ރަޝިއާއިން ކޮރޯނާވައިރަސް ވެކްސިން ރެޖިސްޓާކޮށް، ޕޫޓިންގެ ދަރިކަނބަލުންނަށް ދީފި

ރަޝިއާގެ ރައީސް ވްލައިޑިމިއާ ޕޫޓިން ވަނީ އެގައުމުން ކޮރޯނާވައިރަހަށް ވެކްސިނެއް ރެޖިސްޓާކޮށްފައިވާ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ

މޮސްކޯ (އޮގަސްޓު 11): ރަޝިއާއިން އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އުފެއްދި ވެކްސިނެއް އެގައުމުގެ ހެލްތު މިނިސްޓްރީގައި ރެޖިސްޓާކޮށްފި ކަމަށް ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ރަޝިއާ ސަރުކާރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވި ގޮތުގައި އެގައުމުގެ ގަމަލެޔާ ނެޝަނަލް ރިސާޗް ސެންޓަރުން އުފެއްދި އެ ވެކްސިން މީހުންނަށް ދިނުމުން އާ ކޮރޯނާވައިރަހުން ރައްކާތެރިކޮށްދެ އެވެ. އަދި ވެކްސިން ޓެސްޓުކޮށް، ޕޫޓިންގެ ދެ ދަރިކަނބަލުންގެ ތެރެއިން އެކަކަށް މިހާރު ވެކްސިން ޖަހާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މުޅި ދުނިޔެއިން ފުރަތަމަ ފަހަރަށް، [ރަޝިއާގައި] ވަނީ އާ ކޮރޮނާވައިރަހަށް ވެކްސިނެއް ރެޖިސްޓާކޮށްފަ. އަޅުގަނޑަށް އެނގޭ ކަމަކީ އެ ވެކްސިން ރަނގަޅަށް މަސައްކަތް ކުރާކަމާއި އޭގެއިން އިމިއުނިޓީ އުފެދޭކަން. އަދި އެ ވެކްސިން ވަނީ ރަނގަޅަށް ޗެކްކޮށްފަ،" ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ވެކްސިން އެންމެ ފުރަތަމަ ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ޓީޗަރުން ފަދަ، ބަލި ޖެހުމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް މީހުންނަށެވެ.

ރަޝިއާ އަކީ މިހާތަނަށް އާ ކޮރޯނާވައިރަހަށް ވެކްސިނެއް ރެޖިސްޓާ ކުރި ފުރަތަމަ ގައުމެވެ. ނަމަވެސް އެ ވެކްސިން ރެޖިސްޓާ ކޮށްފައި ވަނީ ވެކްސިން ޓެސްޓު ކުރުމުގެ ތިން ވަނަ ފިޔަވަހި ނިމުމުގެ ކުރިންނެވެ. އެއީ އެތައް ހާސް މީހުން ހިމަނައިގެން، ދިގު މުއްދަތަކަށް ކުރިއަށް ގެންދަން ޖެހޭ ޓެސްޓުތަކެކެވެ.

ރަޝިއާއިން ވަނީ އެ ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެފަ އެވެ. މީގެ ކުރިން އެމެރިކާގެ މޮޑާނާއިން ވަނީ އެ ކުންފުނިން އުފައްދާ ކޮރޯނާވައިރަސް ވެކްސިންގެ ފަހު ޓެސްޓުތައް ފަށާފަ އެވެ.

މޮޑާނާއިން ބުނި ގޮތުގައި 30،000 މީހުންނާ އެކު ކުރިއަށްގެންދާނެ އެ ޓެސްޓުތައް ނިމޭނީ އޮކްޓޯބަރު 2022ގަ އެވެ. ނަމަވެސް އޭގެ ކުރިން ޓެސްޓުތަކުގެ ވަގުތީ ނަތީޖާތައް ލިބުން އެކަށީގެންވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ޗައިނާއިން ފެނުުނު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 20 މިލިއަން ހުރަސްކޮށްފަ އެވެ. އަދި ބަލީގައި 736،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް