ޖުލައިގެ ނިޔަލަށް 2.9 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކައިފި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދަން މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެމްއެމްއޭއިން ވިއްކި ޓީބިލުގެ އަދަދު ތިން ބިލިއަން ރުފިޔާއާ ގާތްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުސްވި ޖުލައި މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭއިން 2.9 ބިލިއަން ރުފިޔާގެ ޓީބިލު ވަނީ ވިއްކާފަ އެވެ.

އޭގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފައި ވަނީ ދިވެހި ރުފިޔާއިންނެވެ. ޔޫއެސް ޑޮލަރުގެ ގޮތުގައި ވިއްކި ޓީބިލުގެ އަގު ގާތްގަނޑަކަށް 425 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ 27.5 މިލިއަން ޔޫއެސް ޑޮލަރެވެ.

މިދިޔަ އަހަރު ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދަން 4.3 ބިލިއަން ރުފިޔާގެ ޓީބިލު ވަނީ ވިއްކާފަ އެވެ. އޭގެ ތެރެއިން 2.3 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފައިވަނީ ޔޫއެސް ޑޮލަރުންނެވެ.

ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ. ޓީބިލު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އެއަށް ދައްކަން ޖެހޭ އިންޓްރެސްޓުވެސް އިތުރުވާނެ އެވެ.

މިހާރު އެމްއެމްއޭއިން ވިއްކަނީ 28 ދުވަހުން ފައިސާ އަނބުރާ ދައްކަން ޖެހޭ ޓީބިލާއި 98 ދުވަހުން ފައިސާ އަނބުރާ ދައްކަން ޖެހޭ ޓީބިލާއި 182 ދުވަހުން ފައިސާ ދައްކަން ޖެހޭ ޓީބިލުގެ އިތުރުން 364 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަންޖެހޭ ޓީބިލެވެ.

comment ކޮމެންޓް