ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސް ފޮނުއްވި ދެ ނަމަށް ހިޔާލުހޯދަނީ

ޓެކްސް އެޕީލް ޓްރައިބިއުނަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސް ވެފައިވާ މަގާމަށް މެންބަރަކު އައްޔަނުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް ވޭތޯ ބެލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަނުކުރުމަށްޓަކައި ރައީސް ފޮނުއްވާފައިވާ ދެ ނަމަކީ،

1 .އަލްއުސްތާޛު މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް/ އއ.މަތިވެރި

2 .އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފު، ގ.ނޫމަރާވިލާ

އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ޖުޑީޝިއަރީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.

އެހެންކަމުން އެ ދެ ބޭފުޅުންނާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް ވާނަމަ، 16 އޮގަސްޓު ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ކޮމިޓީގެ އީ-މެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް ވަނީ އެދިފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާ ތަމްސީލް ކުރާ މެންބަރެއްގެ މަގާމު ހުސްވުމުންނެވެ.

އެ މަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް އެކަމަށް ކުރިމަތިލެއްވި ފަރާތައް ރުހުން ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އަނެއްކާވެސް ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ. އަދި ފަހުން އެ އިއުލާނު ބާތިލުވެސް ކުރިއެވެ.

ފަސް މެމްބަރުންގެ މައްޗަަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލްއަށް މެމްބަރުން އައްޔަނުކުރަނީ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.

comment ކޮމެންޓް