އިންޑިއާއިން ކޮވިޑަށް ފަރުވާ ދޭން ބޭނުން ކުރި ހޮޓަލެއްގައި ރޯވެ، 10 މީހަކު މަރުވެއްޖެ

އިންޑިއާއިން ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދޭން ބޭނުން ކުރަމުން ދިޔަ ހޮސްޕިޓަލެއްގައި ރޯވެ، 10 މީހަކު މަރުވެއްޖެ -- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

ވިޖަޔަވަދާ (އޮގަސްޓު 9): އިންޑިއާގެ އަންދުރަ ޕްރަދޭޝްގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދޭން ބޭނުން ކުރަމުން ދިޔަ ހޮޓަލެއްގައި މިއަދު ރޯވެ، 10 މީހަކު މަރުވެއްޖެ އެވެ.

ހިންދުސްތާން ޓައިމްސްގައިވާ ގޮތުން އަންދުރަ ޕްރަދޭޝްގެ ވިޖަޔަވަދާގައި ހުންނަ ސުވަރުނާ ޕެލެސް ހޮޓެލުގައި ރޯވީ، ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެސްޓޭޓުގެ ޕްރައިވެޓް ހޮސްޕިޓަލަކުން އެ ހޮޓެލް ކުއްޔަށް ހިފާފައި ވަނިކޮށެވެ. އެގޮތުން މިއަދު ފަތިހު އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ ހޮޓެލުގައި ރަމޭޝް ހޮސްޕިޓަލުގެ 50 ބަލި މީހަކަށް ފަރުވާ ދެމުން ދިޔަ ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ. ނަމަވެސް ހިންދުސްތާން ޓައިމްސްގައިވާ ގޮތުން އެ ހޮޓެލުގައި ފަރުވާ ދެމުން ދިޔައީ 30 ބަލި މީހުންނަށެވެ. އަދި އެ މީހުންނަށް އަޅާލުމަށް ހޮޓަލުގައި 10 ސިއްހީ މުވައްޒަފުން ތިއްބެވެ.

ވިޖަޔަަވަދާގެ ފުލުހުން ބުނި ގޮތުގައި އެ އަލިފާންގަނޑު ވަނީ 25 މިނިޓު ތެރޭ ނިއްވާލާފަ އެވެ. އަދި އެ ހޮޓަލުން މިހާތަނަށް 30 ވަރަކަށް މީހުން ސަލާމަތްކޮށް، ބަލި މީހުން ވަނީ އެހެން ހޮސްޕިޓަލްތަކަށް ގެންގޮސްފަ އެވެ. ނަމަވެސް އެ ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެެކެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކުރި ގޮތުގައި އެ ހާދިސާ މިހާރު ތަހުގީގު ކުރަމުންދާ އިރު، މިހާތަނަށް ބެލި ބެލުމުން ލަފާ ކުރެވެނީ އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެންނެވެ.

ވިޖަޔަވަދާގައި އެ ހާދިސާ ހިނގީ، އަހުމަދުއާބާދުގައި ކޮވިޑް ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އަށް މީހަކު މަރުވި ފަހުންނެވެ. އެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއްވެ، ހޮސްޕިޓަލުގެ މުވައްޒަފެއްގެ ޕީޕީއީ ކިޓުގައި ރޯވުމުން ކަމަށް ފުލުހަކު ވިދާޅުވި އެވެ.

އިންޑިއާ އަކީ މިހާތަނަށް ދުނިޔެއިން ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ގައުމެވެ. އެގައުމުގައި މިހާރު 2.2 މިލިއަނަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 43,379 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް