"ސުއިސައިޑް އޯ މާޑާ"ގެ އަންހެން ލީޑަށް ޝްވެތާ

މި ފިލްމުގެ އަންހެން ބަތަލާ އަކީ ޝްވެތާ--

ދާދިފަހުން މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ ހަޔާތުން އިންސްޕަޔާވެގެން ތައްޔާރުކުރާ ފިލްމު ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް"ގެ އަންހެން ލީޑަށް ޝްވެތާ ޕްރަޝާރު ހަމަޖައްސައިފި އެވެ.

ޝްވެތާ އަކީ އެކްޓަރެއްގެ އިތުރުން މޮޑެލް އެއްވެސްމެ އެވެ. ޝްވެތާ މި ފިލްމުގައި ފެނިގެންދާނީ "ޓްރަބަލްމޭކާ"ގެ ރޯލުންނެވެ. ބަތަލާ މި ރޯލު ކުޅޭއިރު ފިލްމުގެ ތަރިއެއް ކަމަށްވާ މޮޑެލް ރާނާ ކުޅޭނީ ބޮލީވުޑުގައި ވަރަށް ނުފޫޒުގަދަ ވަރުގަދަ ޑައިރެކްޓަރެއްގެ ރޯލެވެ. ބޮލީވުޑަށް ހަމައެކަނި "ސްޓާ ކިޑްސް" ތައާރަފްކުރާ ޑައިރެކްޓަރުގެ ރޯލުންނެވެ. އައުޓްސައިޑަރުން ބޮލީވުޑުން ބާކީކޮށްލާ މީހާގެ ރޯލެވެ.

ސުއިސައިޑް އޯ މާޑާގެ ފިރިހެން ލީޑަކީ ޓިކްޓޮކް ތަރި ސައްޗިން ތިވާރީ އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ވިޖޭ ޝޭކަރް ގުޕްތާ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ރާކޭޝް ކުމާރެވެ. ވިޖޭ ބުނީ މި ފިލްމަކީ ނެޕޮޓިޒަމްގެ ޝިކާރައަކަށްވެފައި ތިބި ތަރިންނަށްދޭ ޓްރިބިއުޓެއް ކަމަށެވެ.

ފިލްމުގެ ޝޫޓިން އަންނަ މަހު ފެށުމަށް ނިންމާފައިވާ އިރު ފިލްމު ޝޫޓްކުރާނީ މުމްބާއިގެ އިތުރުން ޕަންޖާބުގަ އެވެ.

ވިޖޭ ބުނީ މި ފިލްމުގެ ޒަރިއްޔާއިން ބޮލީވުޑްގެ ބޮޑެތި ތަރިންގެ އަސްލު ސިފަ ފެނިގެންދާނެ ކަމަށެވެ. އަދި އެމީހުން ބޭރުން އަންނަ އެކްޓަރުންނާ މެދު ކަންތައް ކުރާ ގޮތް ވެސް ވަރަށް ރަނގަޅަށް މި ފިލްމުން ދައްކުވައިދޭނެ ކަމަށެވެ.

"ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" ޑައިރެކްޓްކުރާނީ ޝާމިކް މާލިކް އެވެ.

comment ކޮމެންޓް