ބާސެލޯނާ ބަލިކުރުމަކީ އެވަރެސްޓް ފަރުބަދައިގެ ކޮޅަށް އެރުން ފަދަ ކަމެއް: ގަޓޫސޯ

ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ --- ފޮޓޯ//ލައިވްސްކޯ

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުން މޮޅުވުމަކީ މައުންޓް އެވަރެސްޓް ފަރުބަދައަށް އެރުމާ އެއްވަރުގެ އުންދަގޫ ކަމެއް ކަމަށް ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ސިފަ ކޮށްފި އެވެ.

ކޮވިޑް19 ގެ ސަބަބުން އައި މެދުކެނޑުމަށްފަހު ޗެމްޕިއަންސް ލީގުގައި ނުނިމި ހުރި މެޗުތައް ރޭ ފަށާފައިވާ އިރު، ޔުވެންޓަސްއާއި ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ކުއާޓާއަށް ދަތުރު ކޮށްފައިވަނީ މެންޗެސްޓާ ސިޓީއާއި ލިޔޯން އެވެ. ދެވަނަ ބުރުގައި ބާކީ އޮތް ދެ މެޗުގައި ބާސެލޯނާއާ ދެކޮޅަށް ނަޕޮލީ ނުކުންނަ އިރު ބަޔާން މިއުނިކާއި ޗެލްސީ މެޗު ވެސް މިރޭ އެބައޮތެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން މިރޭ ބާސެލޯނާގެ ދަނޑުގައި ކުޅޭ މެޗަކީ ދެ ޓީމަށް ވެސް ނަތީޖާ ނެރުމަށް މަޖުބޫރު ވާނެ މެޗެކެވެ. އެއް ގޯލުގެ ތަފާތަކުން ވެސް މުޅި މެޗުގެ ނަތީޖާ އެނބުރުން އެކަށީގެންވާ އިރު ދެ ޓީމުގެ ކޯޗުންނަށް ވެސް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. މެޗުގެ ނަތީޖާ އަންނަ ގޮތަކުން ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެންގެ މަގާމު ގެއްލިދާނެ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ އިރު އެ މެޗުން މޮޅުވަމީ އެވަރެސްޓް ފަރުބަދަ ހުރަސް ކުރުން ފަދަ އުނދަގޫ ކަމެއް ނަޕޮލީގެ ކޯޗު ގަޓޫސޯ ވަނީ ބުނެފަ އެވެ.

"ބާސެލޯނާ އަކީ މޮޅުވުމަށް ހޭނިފައި އޮތް ކުލަބެއް. މެޗުތަކުން މޮޅުވުމަކީ އެކުލަބުގެ އާދައެއް. އެ ޓީމު ބަލިކުރުން ވާނީ އެވަރެސްޓް ފަރުބަދައަށް އެރުން ފަދަ އުނދަގޫ ކަމަކަށް،" ގަޓޫސޯ ބުންޏެވެ.

ގަޓޫސޯ ބުނީ ފަހަކަށް އައިސް ބާސެލޯނާގެ ކުޅުމާ މެދު ފާޑުކިޔުންތަކެއް ހުރި ނަމަވެސް އެކުލަބުގައި މެޗެއްގެ ނަތީޖާ ބޭނުން ގޮތަކަށް އަނބުރާލުމުގެ ގާބިލުކަން ހުރި ކުޅުންތެރިންތަކެއް ތިބި ކަމަށެވެ.

"މެޗާއި ކުރިމަތިލާނީ އިދިކޮޅަށް އޮތީ ކިހާ ވަރުގަދަ ޓީމެއްކަން ދެނަހުރެގެން. ހުރިހާ ގޮަތަކުން ވެސް މެޗަށް ޓީމު އޮތީ ތައްޔާރަށް. އެކަމަކު އެވަރުން ވެސް ހަގީގީ ޗެމްޕިއަން ޓީމެއް ގާތުން ނަތީޖާ ނެރުމަކީ އުނދަގޫވާނެ ކަމެއް،"

މިފަހަރުގެ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކި ނަޕޯލީއަށް މިރޭގެ މެޗަށް ނުކުންނަ އިރު އެންމެ ބޮޑު އެއް ބޮލުގެ ރިހުމަކީ އެ ޓީމުގެ ފޯވާޑް ލޮރެންޒޯ އިންސީނިއޭގެ އަނިޔާ އެވެ. މިދިޔަ ހަފުތާ ލީގުގެ ފަހު މެޗުގައި ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ދަނޑުން ބޭލި އިރު މިރޭގެ މެޗަށް އިންސީނިއޭ ފިޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ގަޓޫސޯ ވަނީ ބުނެފަ އެވެ.

"އިއްޔެ އޭނާ ޓީމާ އެކު 50 ޕަސަންޓަށް ބައިވެރިވި. އެންމެ ފަހުގެ ތަމްރީންތަކުގައި 100 ޕަސަންޓު ބައިވެރިވުން ފެނުނު. އުންމީދު ކުރަނީ މިރޭގެ މެޗަށް އިންސީނިއޭ ފިޓްވާނެ ކަމަށް."

comment ކޮމެންޓް