ހަތް އަހަރަށް ފަހު ވިލިއަން ޗެލްސީ ދޫކޮށްލަނީ

ވިލިއަންގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ވާދަވެރި އާސެނަލަށް ބަދަލުވާން އުޅޭ ކަމުގެ "ޔޯލަ" ވާހަކަތަކެއް މިފަހުން ފެތުރިފައިވާ ޗެލްސީގެ ފޯވާޑް ވިލިއަން ހަތް އަހަރު ދުވަހަށްފަހު އެކުލަބު ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކޮށްފި އެވެ.

ޗެލްސީއާ އެކު އިނގިރޭސިވިލާތާއި، ޔޫރޮޕުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ވިިލިއަން އެކުލަބަށް ޝަކްތަރު ޑޮނެސްކުން ބަދަލުވީ 2013 ވަނަ އަހަރު އެވެ. އެއަށްފަހު ޕްރިމިއާ ލީގުގައި 234 މެޗު ޗެލްސީއަށް ކުޅެދިން ވިލިއަން ވަނީ ދެފަހަރެއްގެ މަތިން އެ ލީގުގެ ޗެމްޕިއަންކަމާއި، އެފްއޭކަޕަކާއި އިނގިރޭސި ލީގު ކަޕުގެ އިތުރުން ޔޫރޮޕާ ލީގުވެސް ކާމިޔާބު ކޮށްފަ އެވެ.

އެއް ފެންވަރެއްގައި ގިނަ އަހަރުތަކެއް ޗެލްސީގައި ދަމަހައްޓަމުން އައި ވިލިއަންގެ ކޮންޓްރެކްޓް މި ސީޒަނާ އެކު ނިމިފައިވާ އިރު އޭނާ ވަނީ އެއްބަސްވުން އަލުން އައު ނުކުރާނެ ކަން އިއުލާން ކޮށްފަ އެވެ. އަލްވަދާއުގެ މެސެޖަކާ އެކު ވިލިއަން އެކަން އިއުލާން ކުރި އިރު އޭނާ ދެން ބަދަލުވާނެ ކަމަށް އެންމެ ގިނަ މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނީ އާސެނަލަށެވެ.

"ޗެލްސީގައި ވޭތު ކުރެވުނު ހަތް އަހަރަކީ އުފާވެރި އަހަރުތަކެއް. 2013 ވަނަ އަހަރުގެ އޮގަސްޓް މަހު ޗެލްސީން އައި އޮފާ ލެޓާއާ އެކު އަހަރެންނަށް އިނގުން މި ކުލަބުގައި ގިނަ އަހަރުތަކެއް ކުޅެން ޖެހޭނެ ކަން،" ވިލިއަންގެ ވަދާއީ ސިޓީގައި ބުނެފައިވެ އެވެ.

"ސްޓެމްފޯޑް ބްރިޖަށް އަހަރެންނަށް ސަޕޯޓަރުންނާ ކުލަބުގެ މެނޭޖްމެންޓުން މަރުހަބާ ދިން ގޮތް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އުފާވެރި އަދި ހިތާމަވެރި އެތައް އިހުސާސްތަކެއް މިކުލަބުގައި ހޭދަކުރެވިއްޖެ. އަދި އެހެންމެ އެއާ އެކު ޓްރޮފީވެސް ހޯދިއްޖެ. ކުލަބު މި ދޫކޮށްލަނީ ކާމިޔާބީތަކަކާ އެކު. އެކަމާ ފަޙުރުވެރިވަން،"

ވިލިއަންގެ އެޖެންޓް ކިއާ ޖޫރަބްޗިއަން ވަނީ މިދިޔަ މަހުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ކުލަބަކުން ހުށައެޅުންތަކެއް އައިސްފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ޗެލްސީއާއި އެންމެ ވާދަވެރި އާސެނަލް ހިމެނޭ އިރު އޭނާ އެކުލަބަށް ބަދަލުވާން އުޅޭ ކަމުގެ ޔޯލަ ވާހަކަތަކެއް ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

ވިލިއަންގެ އިތުރުން ވޭތުވެ ދިޔަ ފަސްވަރަކަށް އަހަރު ޗެލްސީގައި ކުޅުނު ޕެޑްރޯ ރޮޑްރިގުއޭޒް ވެސް ވަނީ އަންނަ ސީޒަނުގައި އެކުލަބުގައި މަޑު ނުކުރާނެކަމަށް ބުނެފަ އެވެ.

comment ކޮމެންޓް