އާމްދަނީ ދަށްވުމާ އެކު ހަރަދުތައް 6.4 ޕަސެންޓް ކުޑަކޮށްފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށްވުމާ އެކު، ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކާ އެކު ދައުލަތުގެ ހަރަދުތައް 6.4 ޕަސެންޓް ދަށްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މިއަހަރުގެ ޖޫން މަހުގެ ފިސްކަލް ތަފާސް ހިސާބުތައް ދައްކާގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖޫން މަހު ސަރުކާރަށް ލިބިފައިވަނީ 394.8 މިލިއަން ރުފިޔާއެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 78.2 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫންމަހު 1.8 ބިލިއަން ރުފިޔާ ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވެ އެވެ.

މީގެެ ސަބަބެއް ކަމަށް ބުނެފައިވަނީ މި އަހަރުގެ މި މުއްދަތުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ދަށްވުމެވެ. މިއަހަރުގެ މި މުއްދަތުގައި ޓެކުހުން ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ މަދު އަދަދެއް ކަމަށް ފިނޭންސް އިން ބުންޏެވެ. ޓެކްސް ނޫން އާމްދަނީ އަށް ބަލާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިިބުނު ފައިސާވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 297.8 މިލިއަން ރުފިޔާ ދަށްވެފަ އެވެ.

ފިނޭންސް އިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ދައުލަތުން ކުރި ހަރަދު 6.4 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ.

މިއަހަރުގެ ޖޫން މަހާއި ހަމައަށް ރިކަރަންޓު ހަރަދުގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓުގެ ގޮތުގައި ހަރަދުކޮށްފައިވަނީ 9.2 ބިލިއަން ރުފިޔާ އެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި މިއަހަރުގެ ޖޫން މަހާއި ހަމައަށް 3.5 ބިލިއަން ރުފިޔާ ހަރަދުކުރި އިރު މިދިޔަ އަހަރު މި މުއްދަތުގައި ހަރަދު ކޮށްފައިވަނީ 3.3 ބިލިއަން ރުފިޔާ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖޫން މަހާއި ހަމައަށް ސަރުކާރުގެ ދަރަނި އަދާކުރުމަށް 549.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތައި ހަމައަށް ލޯނު އަދާކުރުމަށް ހަރަދުކޮށްފައިވަނީ 534.6 މިލިއަން ރުފިޔާއެވެ.

ޖޫން މަހާއި ހަމައަށް ފިސްކަލް ޑެފިސިޓް ހުރީ 1.7 ބިލިއަން ރުފިޔާގަ އެވެ.

comment ކޮމެންޓް