ލެވަންޑޯސްކީގެ ޖާދޫވީ ކުޅުމަކާ އެކު ޗެލްސީ ކަޓުވާލައި ބަޔާން ކުއާޓާއަށް

ބަޔާން މިއުނިކުގެ ސްޓްރައިކަރު ރޮބާޓް ލެވަންޑޮސްކީ -- ފޮޓޯ// ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ޗެލްސީ ބަލިކޮށް ވަރުގަދަ ފޯމެއްގައި އޮތް ބަޔާން މިއުނިކުން ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ބަޔާންގެ އެލަޔަންޒް އެރީނާ ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ޗެލްސީގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު އަންނަ ހުކުރު ދުވަހުގެ ރޭ ޕޯޗުގަލްގެ ލިސްބޮންގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލު މެޗަށް ބަޔާން ދަތުރު ކުރީ ފުރަތަމަ ލެގުގައި ޖެހި ތިން ގޯލާ އެކު 1-7 ގެ އެގްރިގޭޓަކުންނެވެ.

ބޮޑު ތަފާތަކުން މޮޅުވެ ބަޔާން 2011 ވަނަ އަހަރަށް ފަހު ކުރަމުން އަންނަ ޗެމްޕިއަންސް ލީގުގެ އުންމީދު ދެމެހެއްޓި އިރު އެ ޓީމާ ދެކޮޅަށް އެ މެޗުގައި ނުކުންނާނީ ރޭ ނަޕޯލީ އަތުން މޮޅުވެ 2-4 ގެ އެގްރިގޭޓަކާ އެކު ކުއާޓާއަށް ދަތުުރު ކުރި ސްޕެއިނުގެ ބާސެލޯނާ އެވެ.

ބަޔާން އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް މި މުބާރާތުގައި 2014-15 ވަނަ ސީޒަނުގައި ކުޅުނު އިރު އެފަހަރުގެ ސެމީފައިނަލުގެ އެގްރިގޭޓުން މޮޅުވެ ބާސެލޯނާ ވަނީ ފައިނަލަށް ގޮސް މޮޅުވެ ތަށި ހޯދައިފަ އެވެ. އެއާ އެކު މިފަހަރުގެ ކުއާޓާއަކީ ބަޔާންއަށް އެކަމުން ބަދަލު ހިފަން ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.

އަނިޔާގެ ސަބަބުން ޗެލްސީގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައި އެ ޓީމު ރޭ ކުޅުނު މެޗުގައި ބަޔާނުން ފުރަތަމަ ފަހަރަށް ލީޑު ނެގީ 10 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވަންޑޯސްކީ އެވެ. ޔޫރޮޕުގެ ރަން ބޫޓުގެ ރޭހުން ދެވަނަ ހޯދި ލެވަންޑޯސްކީގެ މި ގޯލާ އެކު ޗެލްސީއަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ބަޔާނަށް ލީޑު ފުޅާ ކޮށްދިނީ އީވާން ޕެރިސިޗް އެވެ.

އެގޮތަށް އޮވެ ހާފު ނިމެން ދަނިކޮށް ޗެލްސީއަށް ފަރަގު ކުޑަ ކޮށްދިނީ 44 ވަނަ މިނަޓުގައި ޓެމީ އަބްރަހަމް އެވެ. އިނގިރޭސިވިލާތުގެ ގަދަ ހަތަރަކުން އެންމެ ފަހުގެ ސީޒަނުގައި ޖާގަ ހޯދި ޗެލްސީއަށް މެޗު އިތުރަށް އުނދަގޫވެގެން ދިޔައީ ދެވަނަ ހާފުގައި ކޮރެންޓިން ޓޮލީސޯއާ ލެވަންޑޮސްކީ ޖެހި ގޯލުތަކުންނެވެ.

ބާސެލޯނާއާއި ބަޔާން މިއުނިކް ބައްދަލު ކުރާ ކުއާރޓާ ފައިނަލުގެ މެޗު އޮންނާނީ އަންނަ ހަފުތާގެ ހުކުރު ދުވަހުގެރޭ އެވެ.

comment ކޮމެންޓް