އާ ކާގޯ ޓާމިނަލާއެކު ހަދާ ބަނދަރުގެ މަސައްކަތް ކުރިއަށް

އާ ކާގޯ ޓާމިނަލާ އިންވެގެން ހަދާ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލާ ގުޅުވައިގެން ހަދާ ބަނދަރުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ އާ ބަނދަރުގައި ކާގޯ ވެސެލްތަކަށް ފަސޭހަވާނެހެން ޖެޓީ އޭރިއާ ތަރައްގީކުރާނެ ކަމަށާއި ޖެޓީ ސަރަހައްދު ތަރައްގީ ކުރާނީ ބޭނުންވާ ހުރިހާ އިކުއިޕްމެންޓެއް ހިމަނައިގެން ކަމަށެވެ.

ޖެޓީ ސަރަހައްދުގެ އޭރިއާގެ ބޮޑުމިނަކީ 15،000 ސްކްއާ މީޓަރެވެ.

އެގޮތުން އެއާ ކާގޯ ލޯޑްކޮށް، އަންލޯޑު ކުރުމަށް ބޭނުންވާ ކެރޭންތައްވެސް އެ ސަރަހައްދުގައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާ ކާގޯ ޓާމިނަލާ އިންވެގެން ހަދާ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްއޭސީއެލް

އާ ކާގޯޓާމިނަލް ހަދަނީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ސާވިސަސް ހިންގާ އިމާރާތާ ޖެހިގެން އޮންނަ 12،000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މީގެ އިތުރުން އާ ކާގޯ ޓާމިނަލްގެ ކުރިމަތިން އޮންނަ ސަރަހައްދުވެސް ހާއްސަ ވާނީ ކާގޯ ޓާމިނަލް އަށެވެ. އެ ސަރަހައްދަކީ މުދާ ކްލިޔާ ކުރުމަށާއި އެޖެންޓުންގެ ސާމާނު ހިޔަލުގައި ބެހެއްޓޭނެ އިންތިޒާމާއެކު ތަރައްގީކުރާނެ ސަރަހައްދެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އާ ކާގޯޓާމިނަލް ތިން ބަޔަކަށް ބަހާލާފައި ވާނެ ކަމަށާއި އެގޮތުން އެކްސްޕޯޓު ޓާމިނަލްއަކާއި އިމްޕޯޓު ޖެނެރަލް ޓާމިނަލްއެއްގެ އިތުރުން ޕެރިޝަބަލް އިމްޕޯޓްސްއަށް ހާއްސަ ސަރަހައްދެއް އާ ކާގޯ ޓާމިނަލުގައި ހުންނާނެކަމަށް އެމްއޭސީއެލްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އާ ކާގޯ ޓާމިނަލްއާއެކު ޖުމްލަ 500 މުވައްޒަފުން ކާގޯ ޓާމިނަލްގެ މަސައްކަތަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު ވީއައިއޭގެ ކާގޯ ޓާމިނަލްގައި އަހަރަކު 50،000 ޓަނުގެ މުދާ ހޭންޑްލް ކުރެ އެވެ. ނަމަވެސް އާ ކާގޯ ޓާމިނަލް އާއެކު މި އަދަދު 120،000 ޓަނަށް އިތުރު ވާނެކަމަށް އެމްއޭސީއެލްއިން ލަފާކުރެ އެވެ.

comment ކޮމެންޓް