ބޮޑު ކަންބޮޑުވުމެއް، ގާނޫނުއަސާސީގެ ދަށުން ހަދަންޖެހޭ 78 ގާނޫނެއް އަދިވެސް ނުހެދި

އިބްރާ، އިބްރާހިމް އިސްމާއިލް، ގާސިމް

ގާނޫނުއަސާސީ ތަސްދީގު ކުރެވުނުތާ މިއަދަށް 12 އަހަރުވެގެންދާއިރު، އަދިވެސް އޭގެ ދަށުން ހަދަން ޖެހޭ 78 ގާނޫނެއް ހެދިފައި ނުވާތީ، ގާނޫނުއަސާސީ އެކުލަވާލި ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއިލު (އިބްރާ) އަދި އޭރުގެ ހާއްސަ މަޖިލިހުގެ ރައީސް، ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިހާރު އަމަލު ކުރަމުން އަންނަ ރާއްޖޭގެ ފަސްވަނަ ގާނޫނުއަސާސީ އެކުވަލާލީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުންނެވެ. ގާނޫނުއަސާސީ ތަސްދީގު ކުރީ، އޮގަސްޓު 7، 2008 ގައި އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

އެ ގާނޫނު އަސާސީ ތަސްދީގު ކުރެއްވިތާ 12 އަހަރު ފުރުމާ ވިދިގެން "ސަން"އަށް ދިން އިންޓަވިއުއެއްގައި އިބްރާ ވިދާޅުވީ، މިއަދާ ހަމައަށް އައިއިރުވެސް އާ ގާނޫނުއަސާސީގެ ދަށުން ހަދަން ޖެހޭ ގާނޫނުންތައް އަދިވެސް ހެދިފައި ނުވުމަކީ ވަރަށް ބޮޑުކަންބޮޑުވުމެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެވެސް ވަރަށް ބޮޑު ފެއިލްވުމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

"ތަސްދީގު ކުރި ފަހުން، ތިން މަޖިލިސް މިއީ. މިއީ ނަވާރަވަނަ މަޖިލިސް. އެކަމަކު ގާނޫނުއަސާސީ ހިންގުމަށްޓަކައި ހަދަން ޖެހޭ 78 ގާނޫނެއް އަދިވެސް ނެހެދޭ އަދިވެސް. ހަމަ ކުރީގައި ހުރި ގާނޫނުތަކާއި ގަވާއިދުތަކެއް މިއޮތީ. އެހެންވީމަ ރައްޔިތުންގެ މަޖިލިސްވެސް މިއޮތީ ވަރަށް ބޮޑަށް ފެއިލްވެފައި،" އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ އާ ގާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ވަރަށް މުހިންމު ގާނޫނުތައް ހެދިފައި ނުވާ ކަމަށެވެ. އެގޮތުން އެއް ގާނޫނުގެ ގޮތުގައި މަދަނީ އިޖުރާތުގެ ގާނޫނެއްވެސް ހެދިފައި ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އެންމެ ގިނައިން ދައްކާ އެއްވާހަކަ އަދުލުއިންސާފު ހިންގުމުގައި ހުރި މައްސަލަތަކުގެ ވާހަކަ. ޝަރީއަތް ހިންގުމުގެ ކަންކަމަށް ބޮޑެތި ބަދަލުތަކެއް އަންނަ ޖެހޭ ވާހަކަ. އެކަމަކު ގާނޫނުއަސާސީން 12 އަހަރު ފުރޭ އިރު، އަދިވެސް ކޯޓުތަކުން އަމަލު ކުރާނެ މަދަނީ އިޖުރާތުގެ ގާނޫނެއް ނެހެދޭ،" އިބްރާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ، ގާނޫނުނުއަސާސީ ބުނާގޮތުން ކޯޓުތަކުން އަމަލު ކުރަން ޖެހޭނީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ނަމަވެސް އެ ގާނޫނު ނަހަދާ އަދުލުއިންސާފުގެ ނިޒާމް ހަރުދަނާ ކުރުމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"މާނައަކީ، ކޯޓުތަކުން ޝަރީއަތް ކުރަންވީ ގޮތް ކަނޑައަޅާ ގާނޫނެއް ނެތޭ އަދި މަޖިލިސް ހަދާފައި. މިއީ ތިން ވަނަ މަޖިލިސް. ދެން ކިހިނެތްތޯ ކޯޓުތަކުން އެކަށީގެންވާ ގޮތަށް މަސައްކަތް ކުރަނީ. ދެން އަޅުގަނޑުމެންވީ އަބަދު ނުކުމެ ފަނޑިޔާރުންނާއި ކޯޓުތަކަށް އެޗިސް ކިޔަން އަދުލުއިންސާފު ގައިމު ނުކޮށްދެއޭ ކިޔާފައި؟ ކޯޓުތަކަށްވެސް އެ މަގު ދައްކައިދީނަމަ ކޯޓުތަކަށްވެސް ހަދަންވީ ގޮތް އެނގޭނީ،" އިބްރާ ވިދާޅުވިއެވެ.

އިބްރާއެކޭ އެއްގޮތަށް ގާނޫންތައް ހެދިފައި ނެތުމުން ގާސިމް އިބްރާހިމްވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ގާސިމް ވިދާޅުވީ، ގާނޫނުއަސާސީގެ ދަށުން ހަދަން ޖެހޭ ގާނޫނުތައް ވީހާވެސް އަވަހަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މިހާރުވެސް ގާނޫނުއަސާސީއާ ތައާރަޒުވާ ގާނޫންތައްވެސް އެބަހުރި ކަމަށާއި އެގާނޫނުތައް ބަދަލުކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ދެ އަހަރު ތެރޭ އެކަން ކުރުމުގެ ޒިންމާ މަތިކޮށްފައިވާނެ ސަރުކާރަށާއި މަޖިލީހަށްވެސް. އެކަމަކު 12 އަހަރުވެގެންދާއިރު، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބިދޭން ހުރި މާއްދާތަކުގެ ދަށުން ހެދެން ޖެހޭ ގާނޫންތަކާއި ގަވައިދުތައް އަދި އެހުރީ ނެހެދި،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެކަން އެގޮތަށް ނުވުމުން ފަނޑިޔާރުންވެސް ނިޔާ ކަނޑައަޅާއިރު، ގާނޫނުއަސާސީއާ ހިލާފަށް ނިޔާ ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި މާނަ ކުރުމުވެސް ނުބައިކޮށް މާނަ ކުރެވެނީ، އެކަންކަން ނުކޮށް ހުރުމުން ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވެރިކަމަށް އަންނަ ފަރާތްތަކުންވެސް އެކަންކަމަށް އިސްކަން ނުދެއްވާ ކަމަށް ގާސިމް ފާހަގަ ކުރެއްވިއެވެ.

"ވިސްނުންތެރިކަމާއެކު، ވިހާވެސް އަވަހަކަށް އެބަ ޖެހޭ ގާނޫނުތައް ހަދައި، ގާނޫނުއަސާސީއާ ތާރަޒުވާ ގާނޫނުތައްވެސް ހަދަން ބާތިލު ކުރަން ޖެހޭ،" ގާސިމް ވިދާޅުވިއެވެ.

comment ކޮމެންޓް