ޑިއަރ ލިލީ 9

ގުރުއާނުގައި މާތްﷲ ވަހީ ކުރައްވާފައިވެއެވެ." يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱجْتَنِبُوا۟ كَثِيرًا مِّنَ ٱلظَّنِّ إِنَّ بَعْضَ ٱلظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا۟ وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ تَوَّابٌ رَّحِيمٌ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ހީތަކުގެ ތެރެއިން ގިނަ ކަންތަކާ ދުރުވާށެވެ. ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށެވެ. ތިޔަބައިމީހުން ކުރެ އެކަކުވެސް އޭނަގެ އަޚާގެ މުޅަމަސް ކެއުމަށް ލޯބިކުރާނެހެއްޔެވެ؟ ފަހު ތިޔަބައިމީހުން އެކަމަށް ނުރުހޭނެއެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަގުވާ ވެރިވާށެވެ. ހަމަކަށަަވަރުން ﷲއީ ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ ރަހީމް ވަންތަ ރަސްކަލާނގެއެވެ."

***

"އަހަރެން ދެއްކި ވާހަކަތައް އިވުނުތަ؟ "

ޝައުން އަޑު އިވުނުކަމަށް ނަހަދާ ފޯނުން ކޮންމެވެސް މީހަކާއި ޗެޓްކުރަމުން ދާތަން ފެނި އެލީނާ ފޯނު ޖަހައިގަނެފައި ހަލާކުކޮށްލަންވެސް ހިތަށް އެރިއެވެ.

"ސިއްރުން އަހަރެމެންގެ ވާހަކަތައް އަޑުއެހުމުގެ ބޭނުމަކީ ކޮބާތަ " އެލީނާ ތަންކޮޅެއް ބާރަށް އެހިއެވެ. "ތިގޮތަށް އެކަކު އަނެކަކަށް ޖާސޫސްކުރުމާއި ފާރަލުމާއި ބެހޭގޮތުން ގުރުއާނުގައި އަމުރުކުރައްވާފައި ކަމެއް ނޭގޭތަ. އަޖަމީންގެ މީހަކަށް ގުރުއާނާއި ބެހޭގޮތުން އެނގޭނީވެސް ކޮންކަމެއް......"

ޝައުން ބުމަ ކުޑަކޮށް ގޮށްޖެހިގެން ދިޔުމާއެކު އެލީނާގެ ލޮލަށް ސީދާ ބަލައިލުމުން އެލީނާގެ ހިތަށް ފިނިވާގޮތްވިއެވެ. އެ ނަޒަރުން ތަފާތުކަމެއް ފެނިލިހެން ހީވިއެވެ. ޝައުންގެ މިއަދުގެ ނަޒަރުން ކުރިއަށްވުރެ ބޮޑަށް ބީރައްޓެހި ކަމާއި ދުރުކަމެއްވިއެވެ. އެހާވެސް ފިނިކަމެކެވެ. އެދޭތެރޭގައި އޮތް ހާ ކުލުނަކާއި އޮތްނަމަ ކުޑަ ގުޅުމެއްވެސް ނެތިގެން ދިޔަހެން ހީވި ވަގުތުކޮޅެކެވެ.

ޝައުން ޖަވާބު ނުދޭނެކަން އެނގުނަސް އިތުރަށް ޒުވާބު ނުކޮށް އެތަނުން ދާން ހިނގައިގަތެވެ. ބިރަކުން ނޫންކަން ހިތަށް ބުނެދިނެވެ.

އޭނަ ޝައުންދެކެ ބިރުގަންނަ ސަބަބެއް އޮތްނަމަ އެއީ ހަމައެކަނި "ވަރި"އެވެ. ޔަގީނުންވެސް އޭނަ މަރާލާކަށް ނުކެރޭނެ ނޫންހެއްޔެވެ؟ ދުޝްމަނަކާއެކު ކައިވެނިކޮށްގެން އެތައް އަހަރަކަށް ކެތްކުރިކަމަށްޓަކާ އޭނަ އަމިއްލަ ނަފުސަށް ތައުރީފުކޮށްފިއެވެ. ކެތްތެރިކަމުގެ ނަމޫނާއެއް ދައްކަންޏާ އެލީނާ އަކަށްވުރެ އެހެން މީހެއް ނުފެންނާނެ ކަމުގައި އޭނަ ޔަގީންކުރިއެވެ. އޭނަގެ ހަޔާތަކީވެސް "ސްލީޕިން ވިތް ދަ އެނެމީ" ފަދަ ނަމެއް ދެވޭނެ ދިރިއުޅުމެކެވެ. ޝައުންއާ މެދު ދެކެވެނީ ހަމަ ދުޝްމަނެއްގެ ގޮތުގައެވެ. ހިތް ނުރުހުނަސް އޭނައަށް މަޖުބޫރުވެފައި ވަނީ މި ނުރުހެވޭ ދިރިއުޅުމާއިއެކު ކުރިއަށް ދާށެވެ. ގެއަށް ވަދެފައި އިރުކޮޅެއް ވާންދެން ކޮރިޑޯގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު ޝައުންއަށް ދޭންވީ ލަނޑަކާއިމެދު ވިސްނިއެވެ. މިހަތް އަހަރު ތެރޭ ކުރެވުނު ޖެއްސުންތައް މަދެއް ނޫނެވެ. އެވަރުންވެސް ޝައުން ދެނެހުރިކަމަށް ހަދާނުލައެވެ. މުހިއްމު އެއްޗެއް ވިއްޔާ އޭނަ މިގެއަކު ނުގެންގުޅެއެވެ. އޭނަގެ ގޭގެ ކޮޓަރި އެލީނާއަށް ވަނުން މަނަލެވެ. ޝައުން މިގޭގައި އުޅެނީ މަޖުބޫރުވެގެންނެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ސިއްރުތައް ހިފަހައްޓަންވެގެންނެވެ. އެހެންނޫންނަމަ މި ގުޅުން ނިމުނުތާ ކިތަންމެ ދުވަހެކެވެ.

***

މާމަ ހައްޖަށް ފުރުވަންގޮސްފައި ކެމީލާ ގެއަށް އައިގޮތަށް އިރުކޮޅެއްވާންދެން ތެދުވާހިތް ނުވެފައި އޮތެވެ. ގިނައިރުތަކެއް އަދި ވީ އެއް ނޫނެވެ. ނަމަވެސް މާމަ މަތިން ހަނދާންވާން ފެށީއެވެ. ޒައިރާ ފެންވަރާލައިގެން ނުކުތްގޮތަށް އެނދަށް ވެއްޓިގަތެވެ. އިސްތަށިގަނޑު ކުރުވުމުން އެންމެ ފަސޭހަކަމަކީ އަވަހަށް ހިއްކާލުމެވެ. ޒައިރާއަށް ކެމީލާ ނެގިމަޑުވެފައި އޮތް ސަބަބު ވަގުތުން ދެނެގަނެވުނެވެ. ޒައިރާ އަވަހަށް ކޮރެއަން ކޮމެޑީއެއް ޖައްސައިގެން ކެމީލާއަށް ދައުވަތު ދިނެވެ. ދެކުދިން އެނދަށް އަރާ ތިބެ ސީރީޒް ބަލަން ފެށުމުން ގޭތެރެއިން ދެން އިރުއިރުކޮޅާ އިވެންފެށީ އުފާވެރި ހުނުންތަކުގެ އަޑެވެ. އަނެއް އެޕިސޯޑު ބަލާހިތުން ކެތްނުކުރެވުނަސް ކެމީލާ ހަދާންކޮށްދިނީ ދޮންބެއަށް ވި ވައުދެވެ. ގަޑިން ނަމާދުކޮށް ގުރުއާން ކިޔަވާ ގޭތެރޭގެ ކަންތައްކޮށް ކިޔަވަންވެސް ޖެހޭނެކަމެވެ. ޒައިރާ ކުދި ކިޔަމުން ގޮސް ލެޕް ނިކަން ރައްކާތެރިކަމާއެކު ފޮރުވިއެވެ. އެއަށްފަހު ފަހުން ނަމާދުކުރާނަމޭ ކިޔާފައި ނެޓުގައި އެކި އެއްޗެހި ހާވަން އިދެވުނީއެވެ.

ކެމީލާ ނަމާދުކޮށްލުމަށްފަހު ޚަތިމް ހިފައިގެން އައިސް ސޯފާގައި އިށީދެ ބަގަރާ ސޫރަތް ކިޔަވަން ފެށިއެވެ. އޭރު ޒައިރާވެސް ކެމީލާގެ ފައި ކައިރީގައި ބޯއަޅާލައިގެން ސޯފާއަށް ފައި ނަގައިގެން ފޯނާއި ކުޅެން އޮތެވެ.

"ލިލީ އެކަނި ކިޔެވިޔަސް މިރޭ ރަގަޅުވާނެ. ސަބަބަކީ އެކަކު ކިޔެވިޔަސް ޝައިތާނާ ގެއާއި ކައިރިނުވާނެތީ. ޓީވީއިން ގުރުއާން ޖެއްސިޔަސް ވާނީ އެއްކަމެއްނު..." ޒައިރާގެ ސިކުނޑިއަށްވެސް ޝައިތާނާ ކޮންމެވެސް ވަރަކަށް ވެރިވެގަތެވެ.

"އެކަމަކު ބާރަށް ގުރުއާން ކިޔެވީމަ ސްޓްރެސް ފިލާނެ....." ކެމީލާ ހަދާންކޮށްލަ ދިނެވެ.

"ކޮންމެވެސްތާކުން ދެކުނިން ކުރީގެ އަސްހާބު ބޭކަލުން ގުރުއާން ކިޔަވަނީ ލައިކް ރީޑިން ލެޓާސް ފްރޮމް ދެއާ ބިލަވްޑް ކިޔާގޮތަށް އެހާ ޝައުގަ އެކީގައޭ. އެހާވެސް އެބޭކަލުން ގުރުއާނަށް ލޯބިކުރޭ. އަހަރެމެންނަށް އެވަރަށް ނުކިޔެވެނީ މާނަ ނޭގޭތީކަން ނޭގޭ. އައި ފީލް ގިލްޓީ......" ޒައިރާ މަޑުމަޑުން ކިޔައިލިއެވެ.

ޒައިރާ ހޭވެރިކަންވީ އިޝާ ނަމާދަށް ބަންގި ގޮވަން ފަސްވަރަކަށް މިނިޓަށް ވީމައެވެ. ފުންމައިގެން ގޮސް ޓައިލްމަތީ ޖެހުނުގޮތަށް ޗީތާއަކާއި ވާދަކުރާހާ ބާރަށް ދުވެފައި ގޮސް ފާޚާނާއަށް ވަދެ ފެންއިސްކުރަށް ދޫކޮށްލައިފިއެވެ. އަވަސްކުރަން ހަދައިގެން ވުޟޫ ގުނަވަންތަކުގައި ރަގަޅަށް ފެންޖެހުނު ކަމެއްވެސް ނޭގުނެވެ. ތެޅިފޮޅިގެން ނަމާދުކޮށް ނިންމާލާފައި އެނދަށް ޖެހިގަތެވެ.

"ދެޓް ވޯޒް އެ ކްލޯޒް ކޯލް. ނަމާދު ގަޑި ފާއިތުނުކޮށް އަރާކަން ރަގަޅެއްނު. އެހެން މީހުން މިވަރުވެސް ނުކުރެއޭ. އެޓްލީސްޓް އަހަރެން ފަރުޟުނަމާދު އެބަކުރަން ވިއްޔަ......" ޒައިރާ އަނެއްކާވެސް ފޯނާއި މަޝްޣޫލުވެގަތެވެ. ކެމީލާ މަޖާ ވީޑިއޯއެއް ދައްކާނަމޭ ކިޔާފައި ދެއްކީ ޒައިރާ ނަމާދުކުރި ވީޑިއޯއެވެ.

"ނޯޓީ ގާލް . ހަމަ ކޮރެއަން ޑްރާމާތައް ބަލަބަލާފައި ލިލީވެސް މިކަހަލަ ނުލަފާކަންތައް ދަސްކުރީ. އެކަމަކު މިއީ ހަމަ އަސްލުކޮށް ގޯސްކޮށް ކުރެވުނު ނަމާދެއް... ޔަގީން ޑެވިލް އަތް ޖަހަން ހުންނާނެކަން........" ޒައިރާ ދެލޯބޮޑުކޮށްލިއެވެ.

"މިރޭ އިބުލީސްގެ ރަންތާޖު އަޅުވާނީ ދޮންތަ ލައްވާ ތިގޮތަށް ނަމާދުކުރުވި ލާހިދަރީގެ ބޮލުގައި." ކެމީލާގެ ޖުމްލަ އިވުމުން ޒައިރާ ސޯފާގެ މަތީބައިގާ ދެފައި ތަޅައިގަތެވެ.

"މިރޭ އެކަމަކު އިޝާ ނަމާދުކުރާނީ އެންމެ ތަގުވާވެރިކޮށް. އޭރުން އެ ލާހިދަރީގެ ހަން ދަމައިގަންނަ ވަރަށް އެއްތެޔޮއަކުން އިބުލީސް ތަޅާލާނެ........... ." ޒައިރާ އިބުލީސްދެކެ އިންތިހާއަށް ރުޅިއައެވެ. ކެމީލާ ވީޑިއޯ ދެއްކުމުން ހަގީގަތުގައިވެސް ނަމާދު ކުރެވުނީ ގޯސްކޮށްކަން އެނގި ޒައިރާ އެކަމާ ދެރަވިއެވެ. ނަމަވެސް ފާފައެއް ކުރެވުމުން ހިތާމަކޮށް ތައުބާ ވުމުން މާތްﷲ ފާފަ ފުއްސަވާ ދެއްވާނެއެވެ. ވީއިރު އޭނަ އިޝާނަމާދު ރަގަޅަށް ކުރާނީއެވެ. ޒައިރާ ރީތިކޮށް ވުޟޫކޮށްލައިގެން އައިސް ކެމީލާއާއެކު އިޝާ ނަމާދުކޮށްލައިގެން ގުރުއާން ކިޔަވަން ކަމަށް މުސްހަފު ނެގިތަނާ ފޯނެއް އައެވެ. އެއީ އެލީނާއެވެ. އެލީނާ ބުނި ގަޑިއަށް މާދަން އަންނަން އެދުނެވެ. ފަސޭހަ ވަޒީފާއެކެވެ. ލޫކާ ހެދުނު ދަނީ ސްކޫލަށެވެ. މެންދުރު ނިދާލާފައި ތެދުވެ އުޅޭވަގުތު އޭނަ ޖެހެނީ ލޫކާ ބަލާދޭށެވެ. އެގެއަށް ދާހިތުން ކެތްކުރެވެނީއެއް ނޫނެވެ. މިއީ ބޮޑު ނިއުމަތެކެވެ.

އިޝާއަށް ފަހު ހޯމް ވޯކް ހަދާލާފައި ކެމީލާ ކޭކެއް އެޅިއެވެ. ޒައިރާ ޚިޔާލުދިނީ އެހިސާބުގައި ހުންނަ މާޓްއަކަށް ކޭކު ވިއްކަން ފޮނުވުމަށެވެ. އޭނަ ގޮސް އެފިހާރައިގެ ވެރިންނާއި ވާހަކަ ދައްކަފާނެއެވެ. އޭރުން ކެމީލާގެ ކޭކުތައް މަޝްހޫރުވެ ދުވަސްކޮޅަކުން ރައްޖެ ކީއްކުރަން ދުނިޔޭގެ ބްރޭންޑް ނަމަކަށްވެސް ވެދާނެއެވެ. ޒައިރާގެ ވާހަކަތައް ހުންނަގޮތުން ކެމީލާއަށް ހިތްވަރު ލިބެއެވެ. އެންމެ މަޝްހޫރު ނުވިޔަސް ކުރާ ހިތްވާ ހަލާލު މަސައްކަތެއް ނޫންހެއްޔެވެ. ހަމައެކަނި ދޮންބެއާއި ދޮންތަގެ މަސައްކަތުން ލިބޭ ފައިސާ އޭނައަށް ޚަދަރުކުރާއިރު އެކަން ދެނެގެން އޭނަވެސް މަސައްކަތްކޮށް އާމްދަނީ ހޯދާނެއެވެ. ކިތަންމެ ޅަ ނަމަވެސް ކެމީލާގެ ވިސްނުން ހުރީ ހަރުދަނާކޮށެވެ. މާމަގެ ތަރުބިއްޔަތުގެ އަސަރު ކެމީލާއަށް ކޮށްފައިވަނީ ފަޚުރުވެރިވާ މިންވަރަށެވެ.

***

ޒައިރާ ޖިންސަކާއިއެކު އެތެރެއިން ބޮޑީސޫޓެއްލާފައި ބޭރުން ލާފައި ހުރި ތުނި ގަމީސްކޮޅުން އެތުނި ހަށިގަނޑުގެ ލޫޅާފަތިކަމުން އަންހެންކުދިން ހަސަދަވެރިކުރުވާނެއެވެ. ލުއީ ވީޓޯން ދަބަސް ކޮނޑުގައި އަޅުވާލައިގެން ބުޅަލެއްހާ ފަރިކޮށް ހިނގާފައިގޮސް ލިލީޕެލެސްގެ ދޮރުމަތީގައި ހުއްޓި ސަލާމް ގޮވާލައިފިއެވެ. އެލީނާ ގޭތެރޭގެ ކޮންމެވެސް ދިމާލެއްގައި ހުރެ ސަލާމް ބަލައިގަތެވެ. ނީވް ދޮރު ހުޅުވާލިގޮތަށް މަޑުކޮށްނުލާ އެތެރެއަށް ވަދެ އެހާ އަވަހަށް ގެއްލުނެވެ.

"ހަންޑިއެއްހާ ހަލުވި. މިގޭގައި ގެންގުޅޭ ޖިންނި މެއިޑެއް ކަމަަށްވާނީ..ޖިންނި އެއް ނޫނީ މިކަހަލަ ރެއާ ބިއުޓީއަކަށް ނުވާނެ. ފެނުނު ފެނުނުހެން ރީތި އެބަވޭ. އެހާ ރީތިވާނީ އެހެން ދުނިޔެއަކުން އައިސްފަ ހުރީމައެއްނު......"ޒައިރާ އެހެން ހިތަށް އެރިޔަސް އެއީ ހަގީގަތެއް ނޫންކަން އެނގެއެވެ. ޖިންނިން އެގޮތަށް މީހުންގެ ލޯތަކަށް ފެނިގެން އުޅޭނެކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ.

"ޒައިރާ. ޓޫ މިނިޓްސް. މި ނިކުންނަނީ........"

އެކަކުވެސް ފެންނަން ނެތުމުން ކުޑަކޮށް ނަށާލާފައި ޒައިރާ ވަށައިގެން ބަލަން ފެށީ ނިކަން ގަޔާވެފައި ދެލޯ ބޮޑުކޮށްގެން ހުރެއެވެ. ބިތްތަކުގައި ކުރެހުން އަޅާފައިވާލެއް ހާދަ ނަލައެވެ. ލިލީމާތައް ރަމްޒުކޮށްދޭ މަޑު ގަނބައިގެންދާފަދަ ދޫލަމަތީ ހުސްފައި އަޅާލުމުން ނިކަން އަރާމުވިއެވެ. އެއްފަރާތުގައި ހުރި ބިއްލޫރި ރެކްމަތީގައި ހުރި އެއްޗެހިތައްވެސް ހާވަންފެށިއެވެ. ކުއްލިއަކަށް ސްކަލްޕްޗާއެއްގައި އަތުން ޖެހުނުގޮތަށް މަޑު ދޫލަމަތީ ޖެހުނަސް އަޑެއް އިވިގެން އެލީނާ ސުވާލުކުރިއެވެ. ޒައިރާ ބުނީ އޭނަގެ ފޯނުގެ ރިންގްޓޯން ކަމުގައެވެ. ޝާހީ ފާޑުހުރި ބޮޑެތި ސޯފާސެޓުގައި އޮށޯވެލާ ކުޝަންތަކުގައި ބައްދައިލިއެވެ.

"މިއީ ހަމަ ރީތި ލިލީގަނޑުވަރެއް. ލިލީ ފްލާވާސްތަކާއި ޕޮންޑްތަކާއި މިގެ އެހާ ކިއުޓް. އަދި ކިހިނެއް އެނގޭނީ. މިއީ ހަމަ ފިއުޗާ ހޯމް ކަމަށްވެސް ވެދާނެއްނު. މިގޭގައި ސިންގަލް ބޯއިއެއް ހުރެއްޖެއްޔާ އަހަރެންގެ ޕްރިންސްކަމުގައި ނަހަދަންވީ ސަބަބެއް ނެތް.." ޒައިރާއަށް ހީލެވިއްޖެއެވެ.

އެލީނާ ލޫކާ ގޮވައިގެން އަންނަކަން އެގުނީ ލޫކާ ވާހަކަދައްކާ އަޑު އިވިފައެވެ. ޒައިރާ ފުންމައިގެން ތެދުވުނުގޮތަށް ކުޝަންތައްވެސް ރީތިކޮށްލައިފިއެވެ. ހަށިގަނޑު ސީދާކޮށްލިއެވެ.

"ހައި. ލޫކާ މިއައީ ނެޕެއް ނަގާލާފައި. ދެން ހޯމްވޯކް ހައްދާފައި ކުޑަކޮށް ކުޅެލާނީ އިނގޭ. ބެކްޔާޑަށްގޮސް ބޯޅަ ކުޅެލާ ހެދިޔަސް އުސްތަންތަނަށް އެރުން މަނާ. ލޫކާ އެއްޗެއް ކާލަން ބޭނުމިއްޔާ ނޫނީ އެހެން ކަމެއް ދިމާވެއްޖެއްޔާ ގޮވާލާއިރަށް އަޑު އިވޭ ހިސާބުގައި ހުންނާނަން........."

"ލިލީ އަދިވެސް ނިދާފައިތޯ؟ " ޒައިރާ އެހިއެވެ.

"ޒައިރާ ބޭބީސިޓްކުރާނީ ހަމައެކަނި ލޫކާއަށް.................."

"އޯ....."ޒައިރާ ކުޑަކޮށް މާޔޫސްވިއެވެ. އޭނަ އެންމެ ގެންގުޅެން ބޭނުންވާ ކުއްޖަކީ އެއީއެވެ. އެލީނާ އެކުއްޖާ އޭނައާއި ހަވާލުނުކުރަން ނިންމީ ކީއްވެބާވައެވެ. ހިތަށް އަރާ އެއްޗެއް ފޮރުވުމުގެ ބަދަލުގައި ސީދަލަށް ބުނުމުން ތަންކޮޅެއް ބޮލަށް ފަސޭހަވެފައި ދެމީހުންގެ ހިތް ސާފުވެ ޖަވާބުވެސް ލިބޭނެއެވެ.

"އަޅުގަނޑު ބޮޑަށް ބޭނުންވީ ލިލީ ގެންގުޅެން. ކީއްވެތޯ އެބޭބީ އާއިއެކު ނުކުޅެވޭނީ؟ ދެކުދިންވެސް ބެލިދާނެ. ދެކުދިން ކީއްކުރަން ސަތޭކަކުދިންވެސް ބެލޭނެ......." ޒައިރާ "ހައިޕާ" ކަމުން ހިމޭނަކުންވެސް ނުހުރެވެއެވެ. ގަޔަށް އަރުވާ ވަންނިތަކާއި މޫނަށް ގެންނަ ޝުއޫރުތަކުން އޭނަގެ ހަލަނިކަމާއި މިޒާޖުގެ އުފާވެރިކަން ދައްކުވައެވެ.

"ސޮރީ. އެއީ ތަންކޮޅެއް ބަލައިގެން ގެންގުޅޭ ކުއްޖެއް....."

އިރުކޮޅެއްފަހުން އެލީނާގެ ހަރުވާޅުގައި ހިފައިގެން ދުވަމުން ކަހަލަގޮތަކަށް ނުކުތް ލިލީ ފެނި ޒައިރާގެ ދެލޯވެސް އުޖާލާވިއެވެ. އެކުއްޖާއަކީ ހިތަށް ފިނިކަން ގެނެސްދޭ ކުއްޖެކެވެ. އުރާލާހިތުން ކެތްނުކުރެވުނެވެ. މުޅި ނަފުސްގައި ލޯބި އުތުރުއަރައިގަތެވެ. ދުވަހަކު ކުޑަކުއްޖަކު ފެނި މިފަދަ އަސަރުތަކެއް ނުކުރެއެވެ. އޭނައަކީ އެހާ ޖަޒުބާތީވެ ރޮއިއުޅޭ ވައްތަރު ކުއްޖަކަށް ނުވިޔަސް އަސަރުކޮށް ލޯ ތެމުނެވެ. އެލީނާގެ ހަރުކަށި ނަޒަރު ފެނުނު ކަމަކަށް ނަހަދާ ލިލީ އުރާލާފައި އެ ފިޔާތޮށިކުލަ އަރާ މޫނުކޮޅަށް ބޮސްދިނެވެ.

އެލީނާ ނުކުތުމާއެކު ލޫކާއަށް ލިބުނު މިނިވަންކަމާއެކު ވަގުތުން ކުޅޭ ކޮޓަރިއަށްގޮސް ގެނައި ބަޑިން ޒައިރާއަށް ފެނުގެ ހަމަލާއެއް އައެވެ. ޒައިރާ ހާސްވީ އޭނަ ތެމިދާނެތީއެއް ނޫނެވެ. ގޭގައި އަޅާފައި އޮތް ދޫލަ ފެނުން ތެމި ހަޑިވެދާނެތީއެވެ. ލޫކާ އެ ބަޑި ދިއްކޮށްގެން ހުރެ އޭނަގެ ފަހަތުން ދުވަމުން އައެވެ. ޒައިރާވެސް ހަޅޭއްލަވަމުން ދުވުނެވެ. މުޅި ތާ އޮތީ ފެނެވެ. އިރުކޮޅެއްނުވެ ނީވް ވެކިއުމް ކްލީނާ ހިފައިގެން ނުކުތްތަން ފެނި ޒައިރާ މާފަށް އެދުނެވެ. ނީވްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ޒައިރާ........."

"ނީވް...." ދެކުދިން ތައާރަފުވެލިއެވެ. ޒައިރާ އެތަން ސާފުކުރަން ނީވްއަށް އެހީތެރިވެދިނެވެ.

"ފަހުން ވާހަކަދައްކާލަން އެބަ އަންނަން. އެއް ގެއެއްގައި ވޯކްކުރަންޏާ ދިމާވާނެތާ. ރިޗް ގޭގެއިން ޖޮބް ލިބޭނީވެސް އަހަރެމެން ކަހަލަ ރިޗް ކުދިންނަށޭ ދޯ...ޔޫ ނޯ ވަޓް؟ އަޅުގަނޑުގެ ބޭބެއަކީ އެންމެ މުއްސަދި ޕްރައިވެޓް ހޮސްޕިޓަލުގެ ޑޮކްޓަރެއް. ސާޖަންއެއް. ކިޔެވީ ޔޫރަޕުން. ލައްކައިން މުސާރަ އުޅޭނީ." ޒައިރާ ފޮނި ވައްތަރެއް ޖައްސާލަމުން މޭ ފުއްޕާލައިފިއެވެ. އެންމެ ރަގަޅެވެ. އޭނަ ހެދީ ދޮގެއް ނޫންތާއެވެ. އެއްބައި ދިރުވާލާފައިވެސް ހާމަކުރީ ހަގީގަތެވެ.

"އަހަރެންގެ ބްރަދާއަކީވެސް ޑޮކްޓަރެއް....." ނީވް މަޑުމަޑުން ކިޔައިލިއެވެ.

"އާވް....ސީރިޔަސްކޮށް. މަ ބުނީމެއްނު މިހާ މުއްސަދިގޭގޭގައި ވޯކްކުރާނީވެސް މުއްސަދި ކިޔަވައިގެން ތިބޭ މީހުން. އައިމް ގެޓިން ޓްވެންޓީ ކޭ..................." ޒައިރާ ޖިންސްގެ ޖީބަށް އަތް ޖަހާލިއެވެ. ނީވްގެ ވާހަކަތައް ހިތުން ދޮގު ކުޅަޔަސް އޭނަވެސް ނީވްއާއި އެއްކޮޅަށް އެރިއެވެ. ލޫކާ ފަހަތުން އައިގޮތަށް ޒައިރާގެ އަތުގައި ހިފާ ދަމަމުން ދުރަށް ގެންދިޔައެވެ.

ޒައިރާ ލޫކާ ގޮވައިގެން އެކިކަންތައް ތަކުގައި އުޅުނުއިރު ވަގުތު ދިޔަގޮތެއްވެސް ނޭގުނެވެ. ހަޔެއް ޖެހުމުން އޭނަ މިނިވަންވީއެވެ. އޭނައަށް އެގެއިން ހަވީރު ސައި ލިބުނަަސް އަދި ކެމީލާއަށް ނުދީ ކާކަށް ހިތްހަމައެއް ނުޖެހުނެވެ. ގެއަށް ދަމުން ބަދިގެއަަށްވަދެ ކެމީލާއަށް ބާކީ އެއްޗެހި ގެންދިޔަސް މި މުއްސަދިންގެ އަތުން މަދުވާނެ އެއްޗެއްނުވާނެއެވެ. ހަޔެއް ޖެހުމާއެކު އޭނަ ލޫކާ އެލީނާއާއި ހަވާލުކޮށްފައި ކާކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ނީވް ފެންނަން ނެތުމުން އަވަސް އަރުވާލާފައި ބާކީވި ޕިއްޒާތަކާއި ކޭކު އަދި ފްރިޖުންވެސް އައިސްކްރީމް ތަށްޓަކާއި ޗޮކްލެޓެއް އަދި މޭވާކޮޅެއް ކޮތަޅަކަށް ލައިގެން ނުކުމެ ދެކޮޅު ހޯދާ ބަލައިލީވެސް ވަގެއް ހެންނެވެ. ނިކަން ސިއްރުން ކޮރިޑޯ ހުރަސްކޮށް ބޭރަށް ނުކުމެވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ގެއާއި ހަމަޔަށް ފޯރުމާއެކު އަޑުކޮޅަށް ކެމީލާއަށް ގޮވަން ފެށީ ތަނެއްގައި އަލިފާން ރޯވެގެން އުޅޭހެންނެވެ. ކެމީލާ ޔުނިފޯމް އިސްތިރިކުރަން ހުރެފައި ދުވެފައި އައެވެ.

"މިރޭ ކައްކާކަށް ނުޖެހޭނެ. ޚަރަދު ކުޑަވާނެއްނު ލިލީޕެލެސްގެ މާ ސިންގާ ފްރިޖް ރެއިޑްކޮށްލާފައި މިއައީ. އޭތި ފެނިފައި އެންމެ ކުރިން ގަތީ ފާޑެއްގެ ބިރެއް. ފަހުން ދެން އެނގުނީ މި ކްލޯޒެޓެއްވަރު ތަނަކީ ފްރިޖްކަން. އަދި ވަދެވުނީ ސިޓިންރޫމާއި ބަދިގޭބަޔަށް. ލޫކާމެން ކުޅޭ ކޮޓަރިއަކީ ކުޑަކުދިންގެ ޑްރީމް ހަމަ. ބިއުޓިފުލް ޕީޕްލް. ބިއުޓިފުލް ހައުސް....." ޒައިރާ ކޮތަޅުތައް މޭޒުމަތީ ބަހައްޓައިފިއެވެ. އާވަައްތަރެއްގެ އައިސްކްރީމްކަމަށް ބުނެފައި ބައެއް އެއްޗެހި ފްރިޖަށް ލައިފިއެވެ. ކެމީލާ އުފާވިއެވެ. ހީކުރީ އެގެއިން ހަދިޔާކުރި އެއްޗެހި ކަމަށެވެ.

ޒައިރާ ކައިގެން ނަމާދުކޮށްގެން ޓިއުޝަން ކްލާހަށް ދާން ތައްޔާރުވާން ފެށިއެވެ.

ކެމީލާ ދޮރު ތަޅުލުމަށްފަހު އެނދުގައި އޮށޯވެ ރަޖާ އެޅިއެވެ. މާމަމަތިން ހަދާން ކުރަމުން ދަނިކޮށް އޭނަގެ ލޮލުގެ ސްކްރީނަށް ޖުއާން އަރައިފިއެވެ. ޖުއާން އޭނަދެކެ އެހާ ނަފްރަތު ކުރާ ސަބަބަކީ ކޮބާހެއްޔެވެ. އޭނަ އެމީހުން ފަދައިން މުއްސަދި ކުއްޖަކަށް ނުވާތީހެއްޔެވެ. އޭނަގެ ވަނަމަކަށް "ވިލޯ " ކިޔައިގެން ޖެއްސުންކުރުމަކީ އެ ގްރޫޕްކުދިންގެ އާދައެކެވެ. ޚާއްސަކޮށް އަންހެންކުދިންތައް އޭނައަށް ހަޖޫޖެހުމާއި ގަނާކުރާވަރުން ރޮވޭވަރުވެއެވެ. ކްލާސްތެރޭގައިވެސް އުދަގޫކޮށް ދެރަވާ ޒާތުގެ ބަސްބުނެ އުޅެއެވެ. އަރީޖް ނެތްނަމަ އެންމެ ހިދުކޮޅަކަށްވެސް ކެތްނުވާނެއެވެ. މީހުންނަށް ނުރުހޭ ނަމުން ކިޔުމާއި ޣީބަ ބުނުމުގެ ފާފަ ނޭގެނީހެއްޔެވެ؟ އޭނަ ހިކި އަނަރޫފަވުމަކީ އޭނަގެ ކުށެއް ނޫނެވެ. ދޮންބެ ގާތު ބުނެގެން އެހެން ސްކޫލަކަށް ބަދަލުވާނީއެވެ. ނޫނީ ދޮންތަ ފަދައިން ޓިއުޝަން ކްލާހަކަށް ދާނީއެވެ. ނޫނެކެވެ. އެހެން ހަދައިގެން ނުވާނެއެވެ. އެހެން މީހުން ކިޔާ އެއްޗެހިން ހިތްވަރު ހޯދައިގެން އޭނަ މާތްﷲގެ ރަހުމަތްފުޅާއެކު ކުރިއަށް ދާނީއެވެ. ކުރިމަގު ބައްޓަން ކުރަން ތައުލީމު ވަރަށް މުހިއްމެވެ.

***

ހަފްތާއެއް ވީދުވަހު ޒައިރާ އެގެއަށް ދިޔައިރު އެގޭގައި އިތުރު މީހުންތަކެއް އުޅެއެވެ. ތަންކޮޅެއް މީހުން ގިނަވުމުން އަވަސް އަރުވާލާފައި ބަދިގެ ފަރާތަށް ދިޔައިރު ނީވް އޮތީ ސިއްރުން ބަލާށެވެ. ޒައިރާ ފެނުމުން ނީވް ސިހިފައި އަވަހަށް ކާބަޔާއި ދިމާލަށް ހިނގައިގަތެވެ. ނީވްއަކީ ޖާސޫސެއް ބާވައޭ އެވަގުތު ހިތަށް އެރިއެވެ. ނޫނީ ވަގެއް ނޫންކަމެއްވެސް ނޭގެއެވެ. ނޫނީ މީހަކު މަރާލާފައި މިގޭގެ ބަދިގެއިން ހިމާޔަތް ހޯދައިގެން މިތާ އުޅޭ ކުއްޖެއްހެއްޔެވެ. އެކުއްޖާގެ ނިޔަތަކީ ކޮބާހެއްޔެވެ. ޑްރާމާތައް ބަލަމުންގޮސް އޭނަގެ ސިކުނޑިވެސް މަސައްކަތްކުރަނީ ތަފާތުކޮށެވެ. ފެންނަ ކޮންމެ މަންޒަރަކުން އެހެން ހީތަކެއް ކުރެވެންފެށިއެވެ.

"ހެލޯ ނީވް. ކިހިނެއްތަ؟ " ޒައިރާ ވަގުތުން ފްރިޖް ހުޅުވައިލުމުން ކުޅު ދިޔާވާވަރުވިއެވެ. ފްރޮސްޓީތަކާއި ތަފާތު އައިސްކްރީމްތަށިތަކުން އެއް ވަތްގަނޑު ފުރާލާފައެވެ. ޗޮކްލެޓުން ބަރާވެފައެވެ. އޭނަ ޗޮކްލެޓެއް ނެގުމަށްފަހު ނިއުޅާލައިފިއެވެ. ކްލާސްކުރިން ކައިރީވެސް އޭނަ ގެ ގޭގެ މުއްސަދިކަމުގެ ވާހަކަ ކިޔައިދިނުމުން ކުދިން ތިބީ އާގަމަވެފައެވެ. މިއީ އޭނަގެ ދެވަނަގެ ތާއެވެ.

"މެޑަމްގެ ހުއްދަނެތި އެންމެ މޭބިސްކަދުރެއް ނެގުންވެސް މަނާވާނެ.."ނީވް ބުނެލިއެވެ.

"ނީވް ވެސް މަނާކަމެއް ކޮށްފައެއް ނު ތިއައީ. އެހާ ސިއްރުސިއްރުން ބެލީ ކޮން ބަޔަކަށް؟ މިގޭގައި އުޅެނީ ކޮންބަޔެއްތަ؟ "

ނީވްގެ މޫނުމަތިން ފެނުނު ޝުއޫރު ތަރުޖަމާ ނުކުރެވި އުޅެނިކޮށް ހީލައިފިއެވެ.

ނުނިމޭ

comment ކޮމެންޓް