ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގެއްލުންތަކެއް ވެއްޖެ

ޅ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި އެއަތޮޅު ކުރެންދޫ ގެއަކަށް ފެންވަދެފައި --- ފޮޓޯ/ ޅ. އަތޮޅު ކައުންސިލް

ޅ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހި، އެކިވަރުގެ ގެއްލުން ލިބިއްޖެއެވެ.

ޅ. އަތޮޅު ކައުންސިލްގެ ރައީސް، އިބްރާހިމް ސިމާއު މިރޭ "ސަން" އަށް ވިދާޅުވީ މިއަދު އެ އަތޮޅަށް ކުރި ވިއްސާރައިގައި ކުރެންދޫ، ނައިފަރު އަދި ހިންނަވަރުގެ ބައެއް ގެތަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުރެންދޫ އަދި ނައިފަރުން ވެސް 20 ވަރަކަށް ގެއަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށާއި، މިރޭ އަށެއް ޖެހުމާ ހަމައަށް ހިންނަވަރުންގެ 10 ގެއަކަށް ގެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފެން ވަދެެގެން އެއްވެސް ގެއަކުން މީހުން ބަދަލުކުރަންޖެހިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް ސިމާއު ވިދާޅުވިއެވެ.

ތިން ރަށުގެ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ފެން ހިންދުމާއި، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސިމާއު ވިދާޅުވީ ހުއްޓާނުލާ ވާރޭ ވެހޭނަމަ ހާލަތު އިތުރަށް ގޯސްވާނެ ކަމަށާއި އެހެން ނަމަވެސް މިވަގުތަށް ވާރޭވެހުން ހުއްޓާލާފައިވާ ކަމަށެވެ.

ޅ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި އެއަތޮޅު ކުރެންދޫ ގެއަކަށް ފެންވަދެފައި --- ފޮޓޯ/ ޅ. އަތޮޅު ކައުންސިލް

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށަ ލަފާކޮށްފައި ވާއިރު އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ބެލެވެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

ޅ. ކުރެންދޫގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރިއަށް ގެންދަނީ --- ފޮޓޯ/ ޅ. އަތޮޅު ކައުންސިލް

ރާއްޖޭގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް، ވަކިން ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ.

comment ކޮމެންޓް