މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އޭނާގެ ބޭބޭފުޅު މަހިންދައަށް ބޮޑުވަޒީރު ކަމުގެ ހުވާލާ ދެއްވަނީ -- ފޮޓޯ: ނިއުސްފަސްޓް

ކޮލަމްބޯ (އޮގަސްޓް 9): ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ އެގައުމުގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

ލަންކާގެ ބުޑިސްޓު ފައްޅިއެއްގައި މިއަދު މަހިންދައަށް ބޮޑުވަޒީރު ކަމާއި ޕާލިމެންޓު މެމްބަރު ކަމުގެ ހުވާލާ ދެއްވީ ގޯޓާބަޔަ އެވެ. އެއީ ލަންކާގައި އެއްބަނޑު އެއްބަފާ ދެބެއިން ބޮޑުވަޒީރު ކަމާއި ރައީސްކަން ކުރައްވާ ފުރަތަމަ ފަހަރެވެ.

އެ ހަފްލާ މިއަދު ބާއްވާފައި ވަނީ ލަންކާގައި ބުދަ ދުވަހު ބޭއްވި ޕާލިމެންޓު އިންތިހާބުން ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިން ބޮޑު ތަފާތަކުން ކުރި ހޯދި ފަހުންނެވެ. އެ އިންތިހާބުގައި އެސްއެލްޕީޕީ އާއި އެ ޕާޓީއަށް ތާއިދު ކުރާ އެހެން ކުދި ޕާޓީތަކުން ގުޅިގެން ވަނީ ޕާލިމެންޓުގެ ތިންބައި ކުޅަ ދެބައި ގޮނޑިތައް ކާމިޔާބުކޮށް، ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގެ ބާރު ހޯދާފަ އެވެ.

އެ އިންތިހާބުގައި މަހިންދައަށް ވަނީ 500،000އަށް ވުރެ ގިނަ ޕްރިފަރެންޝަލް ވޯޓު ލިބިފަ އެވެ. އެއީ އެ އިންތިހާބުގެ ތާރީހުގައި އެއް ކެންޑިޑޭޓަކު އެހާ ވަރަށް ގިނަ ވޯޓު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ.

މަހިންދަ މިއަދު ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް އޭނާ ގެންދެވީ އެ މަގާމު ފުރުއްވަމުންނެވެ. އެއީ މީގެ ކުރިން ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އެގައުމުގެ ރިޔާސީ އިންތިހާބަށް ފަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އެ އިންތިހާބުން އޭނާގެ ޔުނައިޓެޑް ނެޝަަނަލް ޕާޓީ (ޔޫއެންޕީ)ގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސަ ނާކާމިޔާބުވި ފަހުންނެވެ.

މަހިންދަ ވަނީ މީގެ ކުރިން ލަންކާގައި އޭޕްރިލް 2004އިން ނޮވެމްބަރު 2005އަށް ބޮޑުވަޒީރު ކަމާއި 2005އިން 2015އަށް ރައީސް ކަމާއި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ޑިސެމްބަރު މަހަށް ބޮޑުވަޒީރުކަން ކުރައްވާފަ އެވެ. ދެހާސްއަށާރަ ވަނަ އަހަރު ތިން މަހަށް މަހިންދަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ، އޭރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ކުއްލި ގޮތަކަށް ޕާލިމެންޓު އުވާލައްވާ، ވިކްރަމަސިންހަ ބޮޑުވަޒީރު ކަމުން ދުރު ކުރެއްވުމަށް ފަހުގަ އެވެ. އޭގެ ސަބަބުން އެގައުމުގައި އުފެދުނު ދުސްތޫރީ މައްސަލަ ނިމުމަކަށް އައީ، ސިރިސޭނާ ޕާލިމެންޓު އުވާލެއްވި ގާނޫނު އަސާސީއަ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ. އެއާއެކު މަހިންދަ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި އެވެ. އަދި ވިކްރަމަސިންހަ އަނެއްކާވެސް އެ މަގާމަށް އައްޔަން ކުރެވުނެވެ.

ލަންކާގައި ބުދަ ދުވަހު ބޭއްވި އިންތިހާބުގައި ވިކްރަމަސިންހައަށް ވާނީ 1977 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޕާލިމެންޓު އިންތިހާބަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. އަދި އެ ޕާޓީއަށް އިންތިހާބީ އެންމެ ގޮނޑިއެއްވެސް ނުލިބުނެވެ.

comment ކޮމެންޓް