ދަނޑުތަކުގެ މަސައްކަތް އަވަސް ކުރުމަށް ޒުވާނުންގެ ބޮޑު އެހީތެރިކަމެއް

ނ.ކެނދިކުޅުދޫގައި ޓާފް އެޅުމަށް ކުރަމުންދާ މަސައްކަތުގައި ޒުވާނުން އެހީތެރިވަނީ --- ފޮޓޯ//ޓްވިޓާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ރާއްޖޭގެ ރަށްރަށުގައި ބޮޑެތި ފުޓުބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މެކުހަށް ޖަހައިފައިވާ އިރު ދަނޑުތަކުގެ މަސައްކަތް އަވަސް ކުރުމަށް ރަށްރަށުގެ ޒުވާނުން ނުކުމެ އެހީތެރިވާން ފަށައިފި އެވެ.

ރާއްޖޭގެ 100 ރަށެއްގައި ފީފާ އެޕްރޫވްޑް ޓާފު އެޅުމުގެ ވައުދާ އެކު މިހާރުވެސް އެތަކެއް ރަށެއްގައި ދަނޑުތައް ހެދުމުގެ ޕްރޮޖެކްޓްތައް ކުރިއަށްދާ އިރު މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މަސައްކަތްތަކަށް ވަނީ ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައިސްފަ އެވެ. އެހެން ނަމަވެސް މިއަހަރު އެކަނި ވެސް 13 ދަނޑެއްގައި ޓާފް އަޅާ ނިމޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑު ކަމަށް ވެއްޓުމުގެ ކުރިން އިތުރު 22 ރަށެއްގައި ސަބް ބޭސް އެޅުމަށް ބަޔަކާ ހަވާލުކުރެވިފައި ވާނެ ކަމަށެވެ. އެކަމަކު ކޮވިޑްގެ ސަބަބުން އޭގެ ތެރެއިން ގިނަ ދަނޑުތަކުގެ މަސައްކަތް މަޑުޖައްސާލަން މިނިސްޓްރީން ކޮންޓްރެކްޓަރުންނަށް އަންގާފައިވާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

"އެ ސަބަބަކީ އެ ގެންނަން ޖެހޭ ޓާފް ނުގެނެވި ސަބް-ބޭސް ނިމިއްޖެ ކަމަށް ވާނަމަ ދެން އެތަންތަން އަލުން ވިނަ ފަޅާ، އެތަން ހަލާކުވެގެން ދާނެ. އެހެންމަ އަލުން އެކަންކަން ރަނގަޅު ކުރުމަކީ ބޮޑު ޙަރަދަކަށް ވާނެތީ އަޅުގަނޑުމެންގެ ވިސްނުން ހުރީ ޓާފް ގެނެވޭނެ ގަޑިއާ ދިމާކޮށްފައި މަސައްކަތް ފެށުން،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މިހާރު ހަދަމުންދާ ދަނޑުތަކުގެ މަސައްކަތް ނިންމުމަށް ރަށްރަށުގެ ޒުވާނުން ނުކުމެ ބޮޑު އެހީތެރިކަމެއް ވެދެމުންދާކަން ވެސް މަހްލޫފް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ރ. އަލިފުށީގެ ދަނޑު ދިގު އިންތިޒާރަކަށްފަހު ނިމުމަކާ ގާތްވެފައިވާ އިރު މިހާރު ވަނީ ޓާފް އެޅުމުގެ މަސައްކަތް ފަށައިފަ އެވެ. ގިނަ ޒުވާނުންތަކެއްގެ ބައިވެރިވުމާ އެކު މި މަސައްކަތް ފޯރީގައި ލަނގިރި ބޮޑުބެރާ އެކު ފަށައިގެންފައިވާ އިރު އެ ދަނޑުގައި ސަބް ބޭސް އެޅުމަށް ފުރަތަމަ ހަވާލު ކުރީ ހެވީ ފޯސްއާ އެވެ. އެކަމަކު ސަބް ބޭސް ނިންމުމަށްފަހު ޓާފް ނޭޅި ގިނަދުވަސްވެފައިވާތީ އަލުން އަނބުރާ ސަބް ބޭސް ރަނގަޅު ކުރުމަށް އާރްކޭއެލްއާ ހަވާލުކޮށްފައިވާ އިރު އެ މަސައްކަތަށް ވަނީ 1.1 މިލިއަން ރުފިޔާ ހަރަދުވެފަ އެވެ.

ސަބްބޭސް ނިންމުމަށްފަހު ޓާފް އެޅުން ލަސްވަމުންދާތީ ރަށްރަށުގެ ކަންބޮޑުވުން މީގެ ކުރިން ވެސް ފާޅުކޮށްފައިވާ އިރު މިހާރު ޕްލޭން ކޮށްފައިވާ ގިނަ ދަނޑުތަކުގެ މަސައްކަތް މަޑު ޖައްސާލާފައި ވަނީ ވެސް އެކަމުގެ ސަބަބުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެތީ ކަމަށް މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް މިހާރު ހަދަމުންދާ ދަނޑުތަކުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު އެކަމުގައި ޒުވާނުން އެހީތެރިވެ އަވަހަށް ޕްރޮޖެކްޓް ނިންމާލުމަށް ވަނީ އަމާޒު ހިފާފަ އެވެ.

ނ. ކެނދިކުޅުދޫގައި ވެސް މިހާރު ވަނީ އެކަމުގައި ޒުވާނުން މިސާލު ދައްކައިފަ އެވެ. ކޮވިޑްގެ ސަބަބުން ރަށުގައި ގިނަ އަދަދެއްގެ ޒުވާނުން ގާއިމުވެ ތިބި އިރު ރަށުގެ އިޖުތިމާއި މަސައްކަތްތަކަށް ޒުވާނުން އަތުކުރި އޮޅާލައި ނުކުމެފައިވާ އިރު އެ ރަށުގައި ހަދަމުންދާ ފުޓުބޯޅަ ދަނޑުގެ ޓާފް އެޅުމަށް ވެސް ވަނީ ގިނަ ދުވާނުންތަކެއް ނުކުމެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ މަސައްކަތުގައި ބައިވެރިވި ރަށުގެ ޒުވާނެއް ބުނީ ރަށުގެ ޒުވާނުންގެ އުންމީދަކީ ބައިނަލް އަގުވާމީ މެޗުތަކެއް ރަށުގައި ކުޅޭތަން ކޮންމެވެސް ދުވަހަކުނެ ފެނުން ކަމަށާއި، ދަނޑުގެ މަސައްކަތް ނިންމާލުމަށް ހުރިހާ ރައްޔިތުން ވެސް ތިބީ އަތުކުރި އޮޅާލައިގެން ކަމަށެވެ.

comment ކޮމެންޓް