ނިއު ޒީލޭންޑުގައި ކޮވިޑް ނުފެތުރޭތާ 100 ދުވަސް ވެއްޖެ

ނިއު ޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން -- ފޮޓޯ: ގެޓީ

ވެލިންޓަން (އޮގަސްޓު 11): ނިއު ޒީލޭންޑުގެ އާބާދީ ތެރެއިން ޓްރޭސް ނުކުރެވޭ ގޮތަކަށް ކޮރޯނާވައިރަހުގެ ކޭސްއެއް ނުފެންނަތާ 100 ދުވަސް ވެއްޖެ އެވެ.

ނިއު ޒީލޭންޑުން މިހާތަނަށް 1،219 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 21 މީހަކަށެވެ. އެ އެންމެންނަކީވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންނެވެ. އަދި މިދިޔަ މެއި މަހުގެ އެކެއްގެ ފަހުން އެގައުމުން ކޮމިއުނިޓީ ޓްރާންސްމިޝަން ކޭހެއް ފެނިފައި ނުވާ އިރު، އެގައުމުން އަލަށް ވައިރަހަށް ޕޮޒިޓިވްވެފައިވާ އެންމެންނަކީ ބޭރު ގައުމުތަކުން ދިޔަ މީހުންނެވެ.

ނިއު ޒީލޭންޑުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 22 މީހަކެވެ.

ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން ވިދާޅުވި ގޮތުގައި އެ 100 ދުވަސް ފާހަގަ ކުރުމަކީ މުހިއްމު ކަމަކަށްވީ ނަމަވެސް އަދި ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގައި ފަރުވާ ކުޑަކޮށްގެން ނުވާނެ އެވެ.

"100 ދުވަހަކީ ފާހަގަ ކުރަން ޖެހޭ ކަމެއް، ނަމަވެސް، އަޅުގަނޑުމެން އަދިވެސް އުޅެން ޖެހޭނީ ބަލައިގެން،" އާޑާން ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައި ނިއު ޒީލެންޑު ހިމެނެ އެވެ. އެގައުމުން އެ ފިޔަވަޅުތައް އެޅީ ހަތަރު ސްޓޭޖަކަށް ބަހާލައިގެންނެވެ. އަދި ހަތަރު ވަނަ ސްޓޭޖުގައި މުޅި ގައުމު ފުރަބަންދުކޮށް، އަސާސީ ހިދުމަތްތައް ފިޔަވާ އެހެން ހުރިހާ މަސައްކަތެއް ހުއްޓުމަކަށް ގެނެސްފައި 25 މާޗްއިން 27 އޭޕްރިލްއާ ޖެހެންދެން އޮތެވެ.

އެގައުމުން އިޖުތިމާއީ ގައިދުރު ކުރުމުގެ ހުރިހާ ފިޔަވަޅެއް އުވާލީ ޖޫން އަށެއްގަ އެވެ. އެއީ އެގައުމުން ވައިރަހުގެ ކޭސްއެއް ނުފެންނަތާ 17 ދުވަސް ފަހުންނެވެ. އަދި އެ ފިޔަވަޅުތައް އުވާލި ނަމަވެސް ނިއު ޒީލޭންޑުން ވަނީ އެގައުމަށް އަދިވެސް ވަދެވޭނީ ބޭރު ގައުމުތަކުން އަންނަ އެގައުމުގެ ރައްޔިތުންނަށް އެކަނި ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެގައުމުން އަދިވެސް ދަނީ ކޮންމެ ދުވަހަކު އެތައް ހާސް މީހުން ކޮރޯނާވައިރަހަށް ޓެސްޓު ކުރަމުންނެވެ.

comment ކޮމެންޓް