އާޒިމްއާއި މަހްލޫފްގެ ކޯޅުން ކުރިއަށް: "ވަޒީރެއް ވިޔަސް ގާނޫނަށް ތަބާވާންޖެހޭ"

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް --- ސަންފޮޓޯ

ރާއްޖޭގެ ވަޒީރަކަސް، ނޫންނަމަ އާންމު ފަރުދަކަސް ޤާނޫންތަކުގައި ބުނާ ކަންކަން ކުރަން ޖެހޭނެ ކަމަށް ބުނެ އަނެއްކާވެސް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ރައްދު ދެއްވައިފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފިޔަވަޅު އަޅައިދޭން އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބަލަމުން އަންނާތީ އެ ކޮމިޓީން ފޮނުވި ސިޓީއެއްގައި ބުނާގޮތަށް ސްޕޯޓްސް މިނިސްޓްރީން ވެސް ވަނީ އެފްއޭއެމް އިންތިހާބު ފަސްކުރަން އެދި އެފްއޭއެމަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމަކު އެ ގޮތަށް އެކަން އޮއްވައި އޭއެފްސީ އާއި ފީފާގެ އެންގުމަށް އެފްއޭއެމުން ވަނީ އިންތިހާބު ބާއްވައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްފަ އެވެ.

އެއަށްފަހު ސުވާލު ކުރެއްވުމަށް ވަޒީރުން މަޖިލީހަށް ހާޒިރު ކުރާ އުސޫލުގެ ތެރެއިން، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އެފްއޭއެމް އިންތިހާބު ހުއްޓާލަން އެންގިނަމަ އެއީ ކަނޑައެޅިގެން ގާނޫނާއި ހިލާފަށް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް ދެރަވޭ އަޅުގަނޑުމެންގެ [އެމްޑީޕީ]ގެ ޕީޖީ ލީޑަރު އަލީ އާޒިމް މި ކަންތައް މި ކުރައްވާ ގޮތުން. އަޅުގަނޑު ދެރަވާ ސަބަބަކީ އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގެންހުންނަވާ އަޅުގަނޑު ލައްވައި ވަރަށް ހަޑި ކަންތައްތަކެއް ކުރައްވަން މަސައްކަތް ކުރައްވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މަހްލޫފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މީގެ ކުރިން އާޒިމް ވިދާޅުވީ، އެފްއޭއެމްގެ އިންތިހާބު ހުއްޓުވުމަށް އެދުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. އަދި އެއީ ހުތުރު ކަމެއް ނޫން ކަމަށް އޭނާ އަމިއްލައަށް އޭރު ވިދާޅުވި އިރު އަނެއްކާވެސް އިއްޔެ ވަނީ ދެވަނަ ހޫނު ރައްދެއް ދެއްވައިފަ އެވެ.

"ގާނޫނުތަކަށް ތަބާވާން ޖެހޭނީ ހަމައެކަނި އާއްމު ފަރުދުން އެކަންޏެއް ނޫން. ވަޒީރަކަސް، ނޫންނަމަ އާއްމު ފަރުދަކަސް، ގާނޫނު ތަކުގައި ބުނާ ކަންތައްތައް ކުރަން ޖެހޭނެ،" މިނިސްޓަރ މަހްލޫފަށް ފޮނުއްވެވި ރަސްމީ ސިޓީއަކާ އެކު، ކުރެއްވި ކަމަށް ބުނާ ދެވަނަ ހުތުރު ކަމަކީ އެއީތޯ ސުވާލު ކުރައްވަމުން އާޒިމް ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

އެފްއޭއެމްގެ އިންތިހާބަށް ގޮވާލުމުން އެއްވެސް މީހަކު ކުރިމަތިނުލައި އެ އިންތިހާބް ހުއްޓުވުމަށް މިނިސްޓަރުގެ އަރިއުހުގައި ދެންނެވުމަކީ ކަމުދާ ކަމެއް ނޫން ކަން މަހްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ކޮށްފި ނަމަ ރާއްޖޭގެ ފުޓްބޯޅަ ފީފާއިން ސަސްޕެންޑް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް