ޓުއަރިޒަމް މިނިސްޓަރު މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ތާވަލުކޮށްފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޓުއަރިޒަމް މިނިސްޓަރުގެ މަގާމަށް މައުސޫމު އައްޔަން ކުރެއްވީ މިމަހުގެ ހަވަނަ ދުވަހު އެވެ. އެމައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާގައި ތާވަލުކޮށްފައިވާއިރު، އަދި މައްސަލަ ކޮމިޓީއިން ބަލައިި، އެ ނިންމާ ގޮތަކަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ އެވެ.

ޑރ. މައުސޫމު ޓުއަރިޒަމް މިނިސްޓަރަކަށް އައްޔަނު ކުރެއްވުމާ ހަމައަށް ހުންނެވީ ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައެވެ.

ޑރ. އަބްދުﷲ މައުސޫމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓަރުކަން އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަންވެސް މީގެ ކުރިން ކުރެއްވިއެވެ.

އެންވަޔަރަމެންޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. މައުސޫމަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ސަރުކާރުގެ އިސް މަގާމުތަކުގެ އިތުރުން ޑރ. މައުސޫމް ވަނީ ސްޓްރީމް ލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަދި 2018 ވަނަ އަހަރާ ހަމައަށް ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރެއްވިއެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ދާއިރާއަށް ވަގުތުދެއްވުމަށެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވި ޑރ. މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ސަފީރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. މައުސޫމް އައްޔަންކޮށްފައި މިވަނީ، އެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރިތާ މަހެއް ވާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ.

މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އަލީ ވަހީދު މަގާމުން ވަކިކުރީ، ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި، މަގާމުން އިސްތިއުފާ ދޭން އެންގުމުން ވެސް އިސްތިއުފާ ނުދެއްވުމުންނެވެ.

އަލީ ވަހީދު މަގާމުން ވަކިކޮށް، ވަގުތީގޮތުން ޓޫރިޒަމް މިނިސްޓްރީ ހިންގުން ހަވާލުކުރީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއެވެ.

comment ކޮމެންޓް