ކޮމިޓީގައި ހެލްތުގެ ކުރީގެ މުވައްޒަފުން ދެއްކީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ޝަރީފު

އިބްރާޙިމް ޝަރީފު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ހެލްތް މިނިސްޓްރީގެ ކުރީގެ މުވައްޒަފުންތަކެއް ރާއްޖޭގެ ސިއްހީ ނިޒާމާ ގުޅޭގޮތުން ދެއްކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައިބައިވެރިވެވަޑައިގެންނެވި، މިނިސްޓްރީގެ ކުރީގެ މުވައްޒަފުން ވަނީ ވަރަށް ބޮޑަށް ސިއްހީ ނިޒާމަށް ފާޑު ކިޔުން އަމާޒުކޮށް، ފެއިލްވަމުންދާ ކަމަށް ބުނެފައެވެ.

އެވާހަކަތަކާ ގުޅިގެން ޝަރީފު ވިދާޅުވީ، އެއީ އެމީހުންގެ ހިޔާލު ކަމަށާއި، ނަމަވެސް އެކަމުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި އެެއީ ކޮވިޑާ ދެކޮޅަށް ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތައް ކުރެއްވި މަލާމާތެއްގެ ގޮތުގައި ދެކަވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑިމޮކްރަސީގައި، މީހުން ނުރުހޭ ކަންކަމަށް ފާޑު ކިޔާނެ. އެއީ މައްސަލައެއް ނޫން. އެހެން ނަމަވެސް އެކަމުގައި އެވެސް ހަގީގަތެއް ނެތް. ރާއްޖޭގެ ހާލަތައް ބަަލައި ސިއްހީ ނިޒާމް ރަނގަޅު،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ރާއްޖެއިން ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައްވެސް ރަނގަޅު ކަމަށާއި، މި ސަރައްދުގެ އެހެން ގައުމުަތަކާ އަޅާ ބަލާއިރު، ރާއްޖޭއިން ވައިރަހާ ދެކޮޅަށް ކުރި މަސައްކަތް ރަނގަޅު ކަމަށެވެ. އަދި މިއީ އާ ވައިރަސް އެއް ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުންވެސް މި ވައިރަހަށް މީގެ ކުރިން ތައްޔާރުވެފައި ނުވާރިއު، ރާއްޖޭގެ ތައްޔާރީތައް ޖުމްލަކޮށް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި ލިބެން އޮތް މަދު ވަސީލަތްތަކާ، މާލޭގައި މީހުން ދިރުއުޅެމުން އަންނަ ހާލަތާ، ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުން އައި ހާލަތަށް ބަލައި، ރާއްޖޭގެ ސިއްހީ ދާއިރާ ހިންގަވަން ތިބި ބޭފުޅުން [ކޮވިޑާ ދެކޮޅަށް] ކުރި މަސައްކަތަކީ ލާމަސީލު މަސައްކަތެއް. އެހެން ނޫން ނަމަ ރާއްޖޭގެ ބަލީގެ ހާލަތު މިހާލަތުގައިވެސް ނޯންނާނެ،" ޝަރީފު ވިދާޅުވިއެވެ.

"ވަސީލަތްތައް ހޯދައި، ފެސިލިޓީތައް ގައިމުކޮށް، ކުރި މަސައްކަތައް ޝުކުރު ހައްގު ހަމަ. އެއީ އެބޭފުޅުންގެ ހިޔާލު. އެހެން ނަމަވެސް އޭގައި ހަގީގަތެއް ނެތް،" ޝަރީފު ތަކުރާރުކޮށް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ކޮންމެ ބަޔަކަށްވެސް ފާޑު ކިޔަން ފަސޭހަ ވާނެ ކަމަށެވެ. ސިއްހީ ނިޒާމާ ގުޅޭ ގޮތުން އެބޭފުޅުން ވާހަކަ ދެއްކެވި އިރު، އެއީވެސް އެ މަގާމުތައް ފުރުއްވި ބޭފުޅުން ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެ މީހުނަށް ކަންކަން ރަނގަޅުވާނީ އެމީހުންގެ ދައުރުތަކުގައި ކުރެއްވި މަސައްކަތް ކަމަށާއި، މިހާރުގެ ބަޔަކު ކުރާ މަސައްކަތް ގަބޫލު ކުރަން އެ ބޭފުޅުންނަށް ދަތި ވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

" އަޅުގަނޑު ގަބޫލު ކުރަނީ، މިހާރު ފޮރޮންޓްލައިންގައި ތިިބި ފަރާތްތައް ކުރަމުންދާ ބުރަ މަސައްކަތައް ކުރެއްވި މަލާމަތެއްގެ ގޮތުގައި [ކޮމިޓީގައި ފާޑުކިޔުން]" ޝަރީފު ވިދާޅުވިއެވެ.

ކޮމިޓީގައި ބައެއް ބޭފުޅުން ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާގައި ކަންބޮޑުވާ ބޮޑެތި މައްސަލަތަކެއް އެބަ ހުރި ކަމަށެވެ. މި ސަރުކާރުން ސިއްހީ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލެއް ގެނެވޭނެ ކަމަށް ހީފުޅު ކުރެއްވުނު ނަމަވެސް، މިހާރު ފެންނަނީ ފަހަތަށް ފިޔަވަޅު އެޅެމުންދާ މަންޒަރު ކަމަށް ވިދާޅުވިއެވެ. އަދި ކޮވިޑާ ގުޅިިގެން އަމަލު ކުރަމުންދާ ގޮތާ ގުޅޭ ގޮތުންނާއި ޕްބްލިކް ހެލްތައް އިހުމާލުވަމުންދާ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ. އޭގެ އިތުރުން ސިއްހީ ނިޒާމުގައި ހުރި ގިނަ އަދަދެއްގެ މުހިންމު މަގާމުތަކަކަށް އަދިވެސް ބޭފުޅުން ހަމަޖައްސާފައި ނެތުމުން އެ ނިޒާމު ހިނގަން ޖެހޭ ގޮތަށް ނުހިނގާ ކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކުރައްވާފައެވެ.

https://sun.mv/141226

ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ކުރިއަށްގެންދާ ގޮތް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އޮތީ ނިންމައިފަ އެވެ. މައްސަލަ ދިރާސާ ކުރުމަށްޓަކައި ބައެއް ޑޮކްޓަރުންނާއި އެޗްޕީއޭ އަދި އެޗްއީއޯސީގެ ފަރާތްތަކާއި، ވޭތުވެދިޔަ 50 އަހަރު ޕަބްލިކް ހެލްތު ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅުންނާއި ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި ކަމާ ގުޅުންހުރި ޖަމިއްޔާތަކާއި ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިތުރުން އެ ނޫންވެސް ފަރާތްތަކާ ބައްދަލުކުރަންވެސް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް