މަޖިލިސް ރައީސް އަނގަގަދަކުރައްވާތީ ޝަރީފް ރަތަށް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: އޭނާ ވަނީ ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުޑަކުދިން ސުކޫލްގައި ގެން ގެންގުޅޭ ގޮތަށް ރައްޔިތުންގެ މަޖިލިސް ނުހިންގޭނެ ކަންފާހަގަކޮށް މަޖިލީހުގެ ރައީސަށް، މަރުދާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ފާޑުވިދާޅުވެއްޖެ އެވެ.

ޝަރީފުގެ "ރުޅިގަނޑު ފަޅައިގެން" ދިޔައީ މަޖިލީހަށް ހާޒިރު ކުރާ ވަޒީރުން ދެއްވާ ޖަވާބުތަކާއި ގުޅިގެން ރިޔާސަތުގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކާއި ގުޅޭ ގޮތުން ނިޒާމީ ނުކުތާއެއް ނަގައި އޭނާގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ފުރުސަތު ނުދެއްވުމުންނެވެ.

މިއަދުގެ ޖަލްސާގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކުރި އިރު، އޭނާ ދެއްވި ބައެއް ޖަވާބުތައް ރައީސް ނަޝީދަށް ކަމު ގޮސްފައި ނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

"އަޅުގަނޑުގެ ވާހަކައަކީ މިތާންގައި ވަޒީރުން އައިސް ސުވާލަށް ޖަވާބު ދިނީމާ ރައީސް ވިދާޅުވާ ގޮތަކުން އަޅުގަނޑުމެނަށް އެއްގޮތަކަށް ވެސް ވާންވީ ގޮތެއް ވާން އުޅޭ ގޮތެއް ޕޮލިސީ އަކީ ކޮބައިކަމެއް ސާފެއް ނުވޭ. ވަޒީރު މިތާންގައި އިތުރުފުޅު ހައްދަވަނީއޭ ވެސް ހީވާ ފަހަރު އެބަ އާދޭ،" މިއަދުގެ ޖަލްސާގައި ނިޒާމި ނުކުތާއެއް ނަންގަވައި ޝަރީފް ވިދާޅުވި އެވެ.

ޝަރީފުގެ ވާހަކަތައް އެހިސާބަށް ދިއުމާއި އެކު ރިޔާސަތުން ރައީސް ނަޝިދު އޭނާގެ މައިކް ކަނޑާލައްވައި އިށީންދުމަށް އެދިވަޑައިގަތެވެ. ނަމަވެސް ޝަރީފު ވަނީ އޭނާގެ އުދާސްތައް ބަންޑުން ކޮށްލައްވާފަ އެވެ.

މައިކު އަޑު ކަނޑާލި ނަމަވެސް އަޑު ހަރުކޮށް ޝަރީފުގެ ޝުއޫރުތައް ފާޅު ކުރަމުން ގެންދިއުމުން އޭނާ ދެއްކި ބައެއް ވާހަކަތައް ވަނީ އާންމުވެފަ އެވެ.

އެގޮތުން މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑި ރައީސް ނަޝީދު ކާމިޔާބް ކުރެއްވުމަށް ލިބިލެއްވި ވޯޓަށް ވުރެން އޭނާއަށް ލިބުނު ވޯޓުގެ އަދަދު ގިނާ ވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"ކުޑަކުދިން ސުކޫލެއްގައި ގެންގުޅޭ ހެން ފިލާ ދީގެން މިތަނެއް ނުހިންގޭނެ،" ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އަޑު ގަދަކުރެއްވުމުން، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ޝަކުވާ ކުރެއްވުމުން ރައީސް ނަޝީދު ވަނީ ޝަރީފަށް ނަސޭހަތް ދެއްވައި، ސުކޫލްތަކުގައި ކަންތައްކުރާ ގޮތަށް އަދަބެއް ވެސް ދެއްވާފަ އެވެ.

"މަރަދޫ ދާއިރާގެ މެމްބަރަށް ދަންނަވަން، 100 ފަހަރު ލިޔުއްވަން އެގޮތަށް ހުތުރުކޮށް، ހަޑިކޮށް ނޫޅުއްވުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް