ލުބުނާނުގައި މުޒާހަރާ ކުރާ މީހުން މިނިސްޓްރީތައް ހިފައިފި

ލުބުނާނުގައި ބޭއްވި ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި އެތައް ހާސް މީހުން ބައިވެރިވި -- ފޮޓޯ: ޑޭލައިފް

ބޭރޫތު (އޮގަސްޓު 9): މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ގުދަނެއް ގޮވުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ހެދި ނުރުހުން ފާޅު ކުރުމުގެ ގޮތުން އެގައުމުގައި މުޒާހަރާ ކުރަން ފެށި ބައެއް މީހުން އެގައުމުގެ މިނިސްޓްރީތައް ހިފައިފި އެވެ.

ލުބުނާނުގެ ސަރުކާރާ ދެކޮޅަށް އިއްޔެ ބޭއްވި މުޒާހަރާތަކުގައި 5،000 އާއި 10،000އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވި އިރު، 100 ވަރަކަށް މީހުން ގޮސް އެގައުމުގެ ފޮރިން މިނިސްޓްރީ ހުންނަ އިމާރާތެއް ވަދެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެ މީހުން އެތަން ހިފީ ކަމަށާއި އެހެން މިނިސްޓްރީތައް ވެސް ހިފުމަށް މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.

ލުބުނާނުގެ މީޑިއާތަކުގައިވާ ގޮތުން އެގައުމުގެ ސިފައިން ފަހުން ގޮސް، ފޮރިން މިނިސްޓްރީގައި ތިބި މުޒާހަރާ ކުރާ މީހުން ވަނީ ބޭރުކޮށްފަ އެވެ. ނަމަވެސް ހަކަތަ އާއި އިގުތިސާދާ ބެހޭ މިނިސްޓްރީތަކަަށް މުޒާހަރާގެ ބައިވެރިން ވަނީ އަނެއްކާވެސް ވަދެފަ އެވެ.

އެ މުޒާހަރާތަކުގެ ތެރޭގައި ބައެއް މީހުން ފުލުހުންނާ ދިމާލަށް ގާ އުކި އެވެ. އަދި ފުލުހުން ކަރުނަ ގޭހާއި ރަބަރު އުންޑަ ޖެހި އެވެ.

ބޭރޫތުގެ ރެޑް ކްރޮސްއިން ބުނި ގޮތުގައި މުޒާހަރާ ކުރި ސަރަހައްދުތަކުގައި އެ ޖަމްއިއްޔާއިން 117 މީހަކަށް ފަރުވާ ދިނެވެ. އަދި 55 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.

ލުބުނާނުގެ ސަރުކާރުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ގިނަވުމާއި އިގްތިސާދީ ދަށްވުމުގެ ސަބަބުން މިދިޔަ އަހަރާއި މިއަހަރުވެސް އެކި ފަހަރު މަތިން ލުބުނާނުގައި މުޒާހަރާ ކޮށްފައިވާއިރު، އެގައުމުގެ ރައްޔިތުން ވަނީ ބޭރޫތުގެ ގުދަން ގޮވުމުގެ ސަބަބުން އިތުރަށް ރުޅިގަދަ ވެފަ އެވެ. އެ ހާދިސާގައި މިހާތަނަށް 158 މީހަކު މަރުވެ، 6،000 މީހަކަށް ވަނީ އަނިޔާވެފަ އެވެ.

ބޭރޫތުގެ ބަނދަރުގައި ހުރި އެ ގުދަނަކީ ބޮން ހަދަން ބޭނުން ކުރެވިދާނެ ކެމިކަލެއް ކަމަށްވާ އެމޯނިއަން ނައިޓްރޭޓް ގިނަ އަދަދަކަށް ރައްކާކޮށްފައި ހުރި ތަނެކެވެ. އަދި ލުބުނާނުގެ ރައީސާއި ނައިބު ރައީސް ވަނީ އެ ގުދަނުގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާ ކަމަށް ބުނެފަ އެވެ.

އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް