ޒުވާނުން ހޭލާ، ނުރައްކާ ވަކި ކުޑައެއް ނޫން!

ޖޫން 16، 2020: ލަކްޒަރީ ފިހާރަ ކައިރީ މީހުން ވިޔަފާރި ކުރުމަށް ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ޒުވާން އުމުރު ފުރައިގެ މީހުން ކަމަށާއި، އެހެންކަމުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ރާއްޖެއިން 5،157 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ އުމުރުން 18 އަހަރާ 40 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް119 އަކީ އެ އުމުރުގެ މީހުންނަށް ނުރައްކާތެރި ބައްޔެއް ނޫން ކަމަށް ގިނަ ބަޔަކަށް ކުށް ހީއެއް ކުރެވިފައިވާ ކަމަށެވެ.

"އެހެން ނަމަވެސް ހަގީގަތަކީ ނިސްބަތުން މަދު ނަމަވެސް، ހަމަ އެ އުމުރުފުރައިގެ މީހުންނަށް ވެސް ބަލީގައި ފުރާނައަށް ނުރައްކާވާ ހިސާބަށް އެބަ ދޭ، އެއީ ދުނިޔޭގެ ތަފާސްހިސާބުތަކަށް ބެލިޔަސް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ހަމައެއާއެކު އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވް ވަނީ ޒުވާނުން ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

"މިކަން އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަނގަޅަށް ދެނެގަނެ، އެ މައުލޫމާތުގެ އަލީގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސް، ވަކިން ހާއްސަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މި އުމުރުފުރައިގެ މީހުން އެބަޖެހޭ އަޅަން،" ޑރ. ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 5،157 މީހަކު ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި އުމުރުން 21 އަހަރާ 40 އަހަރާ ދެމެދުގެ 2،668 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ. އޭގެ ތެރެއިން 2،113 މީހުންނަކީ ފިރިހެނުންނެވެ.

comment ކޮމެންޓް