޯ

ބެއިޖިން (އޮގަސްޓް 11): އެމެރިކާއިން ޗައިނާގެ މަސްއޫލުވެރިންނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ޗައިނާ އެމެރިކާގެ އިތުރު ދެ މަސްއޫލުވެރިއަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ކޯފާވެއްޖެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގައި "ނިއުޒް މެކްސް" ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ޕޮމްޕެއޯ ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް އެމެރިކާއާ ނުކުޅެވޭނެ ކަމުގައެވެ. ޗައިނާ އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ވަޒަންކުރުމަށްފަހު އެކަމަށް އެކަށީގެންވާ ރައްދު ދޭނެ ކަމުގެ އިންޒާރު ދެއްވަމުން ޕޮމްޕެއޯވަނީ ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ ރައްޔިތުން ހިމާޔަތް ނުކުރާނެކަން ޗައިނާއަށް ހީވާނަމަ އެއީ ޗައިނާގެ މައްސަލައެއްކަމަށާ ޗައިނާ އެމެރިކާއާ ކުރިމަތިލާންޖެހޭނީ ޗައިނާގެ ވަރުންކަމަށް ވިދާޅުވެ މަލާމާތުގެ ބައެއް ބަސްތައް ބޭނުން ކުރައްވާފައެވެ.

ޓްރަމްޕްގެ ސަރުކާރުގައި ހިމެނޭ އެންމެ ހަރުކަށި ވިސްނުމުގެ މަސްއޫލުވެރިޔާ ކަމަށް ސިފަކުރެވޭ ޕޮމެޕެއޯ ގެ ވާހަކަތައް ހުރީ ޗައިނާގެ ފިޔަވަޅުތަކާމެދު ކޯފާވެގެން ޗައިނާ ނިކަމެތިކޮށްލުމުގެ ރާގެއްގައި ކަމަށާ ޕޮމްޕެއޯ ކޯފާވެގެން މިއުޅެނީ އދ. ން އީރާނާ ދެކޮޅަށް އަޅާފައިވާ ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތައް އޮކްޓޯބަރުގައި އަލުން އައު ކުރުމަށް އެމެރިކާ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރަށް ޗައިނާ ދެކޮޅުހަދާތީކަމަށް ބެލެވޭކަމަށް މުރާސިލުން ބުނެއެވެ. ޗައިނާއިން ވީޓޯކޮށްފިނަމަ އެމެރިކާގެ ގަރާރު އުވި އީރާނާދެކޮޅަށް އަޅާފައިވާ ހަތިޔާރުގެ ފިޔަވަޅުތައް އުވިގެންދާނެއެވެ.

ވައިޓް ހައުސް އިން ވަނީ ޗައިނާއިން އެމެރިކާގެ މަސްއޫލުވެރިންނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބުރަދަނެއްނެތް އެއްޗެއްކަމަށް ސިފަކޮށްފައެވެ. އަދި ޗައިނާގެ ފިޔަވަޅުތަކަށް ރައްދު ދިނުމަށް ޓަކައި އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިޝާރާތެއް ވައިޓް ހައުސްގެ ތަރުޖަމާނު ކެއިލީ މެކްނަނީ ދެއްވާފައެއް ނުވެއެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާގެ ކޮންގްރެސްގެ ދެ މެންބަރެއްގެ މައްޗަށް ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތައް އިއްޔެ އެޅިކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާގެ ފިޔަވަޅުތަކުގެ ރައްދުގައި ޗައިނާއިން މިހާތަނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި އެމެރިކާގެ މަސްއޫލުވެރިންގެ އަދަދު 11 އަށް އަރައެވެ. އެމެރިކާއިންވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ޗައިނާގެ 11 މަސްއޫލުވެރިއަކާ ދެކޮޅަށެވެ. އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ހޮންގްކޮންގައި ޑިމޮކްރަސީގެ ނަމުގައި ކުރިޔަށްގެންދާ ވަކިވެގަތުމުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި އެސަރަހައްދުގައި ޗައިނާ ތަންފީޒުކުރަން ފެށި އަމަނާބެހޭ ގާނޫނު ތަންފީޒު ކުރުމުގައި އިސްކޮށް އުޅުއްވާ ޗައިނާގެ މަސްއޫލުވެރިންނާ ދެކޮޅަށެވެ. ޗައިނާއިން އެމެރިކާގެ މަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅުއެޅީ އެފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

ޗައިނާއިން އެމެރިކާގެ މަސްއޫލުވެރިންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތަފްސީލު އެގައުމުގެ ޚާރިޖީ ވުޒާރާއިން ދީފައެއް ނުވެއެވެ. ނަމަވެސް ޗައިނާގެ މީޑީއާ ބުނާގޮތުން އެފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އެމަސްއޫލުވެރިން ޗައިނާއަށް ވަނުންމަނާކުރުމާއި ޗައިނާގެ ބޭންކްތަކުގައިވާ އެބޭފުޅުންގެ އެކައުންޓްތައް ފްރީޒް ކުރުމާއި ޗައިނާގައިވާ އެބޭފުޅުންގެ އެސެޓްތައް ހިފެހެއްޓުމެވެ. އެމެރިކާއިން ޗައިނާގެ މަސްއޫލުވެރިންނާ ދެކޮޅަށް އަޅާފައިވަނީވެސް މިފަދަ ފިޔަވަޅުތަކެކެވެ.

ޗައިނާއިން ދަތި ކުރުމުގެ ފިޔަވަޅު އެޅި އެމެރިކާގެ 11 މަސްއޫލުވެރިންގެ ތެރޭގައި ކޮންގްރެސް 6 މެމްބަރަކުވެސް ހިމެނެއެވެ. އިއްޔެ ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި އެމެރިކާގެ ދެ މަސްއޫލުވެރިންނަކީ ކޮންގްރެސްގެ ދެ މެންބަރުން ކަމަށްވާ މާކޯ ރޮބިއޯ އާއި ޓެޑް ކްރޫޒް ހިމެނެއެވެ. ޗައިނާގެ ޚާރިޖިއްޔާއިންވަނީ އެމެރިކާގެ ފިޔަވަޅުތަކަށް ޗައިނާއިން ރައްދު ނުދޭނެކަން އެމެރިކާގެ މަސްއޫލުވެރިންނަށް ހީވާނަމަ އެއީ ކުށްހީއެއްކަމަށް ބުނެފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް