ފްރެންޑްސްގެ ރީޔޫނިއަންގެ ޝޫޓިން އިތުރަށް ލަސްވަނީ

ފްރެންޑްސްގެ ތަރިން---

ދިވެހިންނަށް އަދިވެސް ކަމުދާ ޓީވީ ޝޯއެއް ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުންނާއެކު ގެނެސްދޭ އެ ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑުގެ ޝޫޓިން އަނެއްކާ ވެސް ފަސްކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެންމެ ފުރަތަމަ ފްރެންޑްސް ރީޔޫނިއަން އެޕިސޯޑުގެ ޝޫޓިން ފަށަން ނިންމީ މިދިޔަ މެއި މަހު އެވެ. ނަމަވެސް ކޮވިޑް 19 އާ ގުޅިގެން ޝޫޓިން މި މަހަށް ފަސްކުރީ އެވެ. ތިން ވަނަ ފަހަރަށް ފިލްމުގެ ޝޫޓިން ފަސްކުރީ ކޮވިޑްގެ ކަންތައް އަދިވެސް ހަމައަކަށް ނޭޅޭތީކަމަށް ރިޕޯޓްތައް ބުނެ އެވެ. ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑެއް ގެނެސްދޭނެ ކަމުގެ އުފާވެރި ހަބަރު އެ ޝޯ އުފައްދާ، އެޗްބީއޯއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ކޮރޯނާވައިރަހާ އެކު ފިލްމީ މަސައްކަތްތައް ވެސް އެއްކޮށް ހުއްޓުމަކަށް އައީ އެވެ.

ޝޯގެ ލީޑް އެކްޓަރުންނަކީ ޖެނިފާ އެނިސްޓަން އާއި ކޯޓްނީ ކޮކްސް އާއި ލީސާ ކުޑްރޯ އާއި މެޓް ލެބްލާންކް އާއި މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ. އެކުގައި ދިރިއުޅޭ ހަ ރަހުމަތްތެރިންގެ ދިރިއުޅުން ދައްކުވައިދޭ އެ ސީރީޒްގައި ހުރިހާ ރަހަތަކެއް އެކުލެވިގެންވެ އެވެ.

އެތައް ހާސް ބަޔަކު އަދިވެސް ބަލާ އެ ޝޯ ނިމިފައިވަނީ މީގެ 16 އަހަރު ކުރީންނެވެ. ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައިވަނީ 1994 އިން 2004 އަށެވެ.

comment ކޮމެންޓް