އިންކަމް ސަޕޯޓު އެލަވަންސްގެ ދެވަނަ ފިޔަވައްސަށް ހުޅުވާލައިފި

މީހަކު ކާރަކަށް ތެޔޮ އެޅުމުގައި--

ކޮވިޑް19އާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޭ އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށަހެޅުމުގެ ދެވަނަ ފިޔަވައްސަކަށް ހުޅުވާލައިފި އެވެ.

މި ފިޔަވަހީގައި އިންކަމް ސަޕޯޓު އެލަވަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށެވެ.

ޖުލައި މަހާއި އޮގަސްޓް މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 31 އޮގަސްޓުގަ އެވެ. އަދި ސެޕްޓެމްބަރުގެ އެލަވަންސަށް އެދުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރު އެކަކުން 30ވަނަ ދުވަހާ ހަމައަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދެވަނަ ފިޔަވަހީގައި އެލަވަންސަށް އެދި ހުށަހެޅޭނީ ހަމައެކަނި ޖޮބްސެންޓާ ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ހުށަހަޅާ ފޯމަކުން ކަމަށެވެ.

އޮންލައިންކޮށް ފޯމު ހުށަހަޅަން ކުރިން އުޒުރުވެރިވެފައިވާ ފަރާތްތައް، އީފާސްގައި ރަޖިސްޓްރީވުމަށްފަހު އޮންލައިން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އެ މިނިސްޓްރީން އިރުޝާދުދެ އެވެ. އީފާސްގައި ރަޖިސްޓްރީވުން އަދި އެޕްލިކޭޝަން ފޯމު ހުށަހެޅުމާ ގުޅޭ ތަފްސީލު ޖޮބްސެންޓާއިން ލިބޭނެ އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީ އަށް އަސަރު ކުރި 8،488 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ޖުމްލަ 35.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން ވަޒީފާ އަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓު އެލަވެންސް ދޭން ނިންމައި ގިނަ ބަޔަކަށް އެލަވެންސް ލިބޭނެ ގޮތް ހަދަން ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް