ކަނޑު ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ މައުލޫމާތު ހޯދައި ސަމާލުވެތިބޭ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުގަދައިރު ދަތުރު ކުރަނީ --

ކަނޑު ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކޮށް މޫސުމަށް ސަމާލުވެތިބުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ.

ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މިއަދު ހަވީރު މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ އދ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ޔެލޯ އެލާޓު ނެރެފައެވެ.

ވިއްސާރަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެތިބުމަށް މިއަދު އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެމްއެންޑީއެފްއިން އެދުނެވެ.

އޭގެ އިތުރުން، ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށް އެމްއެންޑީއެފްއިން އެދުނެވެ.

މުދާއުފުލާ އުޅަނދުފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފްއިން އެދުނެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ގަވާއިދު ތަކަށް އަމަލުކުރުމާއި، ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށްވެސް އެދުނެވެ.

އެމްއެންޑީއެފްއިން ވަނީ ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށްވެސް އެދިފައެވެ.

"ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދެމެވެ." އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް