ނާކާމިޔާބީއާއެކު ޔޫއެންޕީ ރީސްޓްރަކްޗާކުރުމާ ދިމާލަށް

ސްރީލަންކާގެ އިންތިހާބުން ނާކާމިޔާބުވި ޔޫއެންޕީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ (ކ) އަދި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަކިލަ ވިރާޖް ކަރިޔަވަސަމް (ވ) ---

ބުދަ ދުވަހު ސްރީލަންކާގައި އޮތް އާންމު އިންތިހާބުން ބޮޑު ނާކާމިޔާބީއާ ކުރިމަތިލި އެގައުމުގެ އިދިކޮޅު ޔުނައިޓެޑް ނޭޝަނަލް ޕާޓީ ވެއްޓިފައިވާ ވެއްޓުމުން އަރައިގަތުމަށްޓަކައި އެތެރެއިންނާއި ބޭރުން ރީސްޓްރަކްޗާކުރާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ލީޑުކުރައްވާ ޔޫއެންޕީއަށް ބުދަ ދުވަހުގެ އާންމު އިންތިހާބުން އިންތިހާބީ އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުކުރެވުނެވެ. އަދި 42 އަހަރަށްފަހު ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހައަށް އިންތިހާބުން ގޮނޑިއެއް ކާމިޔާބެއް ނުކުރެވުނެވެ.

ޔޫއެންޕީގެ ސެކްރެޓަރީ ޖެނެރަލް އަކިލަ ވިރާޖް ކަރިޔަވަސަމް ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ސްރީލަންކާގެ ރައްޔިތުން ވަނީ އިންތިހާބު ކާމިޔާބުކުރި ޕޮޑުޖަނަ ޕާޓީއަށް ބޮޑު ޒިންމާއެއް ހަވާލުކޮށްފައި ކަމަށެވެ.

މި އިންތިހާބަކީ، ޔޫއެންޕީގެ ތާރީހުގައިވެސް އެ ޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ނާކަމިޔާބީކަމަށް ގަބޫލުކުރާކަމަށް އެ ޕާޓީން ބުނެއެވެ.

https://sun.mv/141177

"ޕާޓީގެ އެތެރެއިންނާއި ބޭރުން ހިނގި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވި މި ނާކާމިޔާބީގެ ޒިންމާ ނެގުމަށް މި ޕާޓީ މި އޮތީ ތައްޔާރަށް،" އެ ބަޔާނުގައި ޔޫއެންޕީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

ޔޫއެންޕީން ބުނީ ކޮވިޑް19 އާ ގުޅިގެން ސްރީލަންކާގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވާ އިރު، ބަލިމަޑުކަމުން އަރައިގަނެ އިގްތިސާދު ކުރިއަރުވާނެ ސްޓްރެޓަޖީތަކަކާއެކު އިންތިހާބަށް ކުރިމަތިލި ހަމައެކަނި ޕާޓީއަކީ ޔޫއެންޕީ ކަމަށެވެ.

އެހެން ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލުކުރާ ކަމަށާއި، ޕާޓީގެ ހުރިހާ ސަޕޯޓަރުންނާއި އާންމުންވެސް އިންތިހާބުގެ ނަތީޖާ ސުލްހަވެރިކަމާއެކު ގަބޫލުކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ޕާޓީއަށް ކުރިމަތިވެފައިވާ ވެއްޓުމުން އަރައިގަނެ، ގޮންޖެހުންތައް ކަޑައްތުކޮށް އަނެއްކާވެސް ހިނގައިގަތުމަށްޓަކައި ޕާޓީ އެތެރެއިންނާއި ބޭރުން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރާނެކަމަށްވެސް ޔޫއެންޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންތިހާބުން ޔޫއެންޕީގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑިއެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، ޕާޓީތަކަށް ލިބޭ ޖުމްލަ ވޯޓަށް ބަލާފައި ގާނޫނު ހަދާ މަޖިލީހުން ދޭ "ނޭޝަނަލް ލިސްޓު" ގޮނޑިތަކުގެ ތެރެއިން އެއް ގޮނޑި ޔޫއެންޕީއަށް ވަނީ ލިބިފައެވެ. ބެލެވޭ ގޮތުގައި އެ ގޮނޑިއަށް ޔޫއެންޕީން ނޮމިނޭޓުކުރާނީ ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހައެވެ.

ޔޫއެންޕީއަށް ނާކާމިޔާބުވި އެއް ސަބަބަކީ، އެ ޕާޓީގެ މެމްބަރު އަދި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަގެ ލީޑަޝިޕްގައި އުފެއްދި ސަމަގަ ޖަނަ ބަލަވޭގަޔަ (އެސްޖޭބީ) އިއްތިހާދުގައި ޔޫއެންޕީން ބައިވެރިވެ، ނަމަވެސް ފަހު ވަގުތު އިއްތިހާދުން ވަކިވުމަށް ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ނިންމެވުމެވެ. ރަނިލްއާއި އޭނާއަށް ވަފާތެރި މަދު ކެންޑިޑޭޓުންތަކެއް އިއްތިހާދާ ވަކިން، ޕާޓީގެ ނަމުގައި ކުރިމަތިލި އިރު ޔޫއެންޕީގެ ގިނަ މެމްބަރުން އިންތިހާބަށް ކުރިމަތިލީ އެސްޖޭބީ އިއްތިހާދުގެ ނަމުގައެވެ.

އިންތިހާބުން ބޮޑު ކާމިޔާބެއް ހޯދައި، 225 މެމްބަރުންގެ މަޖިލީހުން 145 ގޮނޑި ޕޮޑުޖަނަ ޕާޓީއަށް ލިބުނު އިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ސަޖިދުގެ އެސްޖޭބީ ކޯލިޝަނުންނެވެ. އެ ކޯލިޝަނަށް ލިބުނީ 54 ގޮނޑިއެވެ.

https://sun.mv/141185

ޔޫއެންޕީއިން ނެރުނު ބަޔާނުގައި ބުނީ ބުދަ ދުވަހުގެ އިންތިހާބުގެ ނަތީޖާއިން ހާމަވި ކަމަކީ ސިޔާސަތުތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސީ ޕާޓީތަކުގެ މައްޗަށް ސިޔާސީ ހަރަކާތްތައް މިހާރު ވަނީ ކުރި ހޯދާފައި ކަމަށެވެ.

"މިކަމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ސިޔާސީ މަސްރަހު ހަލަބޮލިވުމަކީ އެކަށީގެންވާ ކަމެއް،" ޔޫއެންޕީގެ ބަޔާނުގައި ވެއެވެ.

ޕޮޑުޖަނަ ޕާޓީއަށް އިންތިހާބުން ބޮޑު ކާމިޔާބެއް ލިބުނު އިރު، އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ އޭނާގެ އުފަން ޕޮލޮންނަރުވަ ޑިސްޓްރިކްޓުން މަޖިލީހަށް ވާދަކުރައްވައި، ޑިސްޓްރިކްޓުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ގޮނޑިއެއް ކާމިޔާބުކުރައްވާފައެވެ.

comment ކޮމެންޓް