ފެހި ގާނޫނުއަސާސީ ތަސްދީގުކުރުން، މައުމޫންގެ 30 އަހަރުގެ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު!

ރައީސް މައުމޫން ގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ

މީގެ 12 އަހަރުކުރިން، މިހާރު އަމަލުކުރަމުން އަންނަ "ފެހި ގާނޫނުއަސާސީ" ތަސްދީގުކޮށްދެއްވި ވަގުތުކޮޅަކީ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގާދިޔަ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޖޫން 26، 2008 ގައި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކޮށް، ފެހި ގާނޫނުއަސާސީ ތަސްދީގުކުރެވިގެން ދިޔައީ އޯގަސްޓް 7، 2008 ވަނަ ދުވަހުއެވެ.

ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގެ އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު ކަމަށެވެ.

އަދި އެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއެކު ދިވެހި ރައްޔިތުން ގާނޫނުއަސާސީގެ ބޭނުންހިފައި، މުސްތަގުބަލުގައި ހުރިހާ ދާއިރާއަކުން ވެސް ކުރިއަށް ދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ގާނޫނުއަސާސީ ތަސްދީގު ކުރެވުނުތާ މިއަދަށް 12 އަހަރުވެގެންދާއިރު، އަދިވެސް އޭގެ ދަށުން ހަދަން ޖެހޭ 78 ގާނޫނެއް ހެދިފައި ނުވާތީ، ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއިލު (އިބްރާ) އަދި އޭރުގެ ހާއްސަ މަޖިލިހުގެ ރައީސް، ގާސިމް އިބްރާހިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ބާރަ އަހަރުގެ ތެރޭގައި ގާނޫނު އަސާސީއަށް ބައެއް ބޮޑެތި އިސްލާހުތައް ވަނީ ގެނެސްފައެވެ.

comment ކޮމެންޓް