ސުޝާންތުގެ މަރު: އަދިވެސް ޖަވާބު ނުލިބޭ އެތައް ސުވާލެއް

ސުޝަންތު ސިންގް ރާޖުޕުތު --

އެމީހެއްގެ މަރާ އެކު އެތައް ބައެއް ރޮއްވާލާފައިވާ އެކްޓަރު ސުޝާންތު ސިންގް ރާޖުޕުތު ދިރިއުޅެމުން ދިޔައީ އާދަޔާ ހިލާފު ހަޔާތެކެވެ. އޭނާގެ އަމިއްލަ ހަޔާތަކީ ވެސް އޭނާ ކުޅެފައިވާ ކެރެކްޓަރުން ފަދަ ތަފާތު ހަޔާތެކެވެ.

ނަމަވެސް އޭނާގެ ހަޔާތް ކުއްލި ގޮތަކަށް ނިމިގެން ގޮސްފައި ވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުގަ އެވެ. އުމުރުން އެންމެ 34 އަހަރުގައި އޭނާގެ ފްލެޓުގެ ތެރޭގައި އަމިއްލަ އަށް މަރުވެފައި އޮއްވައި ފެނުނު ހަބަރު ވެގެން ދިޔައީ ބޮޑު ޝޮކަކަށެވެ.

ސުޝާންތު ފިލްމު އިންޑަސްޓްރީއަށް އައީ ބޮލީވުޑްގެ ބޮޑެތި ގިނަ މަޝްހޫރު ތަރިން އުފެދިގެން އައި ގޮތަކަށް ނޫނެވެ. ސުޝާންތަކީ މަޝްހޫރު އެކްޓަރެއްގެ ދަރިއެއް ނޫނެވެ.

އޭނާ އުޅެބޮޑުވީ އިންޑިއާގެ އެންމެ ފަގީރު އެއް ސްޓޭޓް ކަމަށްވާ ބިހާރުގަ އެވެ. ނަމަވެސް އާއިލާގެ ހުރި ދަތިތަކާއެކުގައި ވެސް އެންމެ ޅައިރުން ފެށިގެން ވެސް ސުޝާންތު ވަނީ ބުރަކޮށް މަސައްކަތްކޮށްފަ އެވެ. އޭނާ ސްކޫލުގައި ކުރި މަސައްކަތުގެ ސަބަބުން އިންޑިއާގެ އެންމެ މަތީ އިންޖިނިއަރިން ސްކޫލުން ޖާގަ ހޯދި އެވެ. އަދި އާއިލާއަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް އޭނާގެ ދަތުރު ފެށުނެވެ.

ނަމަވެސް އޭނާގެ ހިތް އޮތީ އިންޖިނިއަރިން ދާއިރާގައެއް ނޫނެވެ. އޭނާގެ އުއްމީދުތަކާއި ހުވަފެންތައް ގުޅިފައި އޮތީ ސްކްރީނު ކުރިމަތީގައި މަސައްކަތް ކުރުމަށެވެ. އެކްޓުކުރުމަށެވެ. އެހެންކަމުން ކޮލެޖުން ކެނޑިގެން އޭނާ މުމްބާއި އަށް ބަދަލުވީ އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.

އިންޑަސްޓްރީއަށް ސުޝާންތު ވަނީ ކުދިކުދި ރޯލުތަކާއި އިޝްތިހާރުތަކުން ޖާގަ ހޯދައިގެންނެވެ. އަދި ތިއޭޓަރުގައި އެތައް އަހަރުތަކެއް މަސައްކަތް ކުރަމުންދަނިކޮށް ސުޝަންތަށް އެންމެ ފަހުން ޑެއިލީ ސޯޕްއެއްގެ ލީޑު ލިބި އޭނާއަށް މަގުބޫލުކަން ލިބިގެންދިޔައެވެ. އެ ކާމިޔާބާއެކު ބޮޑު ސްކްރީނުން ވެސް އޭނާއަށް ޖާގަ ލިބިގެން ދިޔައެވެ.

ސުޝާންތުގެ ފޭނުން އޭނާއަށް އެހާ ސަޕޯޓުކުރަނީ އާދައިގެ ދިރިއުޅުމަކުން އައިސް ބޮލީވުޑްގައި ބޮޑު މާކެއް ޖެހީމާ އެވެ. އެހެންކަމުން އޭނާގެ މަރު އެތައް ބަޔަކަށް ވެގެން ދިޔައީ ވަރަށް ޒާތީ ކަމަކަށެވެ.

ސުޝަންތު ސިންގް ރާޖުޕުތު --

އޭނާގެ މަރާ އެކު އެތައް ބައެއްގެ ލޮލުން ކަރުނަތައް ނުހިކެނީސް ސުޝާންތުގެ މަރުގެ ވާހަކައަށް ބޮޑެތި ޓްވިސްޓްތައް އަންނަން ފެށި އެވެ. އަދި އެއާއެކު އޭނާ މަރުވިގޮތާ މެދު ސުވާލުތަކެއް އުފެދި ބޮޑެތި މީޑިއާތަކުން އެ މައްސަލާ ގުޅޭ ގޮތުން ބޮޑެތި ބަހުސްތައް ފެށި އެވެ.

އެ ބަހުސްތަކުގެ އަމާޒުތައް ސުޝާންތާ ގުޅުންހުރި އެންމެނަށް ކުރަން ފެށި އެވެ. އެއްވެސް މީހެއް ސަލާމަތެއް ނުވި އެވެ. އޭނާގެ ތެރަޕިސްޓުން ފެށިގެން އޭނާ އެކީގައި މަސައްކަތް ކުރަމުން ދިޔަ އެންމެނަށް ވެސް ޝައްކުގެ އިނގިލިތައް ދިއްކުރުން ފެށީ މުޅި މައްސަލަ މީޑިއާތަކުގެ މައިގަނޑު ހަބަރަށް ހަދައިގެންނެވެ.

އިންޑަސްޓްރީގެ ދެ ބައެއްގެ ހަނގުރާމަ

އިންޑިއާގެ ފިލްމު އިންޑަސްޓްރީ މައިގަނޑު ގޮތަކަށް ބެހިގެން ވަނީ ނުފޫޒުގަދަ ފަރާތްތަކާއި އާންމު ފަރާތްތަކުންގެ މެދުގަ އެވެ. ނުފޫޒު ގަދަ ފަރާތްތަކުން ބޮލީވުޑް އިންޑަސްޓްރީއަށް އަތްގަދަކޮށްގެން ތިބި އިރު އެ ފަރާތްތަކުން ބޭނުން ވާނީ މަޝްހޫރު ތަރީންގެ ދަރީން އިންޑަސްޓްރީއަށް ނިކުތުމަށެވެ.

އެ ފަރާތްތަކަކީ އިންޑަސްޓްރީ ކޮންޓްރޯލް ކުރާ ފަރާތްތަކަށް ވުމުން ބޭރުން ބަޔަކު ނުވަތަ އާންމު ދިރިއުޅުމަކުން އަންނަ ބަޔަކަށް ފިލްމު ކުޅެން ފުރުސަތު ދިނުމަށް އެ ފަރާތްތަކުން ގަބޫލެއް ނުވާނެ އެވެ.

ސުޝާންތަކީ އާދައިގެ ބެކްގްރައުންޑަކުން އައިސްފައިވާ މީހަކަށް ވުމުން ފިލްމު އިންޑަސްޓްރީގެ ނުފޫޒުގަދަ ފަރާތްތަކުން އޭނާ ބަލައިގަނެފައި ނުވާ ފަދަ ގޮތަކަށް ވާހަކަތައް ދެކެވިފައިވާ ކަން ކުރީން ވެސް އެނގެ އެވެ. ނަމަވެސް އޭނާގެ މަރާ އެކު ދެކެވެން ފެށި އެއް ވާހަކައަކީ އެ ނުފޫޒުގަދަ މީހުންގެ ކޮންޓްރޯލާއި އަތްގަދަކަން އިންޑަސްޓްރީއަށް އޮތް ވަރުން ސުޝާންތައް މަސައްކަތް ކުރުމަށް އުނދަގޫވެ، އަމިއްލައަށް ދަންޖެހުނީ ކަމަށެވެ.

ސުޝަންތު ފެނިގެންދާ ފިލްމެއްގެ މަންޒަރެއް --

އެގޮތުން ސުޝާންތަށް ބޮޑެތި ޕްރޮޖެކްޓުތަކުން ފުރުސަތު ދިނުމަށް ފަހު އޭނާއަތުން ޕްރޮޖެކްޓުތައް ގެއްލުވާލަމުން ގެންދިޔަ ކަމަށް ބުނެ ވާހަކަތައް ދެކެވެން ފެށި އެވެ. އެފަދަ ކަމެއް ކުރެވޭނީ ވެސް އިންޑަސްޓްރީގައި ނުފޫޒުގަދަ ފަރާތަކަށް ކަަމަށް އެތައް ބަޔަކު ބުނަން ފެށި އެވެ.

މުމްބާއީގެ ފުލުހުން އަދިވެސް ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. އެ ފަރާތްތަކުން ވަނީ އިންޑަސްޓްރީގެ 50 އަށްވުރެ ގިނަ މީހުންނާ މިހާތަނަށް އިންޓަވިއުކޮށްފަ އެވެ. އަދި އެ މައްސަލާގައި ސުޝާންތު އަމިއްލައަށް މަރުވުމަށް މެދުވެރިވުމުގައި އިތުރު ބައެއްގެ އަތެއް ވޭތޯ ބެލުމަށް ކުރަމުންދާ މަސައްކަތް އަދި ވަކި ކޮޅެއްގައި ޖެހިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ތަރީން ލޯންޗުކުރުމަށް އެންމެ ފާހަގަކުރެވޭ އެކަކީ ކަރަން ޖޯހަރެވެ. އޭނާއަކީ ބޮލީވުޑްގެ ނެޕޮޓިޒަމް އެންމެ ވަރުގަދައަށް ފަތުރަމުންދާ އެކަކު ކަމަށް މީގެކުރީން ވެސް ވަނީ ބުނެފަ އެވެ. އަދި ސުޝާންތުގެ މަރާ ގުޅިގެން ކަރަން ޖޯހަރާ ދެކޮޅަށް އައީ ވަރުގަދަ ރޯޅިގަނޑެކެވެ. ބޮލީވުޑްގެ ނުފޫޒުގަދަ ކަމަށް ދެކެވޭ މީހަކީ ކަރަން ޖޯހަރު ކަމަށް ބުނެ ވާހަކަތައް ވެސް ދެކެވެން ފެށުނެވެ.

އެ މައްސަލައާ ގުޅިގެން އޮންލައިންކޮށް ކަރަން ޖޯހަރާ ދެކޮޅަށް އެތައް ބައެއްގެ ނުރުހުން ރައްދުވި އެވެ. އަދި ކަރަން ޖޯހަރުގެ ނެޕޮޓިޒަމް "ސްޕޮޓް ލައިޓަށް" ގެނައުމުގައި އެންމެ އިސްކޮށް އުޅުނު އެކަކީ ބޮލީވުޑް ތަރި ކަންގަނާ ރަނައުތެވެ. އޭނާއާ ދެކޮޅަށް އެތައް ވާހަކަތައް ދެކެވުނު ނަމަވެސް ފުލުހުން އަދި މިހާތަނަށް ކަރަން ޖޯހަރު އިންޓަވިއުކޮށްފައެއް ނުވެ އެވެ.

ބަހުސްގެ އެއްކޮޅުގައި އެ ވާހަތަކަށް އޮތް އިރު އިތުރު މީޑިއާތަކުން ވާހަކައިގެ އާ މަގަކަށް އަނބުރާލައިފި އެވެ. އެ ފަރާތްތަކުންގެ އިލްޒާމް އޮތީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަތީ އަށެވެ.

ސުޝާންތުގެ ބައްޕަ ވަނީ ރިއާ އާ ދެކޮޅަށް ބިހާރު ޕޮލިހަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އޭނާ ތުހުމަތުކުރަނީ ސުޝާންތު އަމިއްލައަށް މަރުވުމުގެ ފަހަތުގައި ވަނީ ރިއާގެ އަތެއް ކަމަށެވެ. އަދި ސުޝާންތުގެ ފައިސާތައް އޭނާ ބޭނުންކުރަމުން ގެންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީޑިއާއިން ވާހަކައިގެ އާ ޓްވިސްޓަށް ފުއްމާލުމަށް އެންމެ ހިނދުކޮޅެއް ވެސް ބޭކާރެއް ނުކޮށްލަ އެވެ.

"އޭނާއަކީ ފައިސާއާ ހެދި އުޅުނު އަންހެނެއް. ރިއާ ވަނީ ސުޝަންތުގެ ފައިސާ ވެސް ގެންގޮސްފައި،" އެއީ ރިއާއާ ގުޅޭ ގޮތުން ދެކެވިފައިވާ ވާހަކަތަކުން ވާހަކައެކެވެ.

ނަމަވެސް ރިއާ ވަނީ އެ ވާހަކަތަކަށް އިންކާރުކޮށްފަ އެވެ. އަދި އެ މައްސަލަ ވީހާވެސް އިންސާފުވެރިގޮތަކަށް ބަލައިދިނުމަށް ހޯމް މިނިސްޓަރު އަމިތު ޝާހު ގާތުގައި ވެސް އޭނާ ވަނީ އެދިފަ އެވެ.

ސެންސޭޝަނަލައިޒްކޮށް ދެކެވެމުންދާ ވާހަކައެއް

ސުޝާންތުގެ މަރާ ގުޅިގެން ޓީވީ އަދި ނޫސް ޗެނަލްތަކުން ބޮޑަށް ބުރަ ވަމުން ދިޔައީ ދެ ތިއަރީއަކަށެވެ. އެގޮތުން އެއް ބަޔަކު ބުރަވަނީ ސުޝާންތުގެ މަރުގެ ފަހަތުގައި ރިއާގެ އަތެއްވާ ކަމަށެވެ. އަދި އަނެއް ބަޔަކު ބުރަވަނީ ބޮލިީވުޑްގެ ނުފޫޒުގަދަަ ޑިރެކްޓަރެއްގެ އަތެއް ވާކަމަށެވެ.

އަދި އެ ބައެއްގެ ތިއަރީ ސާބިތު ކޮށްދިނުމަށް ބައެއް މީހުން ވަނީ އެތައް ގަވާއިދަކާއި ހައްދުތަކެއް ފަހަނައަޅައި ގޮސްފައިވާ ކަމަށް މެންޓަލް ހެލްތު އެކްސްޕާޓެއް ކަމަށްވާ ޑރ. ސޫމިތުރާ ޕަތާރޭ ވިދާޅުވެފައިވެ އެވެ.

އެގޮތުން ސުޝާންތުގެ ބޭންކް އެކައުންޓް މައުލޫމާތު ލީކުކޮށް އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ހަދާފައިވާ ރިޕޯޓުތަކާއި އިވެލުއޭޝަންތައް ވެސް ވަނީ ބަޔަކު ލީކުކޮށްލާފަ އެވެ.

ޑރ. ސޫމިތުރާ ވިދާޅުވީ ނޫސްތަކުން ހަބަރުތައް ގެނެސްދޭއިރު ވަކި އުސޫލަކަށް ފައްތަން ޖެހޭނެ ކަމަށެވެ. ނަމަވެސް މީޑިއާތަކުން ސުޝާންތުގެ މަރުގެ ވާހަކަ ގެނެސްދެމުންދަނީ އަމިއްލަ އެދުމެއް ފުއްދަން އުޅޭ ބަޔަކު އުޅޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ފަދަ ހަބަރެއް ގެންނަން ބޭނުންވި ނަމަވެސް އެފަދަ ޒާތީ މައުލޫމާތުތަކަކީ ރައްކާތެރުކުރެވެން ޖެހޭނެ އެއްޗެހި ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޝަންތާއި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރޮބޮތީ ---

ސުޝާންތުގެ އެތައް މިލިއަން ފޮލޮވަރުން މިހާރު ބަލަމުން ގެންދަނީ އޭނާގެ މަރާ ގުޅޭ ގޮތުން ކޮންމެ ދުވަހަކު ވެސް އަލަށް އިވޭ އާ ވާހަކައެކެވެ. އޭގެ ސަބަބުން އެ ފޮލޮވަރުން އަދި ހާއްސަކޮށް ޒުވާން ފޮލޮވަރުންނަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑރ. ސޫމިތުރާ ވިދާޅުވި އެވެ.

ޑރ. ސޫމިތުރާ ވަނީ އެއް މައްސަލައިގައި ސޯޝަލް މީޑިއާތައް ކުށްވެރިކޮށްފަ އެވެ. އަދި ނަފްސާނީ ބަލިތަކާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ލިބެން ހުންނަ މައުލޫމާތު ކުޑަ ކަމަށާއި ހޭލުންތެރިކަން ކުޑަކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.

ސުޝަންތުގެ މަރާ ގުޅިގެން ޒާތީ މައުލޫމާތުތައް އާންމުކުރާ މައްސަލަ ވަނީ އުއްތަރު ޕްރަދޭޝްގެ މަތީ މަގާމެއްގެ ފުލުހެއް ކަމަށްވާ ވިކްރަމް ސިންގް، ކުށްވެރިކޮށްފަ އެވެ.

"އެފަދަ މައުލޫމާތެއް އާންމުކޮށްގެން މައްސަލައިގެ ތަހުގީގަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ. އަދި އެފަދަ ތަކެތި ހޯދައި ބެލުމުގެ ސަބަބުން ޒުވާނުންނަށް އޭގެ ނޭދެވޭ އަސަރު ކުރުން ވެސް އެކަށީގެންވޭ،" ވިކްރަމް ވިދާޅުވި އެވެ.

ކޮންމެއަކަސް ސުޝާންތުގެ މަރުގެ ވާހަކަ ވަނީ ތަފާތު ގޮތަށް ދެކެވިގެން ގޮސްފަ އެވެ. އަދި އެކަމަށް އެތައް ސުވާލުތަކެއް އުފެދިފައިވާ އިރު އެއްވެސް ޖަވާބެއް އަަދި ލިބޭގޮތް ވަނީ ނުވެފަ އެވެ.

comment ކޮމެންޓް