ގާނޫނުއަސާސީ ތަންފީޒުކުރަން ދަތިވީ ރިޔާސީ ނިޒާމެއް އޮތުމުން: މަޖިލިސް ރައީސް

މަޖިލީހުގެ ރައީސް ނަޝީދު ވާހަކަދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ވެރިކަމަށް ވަޑައިގެން، އަލަށް އަމަލުކުރަން ފެށި ގާނޫނުއަސާސީ ތަންފީޒުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނީ، ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމުން ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ 12 އަހަރު ފުރުމާ ގުޅިގެން ވިޝާމް އެންޑް ކޯ ލޯ ފާމުން ކުރިއަށް ގެންދިޔަ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށެވެ.

ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް އެމަނިކުފާނު އަބަދުވެސް ވިދާޅުވެއެވެ. ނަމަވެސް ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން އެ ވޯޓު، އޭރުގައި އެމްޑީޕީން އޭގެ ނަތީޖާ ބަލައެއް ނުގަނެ. މި ގާނޫނު އަސާސީ ތަންފީޒުކުރުމަށް ރިޔާސީ ނިޒާމެއްގައި އަޅުގަނޑަށް ލިބުނީމާ، ދިމާވި ހުރިހާ ދައްޗެއް ދިމާވީ. އެއީ މި ގާނޫނުއަސާސީ އަކީ ތަބީއީގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ގާނޫނުއަސާސީއެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވަނީ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭގޮތުން އެމަނިކުފާނު ދައްކަވާ ވާހަކަ ނޫސްވެރިން ސުރުހީއަށް ނުނެގުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވިދާޅުވީ އެއީ މިހާރު ވަރަށް ފޫހި ވާހަކައަކަށް ވެފައިވާ ކަމަށާއި އެއީ ވަރަށް އާދައިގެ ވާހަކައެއް ކަމަށެވެ.

"އެކަމު ބައެއް ނޫސްވެރިންނަށް ހީވަނީ އެއީ ޕޮލިޓަކަލް ކޮންފްލިކްޓެއްގެ ޕިޗެކޭ. ނޫން. ވަރަށް ފޫހި އާދައިގެ ވާހަކައެއް އެއީ އަަބަދުވެސް އަޅުގަނޑު ދައްކާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ގާނޫނުއަސާސީއަށް އަވަސް އަވަހަށް އިސްލާހު ގެނައުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫން ކަމަށާއި އިސްލާހު ގެނައުމުގެ ބަދަލުގައި، ހިންގުމުގެ ތެރޭގައި އެކަން ފުރިހަމަކުރަމުން ގެންދަން ޖެހޭ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު އަބަދުވެސް ދަންނަވަން ވެރިކަމުގެ ނިޒާމު އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކަށް އޮންނާނީ ޕާލިމެންޓަރީ ސިސްޓަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް