ފަރުވާއަށް ފަހު ސަންޖޭ ދަތު ދޫކޮށްލައިފި

ސަންޖޭ ދަތު: ގިނަ ފިލްމުތަކެއް ކުރިއަށް ހުރި އިރު، ޖަލުން މިނިވަންވީ މިދިޔަ ފެބްރުއަރީ މަހު

ފަރުވާއަށް ފަހު ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު ދޫކޮށްލައިފި އެވެ.

މުމްބާއިގައި ހުންނަ ލީލާވާތީ ހޮސްޕިޓަލުގައި ސަންޖޭ މި މަހު އަށް ވަނަ ދުވަހު އެޑްމިޓް ކުރީ ނޭވާލުމަށް އުނދަގޫވާތީ އެވެ. އޭނާ ވަނީ ކޮވިޑަށް ޓެސްޓުވެސްކޮށްފަ އެވެ. ނަމަވެސް ޓެސްޓް ނެގަޓިވް އެވެ.

އިއްޔެ އޭނާ ގެއަށް ދޫކޮށްލި އިރު ބޭރުގެ މީޑިއާތަކުގެ ރިޕޯޓަރުން ވަނީ އެގޭ ދޮށަށް އެއްވެފަ އެވެ. މީޑިއާތަކާ ވާހަކަ ނުދެއްކި ނަމަވެސް ސަންޖޭގެ ފޮޓޯ ވަނީ އެމީހުން ނަގައިފަ އެވެ.

އެކްޓަރު ސަންޖޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ މަހޭޝް ބަޓްގެ "ސަޅަކް 2" އިންނެވެ. އެ ފިލްމު މި މަހު 28ގައި ހޮޓްސްޓާގައި ރިލީޒްކުރާނެ އެވެ. އެ ފިލްމުގެ ޓްރެއިލާ މިއަދު ރިލީޒްކުރާނެއެވެ.

އެކްޓަރު ސަންޖޭގެ ހަޔާތުގެ މައްޗަށް މީގެ ކުރިން ވަނީ ފިލްމެއް ވެސް އުފައްދައިފަ އެވެ. "ސަންޖޫ"ގެ ނަމުން ނަންދީފައިވާ އެ ފިލްމުގެ ލީޑު ރޯލު ކުޅުނީ ރަންބީރު ކަޕޫރެވެ.

comment ކޮމެންޓް