ރޮނާލްޑޯގެ ރެކޯޑް މުގުރާލުމަށް އަމާޒެއް ނުހިފަން: ލެވަންޑޮސްކީ

ބަޔާން މިއުނިކުގެ ސްޓްރައިކަރު ރޮބާޓް ލެވަންޑޮސްކީ -- ފޮޓޯ// ލައިވްސްކޯ

ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ހަދާފައިވާ ރެކޯޑް މުގުރާލުމަށް އަމާޒު ކަނޑަނާޅާ ކަމަށާއި، އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ ފޯމުގައި އޮތް ނުރައްކާތެރި ބާސެލޯނާ އަތުން މޮޅުވުން ކަމަށް ބަޔާން މިއުނިކުގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ބުނެފި އެވެ.

މިހާރު ކުރިއަށްދާ 2019-20 ވަނަ ސީޒަން ނިމުމަކާ ކައިރިވެފައިވާ އިރު، މި ސީޒަންގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ލެވަންޑޮސްކީ ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ޗެލްސީ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. އެ ދެ ގޯލާ އެކު މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ. މިއާ އެކު މުބާރާތުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ރޮނާލްޑޯގެ ރެކޯޑާއި ހަމަކުރަން ލެވަންޑޮސްކީ ބާކީ ހަތަރު ގޯލު ބޭނުންވާ އިރު އޭނާއަށް އެކަން ހާސިލް ވެދާނެ ކަމަށް ގިނަ ބަޔަކު ވަނީ ގަބޫލު ކޮށްފަ އެވެ.

ޔޫރޮޕުގެ ރަން ބޫޓުގެ ރޭހުން ދެވަނަ ހޯދި ލެވަންޑޮސްކީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް 53 ގޯލު ޖަހާފައިވާ އިރު 31 އަހަރުގެ ސްޓްރައިކަރުގެ ފޯމު ހުރީ އިދިކޮޅު ޓީމުތަކަށް ބޮޑު ނުރައްކަލެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ރޮނާލްޑޯގެ ރެކޯޑް މުގުރާލުމަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށާއި، މިހާރު އަމާޒު ހިފާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ނަޕޯލީ ބަލިކޮށް ކުއާޓާއަށް ދަތުރު ކުރި ބާސެލޯނާ ބަލި ކުރުން ކަމަށް ލެވަންޑޮސްކީ ވަނީ ބުނެފަ އެވެ.

"ކުރިއަށް މިއޮތީ ނޮކްއައުޓް މެޗެއް. މިހާރުގެ އަމާޒަކީ އިދިކޮޅު ޓީމު [ބާސެލޯނާ] އަށް އަހަރުމެންގެ ފެންވަރު ދައްކާލައި ސެމީ ފައިނަލަށް ދަތުރު ކުރުން. ރޮނާލްޑޯގެ ރެކޯޑް މުގުރާލުމަށް ވަކި ހާއްސަ ޝައުގެއް ނެތް،" ލެވަންޑޮސްކީ ބުންޏެވެ.

އޭނާ ބުނީ، ބާސެލޯނާ އަކީ މިވަގުތު ޔޫރޮޕުގައި އޮތް އެންމެ ރަނގަޅު އެއް ޓީމު ކަމަށާއި، މެޗުގެ ފުރަތަމަ މިނަޓުން ފަށައިގެން އެ ޓީމަށް ޕްރެޝަރު ކުރަން ޖެހޭ ކަމަށެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށް ބަޔާނުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި، ދެން އޮތް ބުރަށް ދަތުރު ކުރާނީ އެންމެ ކޮލިޓީ ޓީމު ކަމަށެވެ.

ކޮވިޑާ ގުޅިގެން މެދުކަނޑާލި ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ކުޅުން އަލުން ފަށާފައިވާ އިރު ބަލި ފެތުރުން އިތުރަށް ކުޑަ ކުރުމުގެ ގޮތުން ޔޫއެފާއިން ވަނީ މުބާރާތުގެ ބާކީ ހުރިހާ މެޗެއް ޕޯޗުގަލްގެ ލިސްބޮންގައި ކުޅޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ދެ ލެގު ކުޅުމުގެ ބަދަލުގައި ނޮކްއައުޓް އުސޫލަށް މުބާރާތް ބަދަލުކޮށްފައިވާ އިރު ކުއާޓާ މެޗުތައް ކުޅުމަށް ޓީމުތައް މިހާރު ވަނީ ޕޯޗުގަލަށް ފުރުމަށް ތައްޔާރުވެފަ އެވެ.

comment ކޮމެންޓް