މިއަދު 825 މުވައްޒަފަކަށް ފްރަންޓްލައިން އެލަވަންސް ދޫކޮށްފިން: އަމީރު

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަށްސަތޭކަ ފަންސަވީސް މީހަކަށް ކޮވިޑް-19ގެ ފްރަންޓަލައިން އެލަވަންސް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

އެންމެ ފުރަތަމަ އެލަވަންސް ދޫކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ މުސާރަ ދިން އިރު އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެފަހަރު 220 ފަރާތަކަށް ޖުމްލަ 2.9 މިލިއަން ރުފިޔާގެ އެލަވަންސް ދެވިފައިވާ ކަމަށެވެ. އެއީ މާޗް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދޫކުރަން ޖެހޭ ފައިސާއެވެ.

މިއަދު އަނެއްކާ ވެސް އެލަވަންސް ދޫކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 825 މީހަކަށް މިއަދު ޕްރަންޓްލައިން އެލަވަންސް ދޫކޮށްފައިވާ ކަމަށެވެ. އަދި މިއަދު ދޫކުރެވިފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 10.4 މިލިއަން ރުފިޔާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީވެސް މާޗް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދޭން ޖެހޭ ފްރަންޓްލައިން އެލަވަންސް އެވެ.

މިއަދު ފައިސާ ދޫކުރި މީހުންނާއެކު ޖުމްލަ 1045 މުވައްޒަފަކަށް ފްރަންޓްލައިން އެލްވަންސް ދީފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 13.4 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވާނީ، ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދިނުމަށެވެ.

އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ހައިރިސްކް، ފަރާތްތަކަށް ކޮންމެ ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް ފަރާތްތަކަށް ދުވާލަކަށް 200 ރުފިޔާ ދެވޭނެ ކަމަށް މީގެ ކުރިން ފިނޭސް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް