އަލިފާން ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އަންގައިފި

އަލިފާން ރޯވެ އަޑިއަށް ދިޔަ ދޯނި --

ލ. ގަމު ތުނޑި އާ ދިމާލުން ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވެގެން އަޑިއަށްދިޔަ ދޯނީގެ ބައިތައް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި އަޑިއަށް ދިޔައީ 10 މީހުންނާއެކު ދަތުރުކުރި "ވިންދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. ދޯނީގައި ތިބީ ދިވެއްސަކާއި ނުވަ ބިދޭސީންނެވެ.

އެ ދޯނި އަޑިއަށް ދިޔައީ ލ. ގަމުގެ ހުޅަނގުން 3 ނޯޓިކަލް މޭލު ބޭރުންނެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނީގައި ހުރި ބައެއް މުދާ އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ދޯނި ފެތިފައިވާއިރު ދެފެން ދޭތެރޭ އޮޔާ ދާ ތަކެތީގެ ތެރޭގައި ތާނގީ، ލަކުޑި ފަދަ ތަކެތި ހިމެނޭ ކަމަށާއި ރޭގަނޑުގެ ވަގުތުގައި އެ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ދޯނީގައި ރޯވެ ހިނގި ހާދިސާގައި، ދޯނިން ބިދޭސީއަކު ގެއްލުނެވެ. އެ ދޯނިން ދަތުރު ކުރި ބިދޭސީއަކު ގެއްލިގެން އޭނަ ހޯދުމުގެ މަސައްކަތް ސިފައިން ފެށީ މިއަދު 3:00 އެހައިކަންހާއިރުއެވެ.

މިއަދު 17:14 ހާއިރު އޭނާގެ ހަށިގަނޑު، އެ ސަރަހައްދުގެ 48 މީޓަރު އަޑިން ވަނީ ފެނިފައެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

comment ކޮމެންޓް