ކ. މާފުށީގައި ހަދަމުންދާ އިމާރާތެއްގެ ފާރަކުން ބައެއް ވެއްޓި، ހޯމް ކަރަންޓީނުގައި ތިބި ބަޔަކު އުޅެމުން ދިޔަ ގެއަކަށް ގެއްލުންވެއްޖެއެވެ.
މިއަދު މާފުށީ ގެއެއްގެ ތެރެއަށް ވެއްޓުނީ ހަތަރު ބުރީގެ އިމާރާތެއްގެ ފާރަކުން ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓަށް ރާނާފައި ހުރި ފާރަކުން ބައެކެވެ. މާފުށީ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ، އެ ހާދިސާ ހިނގީ މިއަދު ހަވީރުކޮޅު ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.
"ހަދަމުންދާ އިމާރާތެއްގެ ގާތްގަނޑަކަށް ތިން ވަރަކަށް ހަތަރު ވަރަކަށް ފޫޓަށް ރާނާފައިއިން ފާރެއް ވެއްޓުނީ. އެއް ގެއެއް ބައިބަޔަަށް ބަހާފައިވާއިރު، ބޭރަށް އިންނަ އިމާރާތެއްގެ ބައެއް މި ވެއްޓުނީ އެތެރޭގައި އިން ގެއްގެ މައްޗަށް،" އުސްމާން ވިދާޅުވިއެވެ.
އުންމާން ވިދާޅުވި ގޮތުގައި އެ ފާރު ވެއްޓި ތިރީގައި ހުރި ގޭގެ ފުރާޅާއި ސީލިން ވަނީ ހަލާކުވެފައެވެ. އެ ގޭގައި ދިރިނޫޅެވޭވަރު ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެތަނުގައި ދިރިއުޅޭ އެއްވެސް މީހަކަށް ޖިސްމާނީ އެއްވެސް ގެއްލުމެއް ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުސްމާން ވިދާޅުވި ގޮތުގައި ގެއްލުންވި ގޭގައި ދިރިއުޅެނީ، މާލެއިން މާފުއްޓަށް ގޮސް އެ ގެ ކުއްޔަށް ހިފައިގެން އެތަނުގައި ހޯމް ކަރަންޓީނުގައި ތިބި ބައެކެވެ.
އެ މީހުން މިހާރު ވަނީ އެހެން ގެއަކަށް ބަދަލުކޮށްފައި ކަމަށް އެނާ ވިދާޅުވިއެވެ. އެ މީހުން ހުންނާނެ ތަނެއް ހަމަޖައްސީ އަމިއްލައަށް ކަމަށް އުސްމާން ވިދާޅުވިއެވެ. އަދި ތަން ހަމަޖައްސައިދިނީ ކުއްޔަށް ދޫކުރި ފަރާތުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ފުރަތަމަ ގުޅީމަ އަޅުގަނޑު ދެންނެވިން ދެ ފަރާތުން ވާހަކަ ދައްކައިގެން އަވަހަށް ތަނެއް ހަމަޖައްސާށޭ. ދައުލަތަކުން ނޫނޭ ކައުންސިލަކުން ނޫނޭ ތަނެއް ހަމަޖައްސައިދޭނީ. އެއީ ދައުލަތުގެ ޒިންމާއެއް ނޫނޭ، އަމިއްލައަށޭ މިހާރު ހޯމް ކަރަންޓީނަށް ދަނީ،" އުސްމާން ވިދާޅުވިއެވެ.
އަދި އެއީ ހޯމް ކަރަންޓީނުގައި ތިބި ބައެއް ކަމުން އެ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔައީ، ކައުންސިލުން މައުލޫމާތު ދިނުމުން، ރަށުގެ ހެލްތު ސެންޓަރުގެ އެހީގައި ކަމަށް އޭނާ ވިދާޅުވިއެވެ.