މެޖިސްޓްރޭޓް މައުސޫމު ވަކި ކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް: ކޮމެޓީ

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް: އޭނާ ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމަށް ކޮމެޓީން ވަނީ ނިންމާފައި ---

ރިޝްވަތު ނެގުމާއި ޖިންސީ ގޯނާގެ މައްސަލަތަކެއް ސާބިތުވެ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ޖުޑިޝިއަރީ ކޮމެޓީން ފާސްކޮށްފި އެވެ.

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމްއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ޖޭއެސްސީއިން ބުނީ، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށް ސާބިތުވާ ކަމަށެވެ.

އެފަދަ އެހެން މައްސަލަތަކެއް ވެސް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެން ވަޒީފާއިން ވަކި ކޮށް ދިނުމަށް ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، މައުސޫމު ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.

އެހެން ކަމުން ދެން އެ މައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. މަގާމުން ވަކިކުރުމާއި ގުޅޭ ގޮތުން މަޖިލީހުގައި ވޯޓު ނަގާނެ އެވެ.

އިސްމެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އަދި މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އޭނާގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަަށް ވެސް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު އިސް މެޖިސްޓްރޭޓް މައުސޫމް މުހާތަބުކޮށްފައިވާ ކަމަށާއި އަދި އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

comment ކޮމެންޓް