ކުޑަކުދިންނާ ގުޅޭ ދެ ގާނޫނު ތަންފީޒުކުރުމަށް ވޯކިންގް ގްރޫޕެއް އެކުލަވާލައިފި

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ތަންފީޒުކުރުމަށް ދައުލަތުގެ އެކި އިދާރާތަކުން ކުރަން ޖެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާކޮށް ވޯކިންގް ގްރޫޕެއް އެކުލަވާލައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ އެ މަޝްވަރާ ބައްދަލުވުމަކީ އެ އޮފީހުގެ އިސް ނެގުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ. މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެ ދެ ގާނޫނު ތަންފީޒު ކުރުމަށް މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހޯދައި އެކަމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އަދި އެ ދެ ގާނޫނުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމަށް ސްޓިއަރިންގ ކޮމިޓީއަކާއި، ޓެކްނިކަލް ލެވެލްގެ ވޯކިންގ ގްރޫޕެއް އެކުލަވާލާފައިވާކަމަށްވެސް އެ އޮފީހުން ބުންޏެވެ.

"އަދި މަސައްކަތް ފަށައިގަތުމަށްޓަކައި ވަރކިންގ ގްރޫޕުން ކުރަންހުރި ކަންކަން އެކަށައަޅައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވަރކިންގ ގްރޫޕްގެ މަސައްކަތްތައް ސްޓްއަރިންގ ކޮމިޓީއަށް ހުށަހެޅުމަށް ނިންމިފައި." އޭޖީ އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިން ބައިވެރިވެ ވަޑައިގެން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އަދި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފުވެސް ބައިވެރިވެ ވަޑައިގެން ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެން ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައިވާ ކަންތައްތަކުގެ ތެރޭގައި ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުން ވަނީ މަޖުބޫރުކޮށްފައެވެ. ކުޑަކުދިންނާ މެދު އިހުމާލުވުމާއި، އަނިޔާގެ އަމަލަކުން ކުޑަކުއްޖަކު ސަލާމަތް ކުރުމަށް އިހުމާލުވުމާއި، ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ރިޕޯޓުނުކުރުމަކީ ވެސް ކުށެއް ކަމަށް އެ ގާނޫނުގައިވެއެވެ.

އެ ގާނޫނުގައި ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާ އާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާ އާއި ކުއްޖާ އާއި ކުއްޖާގެ މަންމަގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާތަކަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއްގެ ގޮތުގައިވެސް ވަނީ ހިމަނައިފައެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައިވާ ކަންތައްތަކުގެ ތެރެއިން، ކުށުގެ ބަންދުގައި ތިބޭ ކުދިންނަށް ތައުލީމު ދިނުން ލާޒިމުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުން ކުށުގެ ތުހުމަތު ކުރެވޭ ކުއްޖާއަށް ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ކުއްޖާއަށްވެސް ގިނަ ހައްގުތަކެއް ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ކުއްޖާގެ ކަރާމާތް ގެއްލޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހަދަންވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ލާޒިމުކޮށްފައިވެއެވެ. އެގޮތުން ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުޑަކުދިންނާއި އިސްލާހީ ފިޔަވަޅު އެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަން ޖެހޭ ކުދިން ބޭތިއްބުމަށް ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ގާއިމުކުރަން ޖެހޭނެކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް