ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް ބައްޕަ އަކު ޝަރީއަތް ނިމެންދެން ބަންދަށް

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ބައްޕަ ހައްޔަރު ކޮށް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފި އެވެ.

ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ ބައްޕަ އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު މުއްދަތު ޖެހުމަށް އެ އަތޮޅު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ވަނީ ދޫކޮށްލާފަ އެވެ.

އެ އަމަރު އަލުން މުރާޖާ ކުރުމަށް ފުލުހުން ކޯޓުގައި އެދުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ވަނީ ބުނެފަ އެވެ.

މި ފަހުން އައިސް ރާއްޖެ އެކި ސަރަހައްދުތަކުގައި އަންނަނީ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރާ އަދަދު އިތުރުވަމުންނެވެ. މިއަދު މާލެ އިން ވެސް ވަނީ، އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް