ހުޅުދޫ ބަނދަރު ފުންކުރުމުގެެ މަސައްކަތް ފަށައިފި

ހުޅުދޫ ބަނދަރު މަޝްރޫއު ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ މި މަޝްރޫއު 28 ޖުލައިގައި މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

ބަނދަރު ފުން ކުރުމުގެ މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަޔް ކުރާނެ އެވެ.

އަދި މީގެ އިތުުރުން ނުވަ މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ބުރިޖެއް އެޅުމުގެ މަސައްކަތުގެ އިތުރުން 2،250 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މި މަޝްރޫއުގެ އަގަކީ 61.4 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް