ފެހި ގާނޫނުއަސާސީ އަކީ ރައީސް މައުމޫނާ ދެކޮޅަށް ލިޔުނު ލިޔުމެއް: މަޖިލިސް ރައީސް

އޭއެފްސީ ޗެލެންޖް ކަޕް 2014ގައި ރާއްޖޭގެ ސިޔާސީ ވާދަވެރިން އެކުގައި، ރައީސް މައުމޫން އަދި ރައީސް ނަޝީދު ސެލްފީއެއް ނަންގަވަނީ --- ސަން ފައިލް ފޮޓޯ

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނިޔާވެރިކަމާ ދެކޮޅަށް އުފެދުނު "ރިއެކްޝަން" އަކުން އެމަނިކުފާނާ ދެކޮޅަށް ލިޔެވުނު ލިޔުމެއް ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިހާރުގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ 12 އަހަރު ފުރުމާ ގުޅިގެން ވިޝާމް އެންޑް ކޯ ލޯ ފާމުން ކުރިއަށް ގެންދިޔަ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ވެރިން އަބަދުވެސް ގާނޫނުއަސާސީ ގެންގުޅުއްވަނީ، ދޫދިނުމަށް ހުއްޖަތެއްގެ ގޮތުގައި ދައްކަވާ ވާހަކައެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން ރައީސް މައުމޫން ރާއްޖޭގެ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު، އޭރު އަމަލުކުރަމުން ދިޔަ "މޫންލައިޓް ގާނޫނުއަސާސީ" އަކީ ދިވެހިން އުޅެން އެއްގޮތަކަށް ވެސް ހެޔޮނުވާނެ ވަރުގެ ގާނޫނުއަސާސީއެއް ކަމަށާއި، އެ ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވި ކަމަށެވެ.

އެހެން ނަމަވެސް އެކި ކަހަލަ ހުއްޖަތް ދައްކަވަމުން، ގާނޫނުއަސާސީ އިސްލާހުނުކޮށް 17 އަހަރު ހޭދަކުރެއްވިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ގާނޫނުއަސާސީ އިން ފެށިގެން ވެސް ކޮންމެ ފަހަރަކުވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ދިވެހި ވެރިން ގާނޫނުއަސާސީގެ ވާހަކަ ދައްކާން މި ފަށަނީ ދިވެހި ރައްޔިތުން އިތުރު ހައްގުތައް ބޭނުންވެގެން، އިތުރު ބާރުވެރިކަން ބޭނުންވެގެން އިތުރު އުންމީދުތަކަށް މިސްރާބު ޖަހާތީވެ. ދިވެހި ވެރިކަމުގެ ފަރާތަށް ބާރު މަދުވެގެންދާނެތީ، ރައްޔިތުންނަށް ރައްޔިތުން އެދޭ ބާރުތައް ލިބިނުދިނުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި. އަޅުގަނޑު ދަންނަވާނީ ނޫ ގާނޫނުއަސާސީއާ ހަމައަށް އައުމަށް ވެސް ލަސްވީ އެހެންވެގެންނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ނޫ ގާނޫނުއަސާސީއާ ހަމައަށް ދިއުމަށްފަހު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ގާނޫނުއަސާސީ އިސްލާހުކުރާ ވާހަކަ ރައީސް މައުމޫން ދައްކަވަން ފެއްޓެވި ސަބަބާމެދު ވެސް ރައީސް ނަޝީދު ސުވާލުއުފެއްދެވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫން އަނެއްކާވެސް ގާނޫނުއަސާސީ އިސްލާހުކުރެއްވުމުގެ މަސައްކަތް ފެއްޓެވީ، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް ސަރުކާރުގައި އެދުމުން، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ގާނޫނު އަސާސީ ޖާގަނުދޭ ކަމަށް ވިދާޅުވަމުންނެވެ.

"އެހެންވީމަ ގާނޫނުއަސާސީ އިސްލާހުކުރެވިގެންނޭ ތިކަން ވާނީ. ދެން ގާނޫނުއަސާސީ އިސްލާހުކުރާ ވާހަކަ ވެގެންދިޔައީ މިކަމުގެ ފަރިއްސަކަށް. ސިޔާސީ ޕާޓީއަށް ޖާގަ ނުދިނުމުގެ ހުއްޖަތަކަށް. އެއްވެ އުޅުމުގެ މިނިވަންކަން ނުދިނުމުގެ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުދިނުމުގެ ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތް ހިންގާ ރައްޔޮތުންނަށް ވައުދުތަކެއް ވެގެން، އެ ވައުދުތަކުގެ މައްޗަށް ވެރިކަމެއް ހިންގުމުގެ ހަމަ، އެ ހަމައަށް ދީލާލުމުގެ އެއްވެސް ފިކުރެއް، އެބޭފުޅުންގެ ނެތަތީ އެބޭފުޅުން ހުއްޖަތެއްގެ ގޮތުގައި ވާހަކަދައްކަވަން ވެގެން މި ނޫ ގާނޫނުއަސާސީ އިސްލާހުކުރާ ވާހަކަ ފެއްޓެވީ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީ ހެދުމުގެ ހުއްދަ ލިބުނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ނޫން ކަމަށާއި، އޭރުގެ ބަންޑާރަނައިބު ގާނޫނުއަސާސީ އެކި ފަހަރުމަތިން މުރާޖައާކުރެއްވުމުގެ ސަބަބުން ކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ "ފެހި ގާނޫނުއަސާސީ" އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަސައްކަތުން ހެދިފައި އޮތް ގާނޫނުއަސާސީއެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރާލި ހާދިސާއާއި އޭގެ ފަހުން ހިނގައިދިޔަ ކަންތައްތަކަށް ފަހު، ގާނޫނުއަސާސީގެ މަސައްކަތް ނިންމުމަށް އެމަނިކުފާނާ އަދިވެސް ގިނަ ބަޔަކު ނުކުންނެވި ކަމަށެވެ. އަދި އޭރު ނުކުންނެވީ "ޖާނާއި މާލުން އެކަމަށް ހޭދަނުކޮށްފިނަމަ"، އަންނަން އޮތް ޖީލުތަކަށް ރާއްޖޭގައި ހަމަޖެހިގެން އުޅެވޭނެ ގޮތެއް އޮތްކަމަކަށް ފެނިވަޑައިނުގަތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ގާނޫނުއަސާސީއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމް އާ އިދިކޮޅަށް ލިޔެވުނު ލިޔުމެއް. އޭގެ ރިއެކްޝަނެއް. ރައީސް މައުމޫންގެ ހުދުމުހުތާރު ވެރިކަން. އަނިޔާވެރިކަމަށް އައި ރިއެކްޝަނެއް. އެ ހުރިހާ އަނިޔާއަކަށް އައި ރިއެކްޝަނެއް،" ރއީސް ނަޝީދު ވިދާޅުވިއެވެ.

ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރުމާ ގުޅިގެން ރައީސް މައުމޫން މިއަދު ވިދާޅުވީ، އެއީ އެމަނިކުފާނުގެ 30 އަހަރުގެ ދިގު ވެރިކަމުގައި ހިނގި އެންމެ ފަހުރުވެރި އެއް ކަންތައް ކަމަށެވެ.

comment ކޮމެންޓް