ޑިސެމްބަރުން ފެށިގެން ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އެލަވެންސް ދެނީ

ޖޫން 8، 2020: މަސްމާރުކޭޓް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ޑިސެމްބަރުގެ ފަހުން ވަޒީފާ އަށް އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓު އެލަވެންސް ދޭން ނިންމައި ގިނަ ބަޔަކަށް އެލަވެންސް ލިބޭނެ ގޮތް ހަދަން ނިންމައިފި އެވެ.

ރައީސް އޮފީހުން ރޭ ގެޒެޓުކޮށްފައިވާ "ކޮވިޑް19 އާއި ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވެސް ދިނުމާ ބެހޭ އުސޫލު" ގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާއި ގުޅިގެން އެބަޔެއްގެ ވަޒީފާ އަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެސް ލިބޭ ޝަތުރު ހަމަވާ މީހުންނަށް އެލަވެންސް ދޭން ނިންމާފައިވާ ކަމަށެވެ.

މީގެެ ކުރިން އެލަވެސް ދެމުން ގޮސްފައިވަނީ މާޗު މަހުން ފެށިގެން އާމްދަނީ އަށް ނުވަތަ ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

އެލަވެންސް ދޭނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނަށާއި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ މީހުންނަށެވެ.

ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 5،000 ރުފިޔާ ދޭއިރު، ނޯޕޭ އަށް ފޮނުވާފައިވާ ފަރާތްތަކަށްވެސް 5،000 ރުފިޔާގެ އިނާޔަތެއް ދެއެވެ.

މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާ އިންް މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ދޭނެއެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުދިޔާ އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ދޭނެ ކަމަށް އުސޫލުގައި ވެއެވެ.

އެލަވަންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.

މި އެލަވެންސް ދެނީ ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. އަދި އެމީހަކީ އެކެއް ޑިސެމްބަރު 2019 އިން ފެށިގެން އެލަވެންސް އަށް އެދި ހުށަހަޅަން އޮންނަ ތާރީހާއި ހަމައަށް އެއްވެސް އިރެއްގައި ވަޒީފާގައި ދެމިހުރި ފަރާތަކަށް ވާންޖެހެއެވެ.

އެލަވެންސް ހޯދުމަށް އެދޭ ފަރާތަކީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް އެލަވެންސް ދިނުމުގެ ޝަރުތުގެ ތެރޭގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެމީހަކީ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުގުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެެ އިތުރުން އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށްވެސް 5،000 ރުފިޔާގެ އެލަވެންސް ލިބޭނެ ކަމަށް އުސޫލު ބުނެއެވެ. މި އުސޫލުގައި ބުނާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އެމީހަކަށް ލިބެމުން ދިޔަ އާމްދަނީ މެދުކެނޑިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންގެ ތެރެއިން މާޗު އެކަކާއި ހަމައަށް އަމިއްލަ އަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދަމުން ގޮސްފައިވާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް މި އެލަވެންސް ލިބޭނެއެވެ.

އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ
ވިޔަފާރިތަކެއް ނުހިމެނެއެވެ.

ނަމަވެސް ފަންނާނުންނާއިއާާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށް މި އުސޫލުގެ ދަށުން އެލަވެންސަށް ކުރިމަތި ލެވޭނެއެވެ.

އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެއްވެސް ފަރާތްތަކަށް، ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ނުވަތަ އެސްއެމްއީ ބޭންކުން ލޯނުގެ ގޮތުގައި އެހީއެއް
ދޫކޮށްފައިވާނަމަ، މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭ ފަރާތްތަކުގެ ތެރެއިން، އެޕްރީލް، މޭ، ޖޫން މި ތިންމަހުގެ
އެލަވަންސުން އެ ފަރާތެއް އިސްތިސްނާ ކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އެލަވެންސް ދޭނީ މި އަހަރުގެ އޭޕްރީލުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ. ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން އެލަވެންސް ދޭނެ ކަމަށާއި އެލަވެންސް ދޭ މުއްދަތު ހަމަވުމުގެ ކުރިން ވަޒީފާ އާންމު ހާލަތަށް ރުޖޫއަވާ ފަރާތްތަކަށް އެލަވެންސް ދިނުން ހުއްޓާލާނެ ކަމަށް ބުނެފައިވެ އެވެ. އަދި ވަޒީފާ އާންމު ހާލަތަށް އަަންނަކަން ޖޮބްސެންޓަރާ ހިއްސާ ކުރަންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.

އެލަވެންސް ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭނީ ޖޮބްް ސެންޓަރަށެވެ. އޮންލައިންކޮށް ފޯމު ހުށަހަޅަން ޖެހޭއިރު ފޯމާއެކު ވަޒީފާ އަދާކުރާ ފަރާތެއް ނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުމާއި، ވަޒީފާގެ އެއްބަސްވުން، ވަޒީފާގައި އުޅުނުކަން ސާބިތުކޮށްދޭ އެނޫން
ލިޔެކިޔުން، ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގައިދޭ ލިޔުން، ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ނުވަތަ ސަސްޕެންޑްކުރިކަމުގެ ލިޔުން، ނުވަތަ ނޯޕޭލީވް ދިންކަމުގެ ލިޔުން، ނުވަތަ މުސާރަ އުނިކުރިކަން އަންގާ ލިޔުން ހުށަހަޅަން ޖެހެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތެއް ނަމަ، އެފަދަ ފަރާތެއްކަން
ކަށަވަރުކޮށްދޭނެ ލިޔުމެއް ނުވަތަ މަސައްކަތް ކުރުމުގެ ހުއްދައިގެ ކޮޕީ ނުވަތަ މަސައްކަތް ހަވާލުކުރާ އެއްބަސްވުމުގެ ކޮޕީ އަދި ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށް އަގުކުރެވިފައި ވާ އިންވޮއިސްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.

މި އުސޫލުގައި ބުނާ އެލަވެންސް ހޯދުމަށް ދޮގު މައުލޫމާތު ދޭ ފަރާތްތަކާމެދު ގާނީނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެ އެވެ.

އުސޫލަށް ޢަމަލުކުރަން ފަށާނީ، ގެޒެޓުގައި އުސޫލު ޝާއިއުކުރާ ތާރީހުން ފެށިގެން ނެވެ.

މިމަހުގެ ހަޔެއްގެ ނިޔަލަަށް ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީ އަށް އަސަރު ކުރި 8،488 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ޖުމްލަ 35.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ. މި ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

comment ކޮމެންޓް