އައްޑޫ ސިޓީ ފޭދޫއިން ހޯމް ކަަރަންޓީނުގައި ހުރި ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ފޭދޫ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރަކު "ސަން" އަށް ވިދާޅުވިގޮތުގައި ޕޮޒިޓިވްވެފައި ވަނީ އެރަށަށް މީގެ ދެ ދުވަހެއް ކުރިން އައި ފުލުހެކެވެ.

"މާލޭގައި މަސައްކަތްކުރާ ފުލުހެއް އެއީ. ދެން އެބޭފުޅާގެ ސާމްޕަލް ނެގުމުން މި އެނގުނީ ޕޮޒިޓިވްކަން. މިހާރު ދަނީ ޕްރައިމަރީ ކޮންޓެކްޓް ޓްރޭސިންގް ކުރަމުން އެ ކޭސްއާ ގުޅިގެން. ކޮންޓެކްޓް ޓްރޭސިންގް ގެ ތެރެއިން ހަ ފުލުހަކު ވަނީ ފާހަގަކުރެވިފައި،" ކައުންސިލް މެންބަރު ވިދާޅުވި އެވެ.

މިއީ އައްޑޫ ސިޓީއިން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އައްޑޫ ސިޓީގައި ކޮވިޑް-19ގެ ޓެސްޓުކުރުން އަދި ފަރުވާ ދިނުމުގެ ކަންކަން ހަމަޖެހިފައިވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ.

މިދިޔަ ހަފްތާ ތެރޭގައި ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ތެރޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 56 މީހަކު ތިބި ކަމަށް މީގެ ތިން ދުވަސް ކުރިން ވިދާޅުވެފަ އެވެ. ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 4898 އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 2088 ގަ އެވެ.

comment ކޮމެންޓް