އަފްގާނިސްތާނުން ތާލިބުނުގެ 400 ގައިދީން ދޫކޮށްލުމާ ބެހޭ ގޮތުން މަޝްވަރާ ކުރަނީ

ލޯޔާ ޖިރުގާގެ އިއްޔެގެ ބައްދަލުވުމުގައި އަފްގާން ރައީސް އަޝްރަފް ގަނީ -- ފޮޓޯ: އަނަދަލޫ

ތާލިބާން (އޮގަސްޓް 8): އަފްގާނިސްތާނުގެ ޖަލުތަކުގައި ތިބި ތާލިބާނުގެ 400 ގައިދީން ދޫކޮށްލުމާ ބެހޭ ގޮތުން އެގައުމުގެ ލޯޔާ ޖިރުގާ މަޖިލީހުންގެ މަޝްވަރާ ކުރަން ފަށައިފި އެވެ.

އަފްގާނިސްތާނުގެ ލޯޔާ ޖިރުގާއަކީ އެގައުމުގެ ގާނޫނު ހަދަ މަޖިލީހުގެ މެމްބަރުންނާއި ގަބީލާތަކުގެ ލީޑަރުންނާއި ތަފާތު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ތަމްސީލުކޮށްދޭ އެހެނިހެން އިސް ފަރާތްތައް ހިމެނޭ މަޖިލީހެކެވެ. އަދި 3،500 މީހުންނަށް ދައުވަތު ދީގެން ބޭއްވި އެ ބައްދަލުވުމުގައި ގައުމުގެ ރައީސް އަޝްރަފް ގަނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަފްގާނިސްތާނުން އެގައުމުގެ ތާލިބާން ޖަމާއަތުގެ ގައިދީން ދޫކުރަނީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި ތާލިބާނުން ހެދި ސުލްހައިގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ޝަރުތަކާ ގުޅިގެންނެވެ. އެ ޝަރުތުގައި ތާލިބާނުން ވަނީ އެ ޖަމާއަތުން ގަނީގެ ސަރުކާރާ އެކު ސުލްހައިގެ ވާހަކަތައް ފަށާނީ އެގައުމުގެ ޖަލުތަކުގައި ތިބި ތާލިބާނުގެ 5،000 މެމްބަރުން ދޫކޮށްލުމުން ކަމަށް ބުނެފަ އެވެ.

އަފްގާނިސްތާނުން ވަނީ މިހާތަނަށް ތާލިބާނަށް ނިސްބަތްވާ 4،600 ގައިދީން މިނިވަންކޮށްފަ އެވެ. ނަމަވެސް ބާކީ 400 ގައިދީންނަކީ ސީރިއަސް ކުށްތައް ކޮށްފައިވާ މީހުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި މީހުން މަރާފައިވާ މީހުންނާއި މަސްތުވާތަކެތި ޓްރެފިކް ކޮށްފައިވާ މީހުން ހިމެނޭ ކަމަށް ރައީސްގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ލޯޔާ ޖިރުގާއިން ތިން ދުވަހަށް މަޝްވަރާ ކުރުމަށް ސަރުކާރުން އަމަލު ކުރަންވީ ގޮތަކާ ބެހޭ ގޮތުން ލަފާ ދޭނެ އެވެ.

އަފްގާނިސްތާނުގެ 19 އަހަރުވީ ހަނގުރާމައަށް ނިމުމެއް ގެނައުމުގެ ގޮތުން އެމެރިކާއިން ތާލިބާނާ އެކު ހެދި އެއްބަސްވުމުގައި ވަނީ އަފްގާނުގައި ތިބި އެގައުމުގެ ސިފައިން އަނބުރާ ގެންދާނެ ކަމަށް ބުނެފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން، ތާލިބާނުން ވަނީ އެޖަމާއަތުން ހިފަހައްޓާފައިވާ 1،000 މީހުން މިހާރު ދޫކޮށްލާފަ އެވެ. އަދި އަފްގާން ސަރުކާރުން 5،000 ގައިދީން ދޫކޮށްލުމުން ސުލްހައިގެ ވާހަކަތައް ބާއްވަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.

އަފްގާނިސްތާނުން ލޯޔާ ޖިރުގާ ބާއްވަނީ އެގައުމުގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު 10 މިލިއަނަށް އަރާނެ ކަމަށް ކަމާ ބެހޭ ސާވޭއަކުން ދައްކާފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނި ފަހުންނެވެ. ނަމަވެސް އަފްގާނިސްތާނުގެ ރަސްމީ ރެކޯޑުތަކުގައިވާ ގޮތުން އެގައުމުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ގާތްގަނޑަކަށް 37،000 މީހުންނެވެ.

comment ކޮމެންޓް