ރިލްވާންގެ ބައޮގްރަފީ ފޮތެއް ނެރެފި

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ---

ގެއްލުވާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ ހަޔާތާ ގުޅޭ ގޮތުން ބައޮގްރަފީ ފޮތެއް މިއަދު ނެރެފިއެވެ.

ރިލްވާން ގެއްލުވާލިތާ މިއަދަށް ހަ އަހަރު ފުރިފައިވާއިރު، މިއަދު އޭނާގެ ބައޮގްރަފީ ނެރެ ވަނީ އާންމުކޮށްފައެވެ. އެ ފޮތް https://findmoyameehaa.com އިން ހިލޭ ލިބެން އެބަ ހުއްޓެވެ.

އެ ފޮތުގައި ރިލްވާން ގެއްލުވާލުމާއި އޭނާ ހޯދަން ކުރި މަސައްކަތް ހިމެނެއެވެ. އަދި އެކުވެރިންނާއި އާއިލާގެ މީހުންގެ ބަސް ހިމެނެއެވެ. އޭގެ އިތުރުން، ރިލްވާންގެ ޅަ އިރުގެ ވާހަކަތައްވެސް އެ ފޮތުގައިވެއެވެ.

ރިލްވާންގެ ތައުލިމީ ހަޔާތާއި، އޭނާގެ ލިޔުންތެރިކަމާއި ވަޒީފާތަކާ ބެހޭގޮތުންވެސް ބޮއޮގްރަފީގައި ވާހަކަދައްކާފައިވެއެވެ. އަދި ރިލްވާން ދީނީ ހަރުކަށި ފިކުރުގެ ތެރެއަށް ގެއްލިގެން ދިޔަ ގޮތާއި، އޭނާ އެ ފިކުރުގެ ކަންކަމާ މެދު ސުވާލު އުފައްދައި އެކަމުން ސަލާމަތްވި ގޮތުގެ ވާހަކަވެސް އެ ފޮތުގައިވެއެވެ.

ރިލްވާންގެ ބައޮގްރަފީ ފޮތް ލިޔުނީ ރިލްވާންއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހިންގި ހަރަކާތުގައި އުޅުއްވާ ޝަހިންދާ އިސްމާއިލް އެވެ.

ރިލްވާން ގެއްލުވާލީ މީގެ ހަ އަހަރު ކުރިން އަށެއް އޮގަސްޓު 2014 ގައެވެ. އޭރު އޭނާގެ އުމުރުން އެންމެ 28 އަހަރެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓައެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށްފައެވެ.

ރިލްވާންގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވަނީ އޭނާ ހުޅުމާލެއަށް މާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރީ ކަމަށެވެ. އަދި ޑިންގީއަކަށް އަރުވައިގެން އޭނާ އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށް އެ ރިޕޯޓުގައިވެއެވެ.

ރިލްވާން މަރާލީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓްއަށް ނިސްބަތްވާ ދިވެހި ބައެއް ކަމަށްވެސް ރިލްވާންގެ މަރުގެ މައްސަލައިގެ ރިޕޯޓުގައިވެއެވެ. އަދި އޭނާގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ދައުވާކޮށްފައި ނުވެއެވެ. މަރު ކޮމިޝަނުން އަދިވެސް ދަނީ އޭނާގެ މަރާ ގުޅޭ ތަހުގީގު ހިންގަމުންނެވެ.

comment ކޮމެންޓް