މާލީ ވަޒީރުގެ ޔަގީންކަން: ގައުމު ސޮވަރިން ޑީފޯލްޓަކަށް ނުދާނެ

މާލޭ ވަޒީރު، އިބްރާހިމް އަމީރު މިއަދު މަޖިލީޙުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ މަޖިލިސް

ދިވެހި ގައުމު ސޮވަރިން ޑީފޯލްޓަކަށް ދިޔަ ނުދެއްވާނެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ސޮވަރިން ޑީފޯލްޓަކަށް ގައުމެއް ދިއުމަކީ ގައުމަކުން ދައްކާ ގޮތަށް ނަގާފައިވާ ދަރަނި ނުދެއްކިގެން ދާ ހާލަތެވެ.

ދައުލަތުގެ ޖުމްލަ ދަރަނި ސާފުނުވާ ކަމަށް ބުނެ، މަޖިލީހުގެ މުޅި ކޮމިޓީއިން މިއަދު މަޖިލިސް ތަޅުމުގައި ކުރިއަށް ގެންދާ ޖަލްސާގައި މިނިސްޓަރު އަމީރު މިއަދު ހާޒިރުވެ ވަޑައިގެން ވިދާޅުވީ، ސޮވަރިން ގެރެންޓީ ނުވަތަ ދައުލަތުން ޖާމިނުވާގޮތަށް ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކާތޯ އާއި ނުދައްކާތޯ ފިނޭންސުން ދުވަހުން ދުވަހަށް ބަލަމުން އަންނަ ކަމަށެވެ. އަދި ދައުލަތުން ދިން ގެރެންޓީއެއްގެ ދަށުން ދޫކޮށްފައިވާ އެއްވެސް ލޯނެއް ފައިސާ ނުދެއްކި ދިގުލައިގެން ދާނަމަ، ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ މުދާ ދައުލަތަށް ނަގައިގެން ވިޔަސް، އެ ލޯނު ދައްކާ ހަލާސްކުރާނެ ކަމަށެވެ.

އެހެން ނަމަވެސް، އެ ވާހަކަ މާ ބޮޑު ކަމަކަށް ހަދައިގެން ނުދައްކަނީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް މުހިންމުވާތީއާ އެކު ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތާ ތިބިއްޔާ، ދައުލަތަށް ސޮވަރިން ޑީފޯލްޓަކަށް ދިޔަ ނުދޭނަން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން، މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތުން ގެރަންޓީ ދީގެން ނަގާފައިވާ ލޯނުތަކުގެ ދަށުން ހިންގާ މަޝްރޫއުތައް ސައިޓަށް ގޮސް މިނިސްޓްރީގެ ޓީމްތަކުން ބަލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެކަން ކުރިއަށް ގެންދަން އުޅެނިކޮށް ކޮވިޑް-19ގެ ހާލަތު އައިސްގެން އެކަން ނުވި ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތުގެ ދަރަނީގެ ތަފްސީލްތައް މަޖިލީހަށް ވެސް ބަރާބަރަށް ހިއްސާކުރައްވާފައިވާ ކަމަށެވެ. ދައުލަތުގެ ދަރަނީގެ ހިސާބުތައް ވެސް ބަރާބަރަށް މިހާރުވެސް ފިނޭންސުގެ ވެބްސައިޓްގައި ވެސް އާންމުކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަރަނި ނުބަލަހައްޓާ ކަމަށާއި ދަރަނީގެ މައުލޫމާތު މަޖިލީހަށް ނުފޮނުވާ ކަމަށް ބުނާ ވާހަކަ އެކަމަށް އަޅުގަނޑު އިންކާރު ކުރަން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

comment ކޮމެންޓް