ބޯހިޔާވަހިކަމާއި ވަޒީފާ ގެއްލިގެން ރަށަށް ދެވޭގޮތަށް އުސޫލު އެކުލަވާލައިފި

11 ޖުލައި 2018: ދަރުމަވަންތަ ހޮސްޕިޓަލްގެ ޓެރަސްމަތިން: މުޅިއެކު 25 ބުރިއަށް ހަދާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަކީ މިހާރު މާލޭގެ ހުރި އެންމެ އުސް އިމާރާތް --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާދަމާއިން ފެށިގެން މާލެއިން ފުރައިގެން ގޮސް ރަށުގައި ހޯމް ކަރަންޓީނު ވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މާލޭގައި ކޮވިޑް19 ފެތުރުން ބޮޑުތަން އިތުރުވެ، ރަށްތަކުން ކޮވިޑް19 ގެ ކޭސްތައް ފެންނަން ފެށުމާ ގުޅިގެން ޒަރޫރީ ބޭނުމެއްގައި މެނުވީ މާލެއިން ރަށްރަށަށް ދިއުން ވަނީ އަނެއްކާވެސް މަނާކޮށްފައެވެ.

ނަމަވެސް ފުރަބަންދު ކަރަންޓީންއަށް ދިއުމަށް މިހާރު އަމަލުކުރަންވީގޮތުގެ އުސޫލު އެޗްޕީއޭއިން މިރޭ ވަނީ އާންމުކޮށްފައެވެ. އެ އުސޫލުގައި ބުނެފައި ވަނީ ރަށްރަށް ފުރަބަންދު ކަރަންޓީނަށް ދިއުމަށް އެދެންޖެހޭނީ ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވުމަށްފަހު އެ ޕޯޓަލްގެ ހޯމްކަރަންޓީންވުމަށް އެދޭބައި ފުރިހަމަ ކުރުމުން ކަމަށެވެ.

އެ އުސޫލުގައި ބުނެފައި ވަނީ މާދަމާ އިން ފެށިގެން ހޯމްކަރަންޓީންއަށް ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީހުންނަށް ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް އިމަޖެންސީއެއްގައި ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާއި ގުޅިގެންނާއި މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެންނާއި ރަސްމީ ބޭނުމަކަށް މާލެއައިސް ރަށަށް ދިއުމާއި
ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެންނާއި އަދި
ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހުމެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ހޯމްކަރަންޓީންވުމަށް އެދި އެޕްރޫވަލް ނުލިބިވާ ފަރާތްތަކަށް އަލުން ހޯމްކަރަންޓީންވުމަށް އެދި ޕޯޓަލްގައި
ހުށަހެޅޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އެސްއެމްއެސްގެ ޒަރީއާއިން އެކަން އަންގާފައިވާނެ ކަމަށެވެ.

އެހެންނަމަވެސް މާލެއިން ރަށްރަށަށް ދަތުރުކުރެވޭނީ ފަސް ޝަރުތުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.

އުސޫލުގައި ބުނެފައި ވަނީ ހޯމް ކަރަންޓީނަށް އެދުމަށްފަހު އެ ފަސް ދާއިރާތަކާއި ގުޅޭ ލިޔެކިޔުންތައް ރަށު ކައުންސިލަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަދި ކަރަންޓީނު ވާން އެދޭ ތަން ބަލާ ޗެކްކުރުމަށް ފަހު ހޯމް ކަރަންޓީންވުމާއިގުޅޭ ގޮތުން އެކުލަވާލާފައިވާ މިންގަނޑަށް ޝަރުތު ހަމަވާން ޖެހޭނެއެވެ.

ކައުންސިލްތަކުން ''ފާސް ޕޯޓަލް" މެދުވެރިކޮށް އެޕްރޫވްކުރުމުން ހޯމް ކަރަންޓީންވުމަށް އެދިފަވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް އެޗްޕީއޭގެ ފަރާތުން ބަލައި ވެރިފައިކުރުމަށްފަހު އެމީހަކު ދަތުރުކުމަށް އެދިފައިވާ ތާރީހަށް ކަރަންޓީނު ލިޔުން އަދި ބިލްޑިން މޮނިޓަރިންގ ނޯޓިސް ހާލުބެލުން ޕޯޓަލްގައި އަޕްލޯޑް ކުރާނެއެވެ.

އެޗްޕީއޭއިން ބުނީ ފުރުމަށް ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުން އަދި ބިލްޑިން މޮނިޓަރިންގ ނޯޓިސް ލިބުމުން ކަމަށެވެ.


މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 535 މީހުންނަށް ހޯމް ކަރަންޓީނަށް ރަށްރަށަށް ދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު، ހޯމް ކަރަންޓީނުވާ މީހުން ގަވާއިދަށް ބޯނުލެނބުމުގެ މައްސަލަތައް ވެސް އަންނަނީ ފެންމަތިވަމުންނެވެ.

comment ކޮމެންޓް