އެމްޑީޕީ ބޭފުޅުން ވަޒީރު ކަމަށް ގެންނަން އިސްލާހުތަކެއް ހުށަހަޅައިފި

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

ކޯލިޝަން ސަރުކާރެއްގައި ވަޒީރުކަން ގެއްލޭ ސްލޮޓަށް އެމްޑީޕީ މެމްބަރުންނަށް ލިބޭނެ ގޮތަށް އެޕާޓީގެ އަސާސީ ގަވައިދަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އިސްލާހު ހުށަހަޅުއްވައިފި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރު ބޮންޑޭ އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުގައި ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓެއްގެ ވެރިކަމުގައި އެކުލަވައިލާ ކޯލިޝަން ސަރުކާރެއްގެ ވަޒީރަކު، ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ އަދި އެ ނޫން ތުހުމަތެއްގައި ވެސް މަގާމުން ވަކިކޮށްފި ނަމަ ކޯލިޝަނަށް އެ ސްލޮޓެއް ގެއްލޭނެ ކަމަށެވެ.

އެ ހާލަތުގައި، މަގާމުގެ ހުސްކަން އަންނަ ވުޒާރާ ގެ ވަޒީރު ކަމުގެ މަގާމަށް ފޮނުވާން ވާނީ އިލެކްސަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީގެ ދަފްތަރުގައި މަދުވެގެން 50،000 ހަމަވާ ޕާޓީ އަކަށް ނިސްބަތްވާ މެމްބަރެއްގެ ނަން ކަމަށް ބޮންޑޭގެ އިސްލާހުގައި ބުނެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހަތަރު ޕާޓީ އޮތް އިރު އެ އަދަދު ހަމަވަނީ، ހަމަ އެކަނި އެމްޑީޕީއަށެވެ. އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާ ގޮތުން އެމްޑީޕީގައި މިވަގުތު ތިބި މެމްބަރުންގެ އަދަދަކީ، 53،590 އެވެ. ދެން ކިރިޔާވެސް 10،000 މެމްބަރުން ހަމަވަނީ ހަމައެކަނި ޖުމްހޫރީ ޕާޓީގަ އެވެ.

ބޮންޑޭ "ސަން" އަށް ވިދާޅުވީ، މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު މަގަސަދަކީ، ކޯލިޝަން ޒިންމާދަރު ކުރުމަށާއި ކޮރަޕްސަނާއި ފަސާދަ އަދި ޖިންސީ ފުރައްސާރަ ހުއްޓުވުން ކަމަށެވެ. އޭގެ އިގުތުރުން ޑިމޮކްރަސީ ކުރިއެރުވުމުގެ ގޮތުން، މަދު މީހުން ހިމެނޭ ޕާޓީ ތަކުގެ ބަދަލުގައި ގިނަ މެމްބަރުން ހިމެނޭ ޕާޓީ ތަކުގެ ބައިވެރިވުން އިތުރުކުރުމަކީ ވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުދި ޕާޓީތަކަށްވެސް މީހުން ގިނަ ކުރުމަށް ބާރު އެޅުމަކީ ވެސް މި އިސްލާހުތަކުގެ ބޭނުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު މިވާގޮތުން ރައްޔިތުންގެ ހައްގުތަކަށްވުރެ އިސްކަން މިދެނީ ކޯލިޝަން އެގްރިމަންޓް ހިމާޔަތް ކުރަން. މިއީ ރައްޔިތުންނަށް ގެއްލުން ހުރި ކަމެއް. މަގާމު ގެއްލުނީމަ އެނެއްކާވެސް އެ ޕާޓީއަކަށް މަގާމު މި ލިބެނީ. ދެން އެ މީހަކު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ޒިންމާދާރު ކުރެވޭނެ ގޮތެއް ނޯވޭ،" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވެރިކަން ކުރަނީ ކުދި ޕާޓީތަކުން ކަމަށާއި އޭގެން ނަތީޖާ ނުނެރެވޭ ކަމަށެވެ. ރަނގަޅު މަސައްކަތް ކުރެވޭ މީހުން ތިބީ ދުރުގައި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މި އިސްލާހާއެކު މި މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުރީ އެޕާޓީގެ މެމްބަރެއް ކަމަށާއި، އެޕާޓީ ތެރެއިން އެ މަގާމުގައި ހުންނަވާ ބޭފުޅަކުވެސް ޕާޓީގެ އަސާސީ ގަވައިދަށް އިހުތިރާމު ކުރައްވާނެ ކަމަށެވެ.

ގާނޫނަކުން އެ ބަދަލު ނުގެންނަނީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ބައެއް މީހުން ގާނޫނަށް އިހުތިރާމް ނުކުރާ ކަމަށާއި، އެއަށްވުރެ، އަސާސީ ގަވައިދަށް އިސްލާހު ގެނެސްގެން އަމަލު ކުރުން މާ އައުލާކަން ބޮޑު ކަމަށެވެ.

ބޮންޑޭ މިފަދަ އިސްލާހެއް ހުށަހެޅުއްވި އިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވި އޭނާ ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އަދި އެ މަގާމަށް އަނެއްކާވެސް އައްޔަން ކުރެއްވީ ޖުމްހޫރީޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަބްދުﷲ މައުސޫމެވެ.

comment ކޮމެންޓް