އިންޑިއާއިން 101 ބާވަތެއްގެ އަސްކަރީ ހަތިޔާރު އެތެރެ ކުރުން މަނާ ކުރަނީ

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނަތު ސިންހު --- ފޮޓޯ: އޭޕީ

ދިއްލީ (އޮގަސްޓު 10): އިންޑިއާގެ ހަތިޔާރު އުފައްދާ ސިނާއަތް ކުރިއެރުވުމަށްޓަކައި އެގައުމުން 101 ބާވަތެއްގެ އަސްކަރީ ހަތިޔާރު އެތެރެ ކުރުން މަނާ ކުރަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނަތު ސިންހު ވިދާޅުވި ގޮތުގައި އެ ހަތިޔާރުތައް އެތެރެ ކުރުން މަނާ ކުރަން ހަމަޖެހިފައި ވަނީ މިއަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގަ އެވެ. އަދި އެ ހަތިޔާރުގެ ތެރޭގައި "އެސޯލްޓް ރައިފަލް، ސޯނާ ސިސްޓަމްސް، ލައިޓް ކޮމްބެޓް ހެލިކަޕްޓަރު، ރޭޑާ އަދި އެހެނިހެން ހަތިޔާރާއި އުޅަނދުތައްވެސް" ހިމެނޭ ކަަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީން ލަފާ ކުރާ ގޮތުގައި އެ ހަތިޔާރުތައް އެތެރެ ކުރުން މަނާ ކުރުމުން ކުރިއަށް އޮތް ހަޔެއް ނުވަތަ ހަތް އަހަރު ތެރޭ އެގައުމުގެ ހަތިޔާރު އުފައްދާ ކުންފުނިތަކަށް 53 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓުތައް ލިބޭނެ އެވެ.

އިންޑިއާ އަކީ އެމެރިކާ އާއި ޗައިނާއަށް ފަހު އަސްކަރިއްޔާއަށް އެންމެ ގިނައިން ހޭދަ ކުރާ ގައުމެވެ. އަދި އެގައުމަކީ 2015 އާއި 2019އާ ދޭތެރޭ ދެވަނައަށް އެންމެ ގިނަ އަދަދަކަށް ބޭރުގެ ހަތިޔާރު އިމްޕޯޓު ކުރި ގައުމު ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކުރި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް