ގާސިމްގެ އިންޓަވިއު: ގާނޫނުއަސާސީ ފުރިހަމަ، ވެރިންގެ އިހުލާސްތެރިކަން ނެތީ

ގާސިމް އިބްރާހިމް، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ -- ފޮޓޯ/ މަޖިލިސް

ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ނަތީޖާއެއްގެ ގޮތުން އުފަންވި "ފެހި ގާނޫނުއަސާސީ" ތަސްދީގު ކުރިފަހުން މިއަދަށް 12 އަހަރުވީ އެވެ. އެ ގާނޫނުއަސާސީ އެކުލަވާލުމަށް އެއްކުރި ހާއްސަ މަޖިލީހުގެ ރައީސްކަމަށް ފުރަތަމަ އައްޔަން ކުރީ އޭރުގެ ގދ. އަތޮޅު މެންބަރު، އައްބާސް އިބްރާހިމް އެވެ. އެހެން ނަމަވެސް، ކުރިމަތިވި ސިޔާސީ ބޮޑެތި ހާޖާނުތަކާ ހުރެ އެ މަގާމުން އައްބާސް އިބްރާހިމް ދެ އަހަރާއި ހަ މަސް ދުވަހަށް ފަހު ހާއްސަ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމުން، ގާނޫނު އަސާސީ އެއްކޮށް އެކުލަވާލައި ހާއްސަ މަޖިލިސް ނިމެންދެން އެ މަޖިލީހުގެ ރައީސްކަން ކުރެއްވީ އދ. އަތޮޅުގެ އޭރުގެ މެންބަރު ގާސިމް އިބްރާހިމް އެވެ.

އެހެންކަމުން، އާ ގާނޫނުއަސާސީއެއް ރާއްޖެއަށް ގެނައުމުގައި ގާސިމް ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރޭ މި ދުވަހުގެ މުނާސަބާގައި ގާސިމް ވަނީ "ސަން"އަށް ހާއްސަ އިންޓަވިއުއެއް ދެއްވައިފަ އެވެ. ތިރީގައި މި ހިމަނާލަނީ، ގާސިމް ދެއްވި މި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

--

ސ: ފެހި ގާނޫނުއަސާސީ ތަސްދީގު ކުރިފަހުން ދެތިން ވެރިކަމެއް ނިމިގެން ހިނގައްޖެ. މިވީ ދުވަސްތަކުގައި ގާނޫނުއަސާސީއާ މެދު ކިހިނެއްތޯ ދެކެވަޑައިގަންނަވަނީ؟

ޖ: އާދެ! އަޅުގަނޑު ދަންނަވާނީ 12 އަހަރަކީ މިބާވަތުގެ ކަމަކަށް މާކަ ގިނަދުވަހެއް ނޫނޭ. މި ފުރިހަމަވުމަށް ދުވަސްކޮޅެއް ނަގާނެ. އަޅުގަނޑު ގަބޫލު ކުރަނީ މީގެ ދެ ގުނައެއްހާ ދުވަސް، އަދި 20-30 ހަކަށް އަހަރުވެސް ނަގާފާނެ. ހަމަޖެހުމަކަށް އަންނަން އެވަރު ނަގާފާނެ. އެނގިވަޑައިގަންނަވާނެ އެއްބަޔަކު ގާނޫނުއަސާސީގެ ފުރިހަމަކަމުގެ ވާހަކަ ދައްކާއިރު އަނެއް ބަޔަކު ގާނޫނުއަސާސީގެ އުނިކަމުގެ ވާހަކަ ދައްކާ. އަބަދުވެސް އެކަން ކުރާނެ. ދެން މާ އަވަހަށް އަޅުގަނޑުމެންނަށް ތެޅިގަނެވޭ ގޮތް އެބަވޭ. ގާނޫނުއަސާސީގައި ހުރިކަންކަން ބަދަލުކުރަން ވެސް އެބަ ވާހަކަދައްކާ. ބަރުލަމާނީއެއްގެ ވާހަކަވެސް މިހާރު އެބަ ދައްކާ. އާންމު ރައްޔިތުންގެ ވޯޓެއްގެ ނަގައިގެން ކުރިންވެސް އެކަން ކޮށްފައި އެ އޮތީ. އަޅުގަނޑު މި ދަންނަވަން މި އުޅެނީ ގާނޫނުއަސާސީގައި ބުނެފައި އެހުރި ގޮތަށް އެކަންކަން ބަލައިގެން ކަންކަން ކުރެވޭ ގޮތަށް، މުއައްސަސާތަކަށް ތައްޔާރުވެވިގެން އެ ހިސާބަށް އާދެވިގެން އެކަންކަން ކުރެވޭނީ މި ގޮތަށް ޕްރެކްޓިސް ކުރަމުން ދަމުން ދަމުން ގޮސް. ކިތަންމެ މޮޅު ގާނޫނުއަސާސީއެއް ހެދިޔަސް އެކަންކަމެއް ނުކުރެވޭނެ އަދިއަކުން. ގާނޫނުއަސާސީ ފުރިހަމަ، އެކަމާ އަޅުގަނޑުގެ ޝައްކެއް ނެތް. މި ގާނޫނުއަސާސީއިން ވަރަށް ބޮޑަތި މިނިވަންކަމެއް އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ. ރައްޔިތުންގެ ތެރެއިން ބައެއް މީހުން އެބަދެކޭ، އޭގެ ނުބައި ގޮތަށް ވެސް ކަންކަން. މިސާލަކަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނައިރު އެންމެ މާއްދާއެއް ކިޔައިގެން އަޅުގަނޑުމެން ކަމަކު ނުދާނެ. ގާނޫނުއަސާސީގެ ހުރިހާ ޗެޕްޓަރުތަކަކަށް ބަލައިލެވިގެން މީހުންގެ މިނިވަންކަން އޮންނަނީ ކިހާވަރަކަށްތޯ ބަލައިލަން އެބަޖެހޭ. މިކަހަލަ ބައިވަރު ކަންތައްތަކެއް މީހުންގެ ވިސްނުމާ މެދު ބަދަލުކުރަން އެބަޖެހޭ. ގާތްގަނޑަކަށް 1،000 އަހަރުގެ މައިންޑް ސެޓެއް އަޅުގަނޑުމެން ބަދަލުކުރަން މިޖެހެނީ. އެކަންކަން [ގާނޫނުއަސާސީގައި ހުރިކަންކަން] ގަބޫލުނުކުރެވޭ ބަޔަކުވެސް ތިބެދާނެ. އަނެއް ބަޔަކު އޭގެ އޯވަކޮން ދާން ބޭނުންވާ ބަޔަކުވެސް އުޅޭނެ.

ސ: އެހެންވީމާ، ގާސިމް ތި ވިދާޅުވަނީ މުއައްސަސާތައް ހަރުދަނާނުވުމޭތޯ މި ގާނޫނުއަސާސީ ތަންފީޒު ކުރަން އެންމެ ބޮޑު ހުރަހަކީ؟

ޖ: މި ގާނޫނުއަސާސީ ތަސްދީގުކޮށް ދެ އަހަރު ތެރޭގައި މި ގާނޫނުއަސާސީއާ ތައާރުޒުވާ ގޮތަށް ހުރި ގާނޫނުތައް އިސްލާހުކުރެވި އަދި އިއުލާނެއް ކަމަށް ވިޔަސް އެހެން ގަވާއިދެއް ކަމަށް ވިޔަސް އިސްލާހުވެގެން ދާން ޖެހޭ. އެކަމުގެ ޒިންމާ އޮންނާނެ ސަރުކާރަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ވެސް. ބައްވަލާ، މިހާރު 12 އަހަރުވެގެން ދާއިރު މިދެންނެވި ގާނޫނުއަސާސީގައި ބުނެފައިވާ ރައްޔިތުންނަށް ހިމާޔަތާއި މިނިވަންކަން ރައްކާތެރިކަން ދިނުމުގެ މާއްދާތަކާ ގުޅިގެން ހަދަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އެހެރީ އަދިވެސް ނުހެދި. ގާނޫނުއަސާސީގައި ލާޒިމް ކުރޭ 2 އަހަރު ތެރޭ ހަދަން. މުއައްސާސާތައް ހަރުދަނާވުމާ، ރަނގަޅަށް ފަންގްޝަން ކުރުމާ މިކަންކަމަށް އަޅުގަނޑުމެން ވިސްނާލަން ޖެހޭ. ގާނޫނުއަސާސީ ބުނާ މިދެންނެވި ގާނޫނުތައް އިސްލާހު ނުކުރެވި ހުރުމުގެ ސަބަބުން ބައެއް ފަހަރު ފަނޑިޔާރުން ވެސް އެބަ ޖެހޭ ގާނޫނުއަސާސީއާ ހިލާފަށް ނިޔާ ކަނޑައަޅަން، ނޫނީ މާނަކުރަން ވެސް. މިއީ ވަރަށް ދެރަ ކަންތައްތައް. މިކަންކަން އެހެން ނުވެ ދާނީ، މިކަންކަން ފުރިހަމަ ކުރެވިގެން. އެ ހިސާބަށް ދާން މަސައްކަތް ކުރިޔަސް، ގާނޫނުއަސާސީގައި ދެ އަހަރޭ އޮތަސް އެއަށް ވެސް ނަގާނެ ވަގުތުތަކެއް. އެކަން ނުކުރެވި ދާއިރު، އަދި ކުރެވުނަސް އެންމެ ހަމަޖެހޭ ގޮތަށް ނުކުރެވިވެސް ހިނގައިދާނެ. ވިސްނުންތެރިކަމާ އެކު އެކަން ކޮށް ނިންމުން މުހިންމީ. ގާނޫނުއަސާސީއާ ތައާރުޒުވާ ގާނޫނުތައް ހަމަގައިމުވެސް އެބަ ޖެހޭ ބާތިލް ކުރުވެން.

މީގެ ކުރިން އަޅުގަނޑުމެން އެތައް ގާނޫނެއް އަޅުގަނޑުމެން ފާސްކޮށްފައި ފޮނުވީމާ މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ އެއްޗިހި ތަސްދީގެއް ނުކުރެއްވި. ދެން އަޅުގަނޑުމެން ޖެހުނީ މިހާރު ހުރި ގޮތަށް އެ އެއެއްޗިހި ހުރި ގޮތަށް ބާއްވައިގެން މުއްދަތު އިތުރު ކުރަމުން ދާން. އެކަމަކު، ގާނޫނުއަސާސީގައި ދެ އަހަރުގެ މުއްދަތު ޖެހީ އެކަންކަން ރަނގަޅު ކުރަން، އޭގައި މާތް މަގުސަދެއްގައި. ހަގީގަތަކީ ވެރިކަމަށް އަންނަ ބޭބޭފުޅުން ބޭނުމެއް ނުވޭ ވެރިކަމުގައި އޮންނަ ބާރުތައް އެ މީހުންގެ އަތުން ދޫކުރާކަށް. އެހެންވީމަތާ، ވެރިކަމަށް ވަޑައިގެންފައި ކޮންމެ ގޮތަކަށް ގާނުނެއް އޮތަކަސް އެގޮތަކަށް ބާއްވައިގެން އެ ރަނގަޅުކުރަން ނޫޅި ކުރިއަށް ދަނީ. އެކަމަކު އެޓްލީސްޓް ގާނޫނުތައް ރަނގަޅުކޮށްގެން ކުރިއަށްދާން އެބަޖެހޭ.

ސ: ގާނޫނުއަސާސީގައި އޮވޭ ލާމަރުކަޒީ ނިޒާމުގެ ވާހަކަ ލިޔެފައި. އެއީ ވަރަށް ބޮޑަށް ފެޑަރަލް ނިޒާމެއްގެ ސިފައެއް. ނަމަވެސް ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް. ގަބޫލުކުރައްވަންތޯ އެއީ ގާނޫނުއަސާސީގައި އޮންނަ ލޫޕްހޯލެއް ކަމަށް މިހާބޮޑަށް ފެޑަރަލް އުސޫލަކަށް ޖާގަލިބުމަކީ؟

ޖ: ނޫން ނޫން! އެއްގޮތަކަށް ވެސް ގާނޫނުއަސާސީގައި އުނިކަމެއް ނެތް. އެ ހަދާ ގާނޫނެއް ގާނޫނުއަސާސީއާ ދިމާނުވާނީ. ގާނޫނުއަސާސީގައި ޔުނިޓަރީ ދައުލަތެކޭ ބުނެފައި އޮންނައިރު ލާމަރުކަޒީ އުސޫލުންނޭ ހިންގަން ޖެހެނީ ބުނެފައި އޮތަސް، ލާމަރުކަޒީ ކުރެވޭނެ ބޭނުން ވަރަކަށް. ގާނޫނުއަސާސީގައި ބުނާ ލާމަރުކަޒީ ގާނޫނު ހަދާ އިރު ހަދަން ވާނީ، ޔުނިޓަރީ ދައުލަތެއްގައި އޮންނަންވީ ސިފަތައް ނަގަހައްޓައިގެން. އޭގެ ތެރެއިން ބޭރު ނުވެ ކަންކަން ކުރެވޭނެ ގޮތަކަށް. އޭގެ މާނައެއް ނޫން އެއީ ފެޑަރަލް ސިސްޓަމެއް ހިންގާހެން ކޮންމެ ރީޖަނެއްގައި ވަކިން ބާރުތައް ހުރުމެއް ނޫން. އެކަން ކުރަން ބޭނުން ނަމަ އެކަން ވެސް ކުރަންވާނީ ގާނޫނުގެ ތެރެއިން. ދެން އަޅުގަނޑުމެން ޔުނިޓަރީ ދައުލަތުގެ ވާހަކަ ގާނޫނުއަސާސީގައި ލިޔުނީ، އެއީ ރާއްޖެއަށް މަސްލަހަތު ހުރިގޮތަށް އެންމެންނަށް ފެނުނީމާ.

ސ: ވަރަށް ބޮޑު ޝަކުވާއަކަށް އޮވޭ ރާއްޖޭއަކީ މި އޮތީ ޕާލިމަންޓްރީ ނިޒާމެއްވެސް ނޫނޭ، ބަރުލަމާނީ ނިޒާމެއްވެސް ނޫނޭ. އެއްވެސް ނިޒާމަކަށް ނުވާ ނިޒާމެކޭ. އޭގެ ސަބަބުން އެއްބާރު އަނެއްބާރުގެ މައްޗަށް އަތްގަދަ ކުރުމާ މިކަހަލަ ކަންކަމަށް މަގުފަހިވޭ. ކިހިނެތްތޯ މިކަމާ މެދު ދެކެވަޑައިގަންނަވަނީ؟

ޖ: އަބަދުވެސް އެކަން އޮންނާނީ އެހެން. ވެރިކަމަށް އަންނަ ބޭފުޅެއްގެ އަތް މައްޗަށް ރައްޔިތުންގެ މަޖިލިސް ލިބިއްޖެ ކަމުގައި ވާނަމަ، ރައްޔިތުން މަޖިލީހަށް ގާނޫނު ހެދުމުގެ ބާރު އޮންނަންޔާ ވެރިމީހާ ބޭނުން ގޮތަކަށް އެކަން ހިނގާނީ. އެ ހަގީގަތް ގަބޫލުކުރާ މީހުންނާ ނުކުރާ މީހުން ތިބޭނެ. އެކަން ޖެހޭނީ ރައްޔިތުން ހޭލުންތެރިކަމާ އެކު ވިސްނަން. ވެރިކަން ބަޔަކާ ހަވާލުކުރާއިރު ބެލެންސެއް އޮންނާނެ ގޮތަކަށް، ކިހިނެއް ވޯޓްލީމާތޯ އެ ޕަވާ ބެލެންސް ހިފެހެއްޓޭނީ. އެއީ ރައްޔިތުންގެ އަތްމަތީގައި އޮންނަ ކަމެއް. އެކަމަށް ރައްޔިތުން ހޭލުންތެރިވެ ވިސްނިގެން ދިޔައިމާ އޮންނާނީ ރަނގަޅަށް. މިފަހަރުވެސް އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއިން ބުނީ ހުރިހާ ބާރެއް ސަރުކާރު ހިންގާ މައި ޕާޓީއަށް ދިނީމާ އެބޭފުޅުން ބޭނުން ގޮތަށޭ ހުރިހާ ކަމެއް ދާނީ. މަޖިލިސް މެޖޯރިޓީ އެމްޑީޕީއަށް ދިނީމާ އެމްޑީޕީ އިސްބޭފުޅުން ބޭނުންގޮތަށޭ ހުރިހާ ކަމެއް ނިމޭނީ. އެކަމަކު ރައްޔިތުން އެގޮތަށް ނިންމީ ދެއްތޯ؟ ދެން އަދި އަޅުގަނޑުމެންގެ ތެރެއިން ގިނަ ރައްޔިތުންނަކީ އެއިރެއްގައި ސިޔާސީ ގޮތުން ބާރުވެރިބަޔަކު ދައްކާ ވާހަކަ ގަބޫލުކޮށް އެލެވަލްއަށް ކަންކަން އަންޑަސްޓޭންޑްވާ ބައެއް ގިނަ މީހުންނަކީ. އެއީ ސިޔާސީ، އިޖުތިމާއީ، ތައުލީމީ ކަމެއްގައި ވިޔަސް. މަދު ބަޔަކު ވިސްނަނީ. އޭގެ ސަބަބުން މިވާގޮތަކީ އެހާ ބޮޑު ސުޕަމެޖޯރިޓީ، އެއް ބަޔަކަށް ލިބުނީމާ އެބޭފުޅުން ބޭނުން ގޮތަކަށް ދަރުގަޑު ކިއްސަރު ޖަހާފައި ކޮށާލެވޭނެ. ދެން އަނެއް ފަސް އަހަރު އަންނަންދެން އަޅުގަނޑުމެން ތިބެން ޖެހޭނީ. ބެލެންސް ހިފެހެއްޓޭނޭ ގޮތަކަށް ރައްޔިތުން ހޭލުންތެރިވެގެން ކަންކަން ރަނގަޅު ކުރެވޭނީ. ޕަވާ ޝިފްޓް ކުރެވޭނީ ރައްޔިތުންނަށް. އެހެނެއް ނޫން ބަޑީގެ ބެރަލްއިންނޭ އިންސާފު ލިބޭނީ ގަބޫލު ކުރާ ވެރިއަކު ކަންތައްތަކެއް ގަދަބާރުން ކޮށްފާނެ. އެކަމަކު އެހެން ކުރާ ހުރިހާ ކަމަކާ އެފަރާތަކުން ކުރިމަތިލާން ޖެހޭނެ. އޭގެ ނަތީޖާ ކުރިމަތިވާނެ ލަހެއް ނުވެ. އެހެންވީމާ ހުރިހާ ރައްޔިތުންގެ ވިސްނުން އެބަ ޖެހޭ ތަރައްގީވާން ބާރު ހަވާލުކުރާއިރު ބެލެންސްކޮށް އެކަން ކުރަން. އެކަމަކު އެ ހިސާބަށް ދާން ވަގުތު ނަގާނެ. ޔޫރަޕް އެމެރިކާގައި ވެސް މައްސަލަތައް އެބަހުރި. ހަމަ ބްލެކް ލައިވް މުޒާހަރާތައް އޮއެއް ދަނީ ނޫންތޯ އެމެރިކާގައި. އެކަމަކު އެބޭފުޅުން ހިފަހައްޓާ ހަމައެއް އޮވޭ. ގާނޫނުއަސާސީއަށް ފާޑުފާާޑު ބަދަލުތައް އަވަސްއަވަހަށް ނުގެންނާނެ.

ސ: މައުމޫންގެ 30 އަހަރަށް ފަހު މައުމޫންގެ ވެރިކަން ދެން ދެމިގެން ނުދާނެ ގޮތެއް ހެދުމަށް ވިސްނައިގެން ސީދާ ވެރިކަމުގައި ހުންނަ މީހާގެ ބާރުތައް ވެރިކަން ނުކުރެވޭ ވަރަށް ހަނިކޮށްފައޭ ގާނޫނުއަސާސީ ހެދީ ކަމަށް އެބަ ބުނޭ. ކީކޭތޯ މިކަމާ މެދު ވިދާޅުވާނީ؟

ޖ: ނޫން ނޫން އެއްގޮތަކަށް ވެސް އެހެނެއް ނޫން. އެއްގޮތަކަށް ވެސް ވެރިކަން ހިންގަން އަންނަ މީހަކަށް ވެރިކަން ނުހިންގޭ ހިސާބަށް ކަންކަން ގެންދާކަށް، އެރޭވުމުގައި ވެސް އޮތް އެއްޗެއް ނޫން ގާނޫނުއަސާސީއަކީ. ބައްލަވާލައްވާ ގާނޫނުއަސާސީގެ 115 ވަނަ މާއްދާ. ހާދަ ބޮޑެތި ބާރުތަކޭ ރައީސްކަން ކުރައްވާ ބޭފުޅަކަށް ދީފައިވަނީ. އިތުރުވާހާކަ ނިމުނީ. ފުލުހުންނާއި ސިފައިންގެ ބާރުވެރިކަން ލިބުނީމާ، ގައުމެއް ހިންގަން ބޭނުންވާ މީހަކު ހިންގާނެ. ބޭނުން ގޮތަކަށް ހިނގާނެކަން މި އޮތީ ފެންނަން. ޕީޕީއެމް ސަރުކާރުން ބައްލަވާ، ޔާމީންގެ ރައީސްކަމުގައި އޭނާ ކަންތައް ކުރެއްވި ގޮތަކީ، އަނެއްކާ އޭގެ ކުރިން ހުންނެވި ބޭފުޅަކުވެސް މިދެންނެވީ އެމްޑީޕީއަށް ފުރަތަމަ ޑެމޮކްރަސީއަށް ބަދަލުވެފައި ވެރިކަން ދިން ފަހަރުގެ ވާހަކަ ރައީސް ނަޝީދު ވެސް ފަނޑިޔާރަކު ނިޒާމުން ގެއްލުވާލީ. ބާރު ނެތޭ އެހެންވީމާ ނެތެއްނޫންތޯ ދެންނެވެން. ލިޔެފައި އެއްޗިހި ހުއްޓާ ހަމަ މި ހުރިހާ ކަމެއް މިވީ. އެހެނެއް ނޫން ކެތްތެރިކަން ކުޑަވީ. އެއީ ވެރިކަން ހިންގުމަށް ހަމަ ބޭނުންވާނެ ހުރިހާ ބާރެއް އެ ހުރީ ރައީސްއަކަށް ލިބިފައި އޮތީ. އެ އުސޫލުން ވެރިކަން ހިންގަން އެނގޭ ބޭފުޅުން އޭގެ ތެރެއިން ވެރިކަން ކުރެއްވޭނެ. ދެން އެކި ޒަމާނުގައި އެކި ކަންކަން ތަޖުރިބާ ކުރެވެމުން ދާނެ. އެކި ކަހަލަ ވެރިން އަޅުގަނޑުމެންނަށް މި އަންނަނީ ފެންނަމުން. އެއީ ގާނޫނުއަސާސީގެ މައްސަލައެއް ނޫން.

ސ: ފެހި ގާނޫނުއަސާސީއިން ލިބުނު އެންމެ ބޮޑު ފައިދާއަކީ ކޮބައިތޯ އެހެންވީމާ ގާސިމް ދެކެވަޑައިގަންނަވާ؟

ޖ: ޝައްކެއްވެސް ނެތް އެއީ ދިވެހިންނަށް މި ލިބުނު މިނިވަންކަން. އަޅުގަނޑުމެން ރައްޔިތުން ބިރުފަހަނައަޅާ ކަންކަމުގައި ނިކުމެ މި އުޅެވެނީ މި ގާނޫނުއަސާސީ އޮތީމާ. ބޭނުން އެއްޗެއް އެބަ ބުނެވޭ. މީގެ ކުރިން އޭރު ވެރިއަކަށް ހުންނަ މީހަކު އެއްޗެއް ހިތަށް އަރާލިޔަސް އެ ދުވަސް އެދިޔައީ އެ މީހެއްގެ. އެކަމަކު ދެން މިއަދު އެހެނެއް ނޫން. ވަަރަށް ތަފާތު. އެކަމަކު އަދިވެސް މި ގާނޫނުއަސާސީގެ ހަގީގީ ފައިދާ ހޯދުމަށް ކުރަން ޖެހޭ ބައިވަރު ކަންކަން ހަވާސާގައި އެބަހުރި. އަޅުގަނޑުމެންނަށް ލިބޭ ތަޖުރިބާގެ އަލީގައި ކަންކަން ރަނގަޅުވަމުން ދާނީ. ވަގުތު ނަގާނެ.

ސ: ރައްޔިތުންގެ ވިސްނުން ބަދަލުވާން ޖެހޭ ކަމަށް ގާސިމް ފާހަގަ އެބަ ކުރައްވާ މި ގާނޫނުއަސާސީގެ ފޮނި މީރުކަން ލިބެން. ރައްޔިތުން ގާނޫނުއަސާސީއަށް ހޭލުންތެރިވެފައި ވޭތޯ؟

ޖ: ގާނޫނުއަސާސީގައި މިހުރި ހައްގުތަކާއި މިނިވަންކަމާ މި ހުރިހާ އެއްޗެއް އެބަ ޖެހޭ ބުނެދޭން އެންމެ އާދައިގެ މީހާއަށް ވެސް. އަޅުގަނޑުމެން އެބަ ޖެހޭ ގާނޫނު އަސާސީ ވަރަށް ވަރަށް ބޮޑަށް ކިޔައިދޭން. ގާނޫނުތަކުގައި މިހުރީ ކޯޗެއްތޯ ރައްޔިތުންނަށް ބުނެދޭން ޖެހޭ. ރައްޔިތުން އަހުލުވެރި ކުރަން އެބަޖެހޭ. ސްކޫލުން ނިމިފައި އަންނަ ކުއްޖާއަށް ވެސް ނޭނގޭ ކޯޗެއްކަން ގާނޫނުއަސާސީގައި ގާނޫނުތަކުގައި އޮތީ. ކުށަކަށް ވަނީ ކިހިނެއްކަން ވެސް ނޭނގޭ. މި ސްކޫލްތަކުގައި ވެސް 10،11،12 ނިންމާފައި ނިކުންނަ ކުދިންނަށް ކިޔަވައިދޭން އެބަ ޖެހޭ. އެކަމަކު އެކަން ވެސް މި ޑިޕެންޑް ވަނީ ބާރުގައި ތިބޭ ފަރާތްތަކަށް. އެކަން އެބަ ރައްޔިތުންނަށް ބުނެދޭން ޖެހޭ. މިއަށް އަހުލުވެރި ކުރުވަން ޖެހޭ.

ސ: ގާނޫނުއަސާސީއަށް 12 އަހަރު ފުރޭ މި ދުވަހު ރައްޔިތުންނަށް ދެއްވާނެ މެސެޖަކީ ކޮބައިތޯ ނިންމާލުމުގެ ގޮތުން؟

ޖ: ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުން އަޅުގަނޑުމެންގެ މަސްލަހަތު އޮތް ގޮތަކީ. ބޮޑެތި ހައްގުތަކެއް އެބަ ލިބޭ. އެކަމަކު އެ ހައްގުތައް އެ މިނިވަންކަން ބޭނުން ކުރަންވާނީ އަޅުގަނޑުމެން ޖަނަވާރުންގެ ދަރަޖައަށް ނުވެއްޓޭ ވަރަށް. ގައުމުގެ އިސްތިގުލާލަށް ގެއްލުން ނުވާ ގޮތަށް. އެއީ ކޮންމެ ފަރާތަކުން ކަމުގައި ވިޔަސް. އަޅުގަނޑުގެ އުންމީދަކީ މި ގާނޫނުއަސާސީގެ ފޮނި މީރުކަން އަޅުގަނޑުމެންނަށް ކުރިއަށް އޮތްތަނުގައި އިތުރަށް ލިބިގެން ދިޔުން. އަޅުގަނޑުމެން ހަނދާން ކުރަންވީ އަޅުގަނޑުމެންގެ މަސްލަހަތު ގުޅިފައި އޮތީ މި ގާނޫނުއަސާސީއާކަން.

comment ކޮމެންޓް