މިއަދު އިތުރު 89 ޕޮޒިޓިވް ކޭސް، ގިނައީ ދިވެހިން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 89 މީހަކު ދެނެގަނެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހީންނާއި، ބަންގްލަދޭޝްގެ 19 މީހަކާއި، އިންޑިއާގެ ހަ މީހަކާއި، ލަންކާ ދެ މީހުންނާއި، އިނގެރޭސިވިލާތުގެ ދެމީހުންނާއި އެމެރިކާ މީހަކާއި މިސްރު މީހެކެވެ.

މިއަދު ޕޮޒިޓިވްވި 89 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ފެނުނު 83 މީހަކާއި އަތޮޅުތެރޭގެ ރަށްތަކުން ފެނުނު ހަ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 4،769 އަށް އަރައިފައެވެ. އަދި މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު 1،996 އަށް މައްޗަށް ޖެހިފައެވެ.

މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 129 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 1،470 މީހަކު އެބަތިއްބެވެ.

މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 2،754 މީހަކު ވަނީ ރަނގަޅުވެފައެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 29 މީހަކު ވެސް ހިމެނެއެވެ.

ޖުމްލަ މިހާތަނަށް ޓެސްޓުކުރި ސާމްޕަލްގެ އަދަދަކީ، 86،651 އެވެ.

މި މަހުގެ ފުރަތަމަ ފަސް ދުވަހު ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ ކޭސްތައް ފެނިފައިވެއެވެ. އެގޮތުން މިހާތަނަށް ރިކޯޑް އަދަދަކަށް ކޭސްތައް ފެނުނީ، މި މަހުގެ ދެވަނަ ދުވަހުއެވެ. އެއީ 215 ކޭސް އެވެ.

ހަލުވިކަމައެކު ވައިރަސް ފެތުރެމުންދާތީ ސަރުކާރުން މިހާރު ވަނީ އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން ބަލި އޮތް ރަށްތަކުގައި މާސްކު އެޅުން މަޖުބޫރުކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުމަށް ވަނީ އިރުޝާދު ދިފައެވެ. އޭގެ އިތުރުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް މިހާރު ކާފިއުވެސް އަންނަނީ ހިންގަމުންނެވެ. އަދި ވިޔަފާރިތައްވެސް ރޭގަނޑު 9:30ގައި ބަންދު ކުރާ ގޮތަށް މިހާރު ވަގުތު ވަނީ ބަދަލުކޮށްފައެވެ.

comment ކޮމެންޓް